އުމްރާއަށް ގެންދަން ފައިސާ އަތުލައި އަޅުކަމަށް ނުގެން ގޮސް އަސްކޮއި ގްރޫޕުން ލަނޑުދިން ބަޔަކަށް ހަފުތާއެއްގެ ތެރޭގައި 155،700ރ. ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. 

އެ ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކުރީ، އުމްރާއަށް ގެންދަން ހަ މީހެއްގެ އަތުން ފައިސާ ނަގައިގެން ފިލި މައްސަލައެއްގަ އެވެ. މި މީހުންގެ ތެރޭގައި ގދ. ތިނަދޫ ދެ އާއިލާއެއްގެ މީހުންނާއި މާލޭ އާއިލާއެއްގެ ހަތަރު މީހުން ހިމެނެ އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވާގޮތުން އެ މައްސަލައިގައި ހިމެނޭ ހަ މީހުންގެ ފަރާތުން އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދާ ދެކޮޅަށް މައްސަލަ ހުށަހެޅީ އުމްރާއަށް ދިޔުމަށް އެ މީހުން ދެއްކި 155،700ރ. އާއި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ހިނގި 42،000ރ. ހޯދުމަށެވެ.

މި ފައިސާ ދައްކާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދާއި ކުންފުނިން ވަނީ ޝަރީއަތުގައި އެއްބަސްވެފަ އެވެ. މި އެއްބަސްވުމާ އެއްގޮތަށް ހަތް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ނަމަވެސް ޝަރީއަތުގެ ހަރަދުގެ ގޮތުގައި ދިޔަ ކަމަށް ބުނާ ހަރަދަކީ ދައުވާ ލިބޭ ފަރާތުގެ ކިބައިން ނަގައި ދެވޭނެ ފައިސާކަން ހުށަހަޅާފައިވާ ލިޔުންތަކުން ޝަރިއަތުގައި ސާބިތު ނުވާތީ އެ ފައިސާ ނަގައިދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ކޯޓުން ބުންޏެވެ.

އުމްރާއަށް ގެންދާނެ ކަމަށް 28 މީހެއްގެ އަތުން ފައިސާ އަތުލައި، އަޅުކަމަށް ނުގެންދިޔަ މައްސަލާގައި އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ގްރޫޕްގެ ހުއްދަ ބާތިލުކޮށް، ބޮޑެތި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން އެ ކުންފުންޏަށް އަދި އެ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް ގެންދިއުމުގެ ހުއްދަ ނުދޭން ވެސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

އޭރު އެ ގްރޫޕުން އުމްރާއަށް ދިއުމަށް ކޮންމެ މީހަކު ވަނީ 25،500ރ. ދައްކައިފަ އެވެ. އެއީ ޖުމްލަ 714،000ރ. އެވެ.

މި އަހަރު ފެބްރުއަރީގައި ވެސް އަސްކޮއި ގްރޫޕާ ދެކޮޅަށް ދައުވާކުރި އާއިލާއަކަށް 185،000 އަށްވުރެ ގިނަ ރުފިޔާ ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެއީ ދައުވާގައި ހޯދުމަށް ހުށަހެޅި 155،250ރ. އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 30،000ރ. އެވެ.

ކުންފުނިތަކުގެ ރަޖިސްޓްރީގައިވާ ގޮތުގައި، އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޑެޓުގެ ވެރިންނަކީ އަބްދުﷲ ރަޝީދާއި އަހްމަދު ސަނިލް އެވެ. މީގެ އިތުރުން އަސްކޮއި ހައްޖު އުމްރާ ގްރޫޕްގެ ނަމުގައި ވެސް ވަނީ ކުންފުންޏެއް ހަދައިފަ އެވެ.