ވޯލްޑް ކަޕްގެ ގްރޫޕް އެޗްގެ ދެވަނަ މެޗުގައި ސައުދީ އަރަބިއާ ކައިރިން އުރުގުއޭ ބަލިނުވެ ސަލާމަތް ވެއްޖެ އެވެ.
ފްލޮރިޑާގެ މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މެޗު އެއްވަރުވީ 1-1 ންނެވެ.
މެޗުގައި ސައުދީން ދެއްކި މޮޅު ދިފާއީ ކުޅުމާ އެކު، ދެކުނު އެމެރިކާގެ ގަދަބާރު އުރުގުއޭ އަށް ވަނީ ޕޮއިންޓަކުން ފުއްދާލަން ޖެހިފައެވެ. ގުރޫޕް އެޗްގެ ފުރަތަމަ މެޗުގައި ކޭޕް ވާޑޭ ކައިރިން ސްޕެއިން ވެސް ފުއްދާލީ ޕޮއިންޓަކުންނެވެ.
މެޗުގެ ކުރީކޮޅު އުރުގުއޭއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ސައުދީންނެވެ.
މެޗުގެ 41 ވަނަ މިނެޓުގައި ސައުދީގެ އަބްދުﷲ އަލް-އަމްރީ ވަނީ ހުށިޔާރުކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ލީޑް ނަގައި ދިފަ އެވެ.
ސައުދީގެ މިޑްފީލްޑަރު މުޞްޢަބު އަލް ޖުވައިރު ކޯނަރެއް އުރުގުއޭގެ ފެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކުރި އެވެ. މި ބޯޅައަށް އުރުގުއޭގެ ދިފާއީ ކުޅުންތެރިންނަށްވުރެ މައްޗަށް އަރައި، ސައުދީގެ ޑިފެންޑަރު ޙަސަން އަލް ތަމްބަކްތީ ވަނީ ބާރު ބޯޅައެއް ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. އުރުގުއޭގެ ގޯލްކީޕަރު ފެނާންޑޯ މުސްލޭރާ އަތުން އެ ބޯޅަ ޕަންޗުކޮށް ދިފާއުކުރެވުނު ނަމަވެސް ބޯޅައިގެ ނުރައްކާ ކުޑައެއް ނުކުރެވުނެވެ. އޭނާއަށް އެ ބޯޅަ ބޭރުކޮށްލެވުނީ ހަމަ ނުރައްކާތެރި ޒޯނަށެވެ. ކީޕަރު އަތުން ނެއްޓިގެން އައި ބޯޅައަށް އެންމެ އަބަހަށް އެރި ސައުދީގެ ސެންޓްރަލް ޑިފެންޑަރު އަމްރީ، ގޯލުގެ މެދަށް ބޯޅަ ފޮނުވާލި އެވެ.
މެޗުގައި ސައުދީގެ ގޯލްކީޕަރު މުހައްމަދު އަލް އުވައިސް ވަނީ މޮޅު ކުޅުމެއް ދައްކައި، އުރުގުއޭގެ ހަމަލާތައް ނާކާމިޔާބުކޮށްލާފަ އެވެ. އޭނާ ވަނީ މި މެޗުގައި ޖުމްލަ އަށް ސޭވް ކޮށްފަ އެވެ. މީގެ ތެރެއިން ހާ ސޭވް އޭނާ ކުރީ ދެވަނަ ހާފުގަ އެވެ.
ފުރަތަމަ ހާފުގެ ދަށް ކުޅުމަކަށް ފަހު، އުރުގުއޭއިން އެ ޓީމުގެ ފެޑެރީކޯ ވަލްވާޑޭ ސީދާ މިޑްފީލްޑުގެ މެދަށް ބަދަލުކުރި އެވެ. މި ބަދަލާއެކު އުރުގުއޭގެ ކުޅުން ބަދަލުވި އެވެ. އެ ޓީމުން ސައުދީގެ ގޯލަށް އުފައްދަން ފެށި ހަމަލާތައް އިތުރަށް ވަރުގަދަ ކުރި އެވެ.
މުޅި މެޗުގައި އުރުގުއޭއިން ސައުދީގެ ގޯލަށް އަމާޒުކޮށް 21 ހަމަލާ ފޮނުވާލި އެވެ.
އެ ޓީމުން ޕްރެޝަރުގެ އުފެއްދި ހަމަލާތަކުގެ ނަތީޖާއަކަށްވީ، މެޗުގެ 80 ވަނަ މިނެޓުގައި މެކްސީ އަރައުހޯ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮ ކުރުމެވެ. ކީޕަރު އަތުން ނެއްޓިގެން އައި ބޯޅައަކުން އަރައުހޯ ޖެހި މި ލަނޑާއެކު، ސައުދީން ހޯދަން އުޅުނު ތާރީހީ މޮޅު އުރުގުއޭއިން ހުއްޓުވިއެވެ.