ގުރުއާން ހިތުދަސް ކުރި އުމުރުން ފަސް އަހަރުގެ މުހައްމަދު އަޝްހަމް އަލީ އަށް ސައުދީ އެމްބަސީން ހަދިޔާއެއްގެ ގޮތުގައި 1،000 ޑޮލަރު (15،420 ރުފިޔާ) އާއި އޭނާގެ ކިޔެވުމަށް އިތުރު އެހީ މިއަދު ދީފި އެވެ.
ސައުދީ އެމްބަސީގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައި، އަޝްހަމަށް ހަދިޔާ ހަވާލުކޮށްދެއްވީ އެ އެމްބަސީގެ ބައެއް ވެރިންނެވެ. ފައިސާގެ އެހީގެ އިތުރުން، ހުޅުމާލޭގައި ހުންނަ އޯޓިޒަމް ކުދިންނަށް ކިޔަވައިދޭ ސެންޓަރުން އަޝްހަމަށް ހިލޭ ކިޔަވައިދޭ ގޮތް ވެސް އެ އެމްބަސީން ވަނީ ހަދައިދީފަ އެވެ. އަޝްހަމަކީ އޯޓިޒަމް އަދި އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްއޭޑީ) ހުންނަ ކުއްޖެކެވެ.
ގުރުއާން ދަސްކޮށްދިނުމަށް އަޝްހަމްގެ މައިންބަފައިން ކުރި މަސައްކަތުގެ އަގުވަޒަންކޮށް، ހަދިޔާއެއްގެ ގޮތުގައި އެ މީހުންނަށް އަގުބޮޑު ދެ ގަޑި ވެސް އެމްބަސީން ވަނީ ދީފަ އެވެ.
ސައުދީ އެމްބަސީން ބުނިގޮތުގައި އެހާ ޅައުމުރެއްގައި ގުރުއާން ހިތުދަސް ކުރުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ. އަދި ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒަށް އެއްވެސް މެސެޖެއް ދޭން އެބައޮތްތޯ އަޝްހަމްގެ ބެލެނިވެރިންގެ ގާތު އެތަނުގެ ވެރިން އެއްސެވި އެވެ. އެކަމަކު ބެލެނިވެރިން އޭގެ ވަކި ޖަވާބެއް ނުދެ އެވެ.
އަޝްހަމް ވަނީ ގުރުއާނުގެ ބައެއް އާޔަތްތަކާއި އޭގެ މާނަ އެމްބަސީގެ އޮފިޝަލުންނަށް ކިޔައިދީފަ އެވެ.
އަޝްހަމް ގުރުއާން އެއްކޮށް ހިތުދަސްކޮށް، ސްކޫލަށް ވަނީ ކިޔައިދީފަ އެވެ. އަދި އިސްލާމިކް މިނިސްޓްރީ އަށް ކިޔައިދީ، ހާފިޒުކަމުގެ ސަނަދު ނެގުމަށް އޭނާ މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް ދިން އިންޓަވިއުއެއްގައި އަޝްހަމްގެ މަންމަ، ޝިފާނާ ޔޫސުފް ބުނީ "އަލިފުބާ" ދަސްނުކޮށް، އަޝްހަމް ވަރަށް ތުއްތުއިރު، ޓީވީއިން އަޑުއަހައިގެން ގުރުއާން ކިޔަވަން ފަށައިފި ކަމަށެވެ. އަދި ގުރުއާނާ އެކު، ގިނަ އާޔަތްތަކުގެ މާނަ ވެސް ހިތުން ދަސްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
"އަޝްހަމަށް އަދިވެސް ނޭނގޭނެ ރީތިކޮށް ވާހަކަ ދައްކާކަށް. ވަރަށް މަދު ލަފުޒުތަކެއް ކިޔާނީ. އެކަމަކު ގުރުއާނުން ކޮންމެ ތަނެއް ދެއްކިޔަސް ފަސޭހަކަމާ އެކު ކިޔާލާނެ،" ޝިފާނާ ބުންޏެވެ.