ސްކޫލް ގައިޑް: މައާނީގެ ނަސޭހަތް، އޭ ލެވެލްގެ ދަރިވަރުންނަށް

އޯ ލެވެލްގައި ރަނގަޅު ކާމިޔާބީއެއް ލިބުނު ކަމަށް ވިއަސް މައާނީ މުއާވިޔަތު ޝަރީފް ގަބޫލުކުރަނީ އޭ ލެވެލް އުނދަގޫވާނެ ކަމަށެވެ. އެހެންވެ ގްރޭޑު 11ގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފިލާވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށް އޭނާ ދެކެ އެވެ.


އޯ ލެވެލްގައި ހަތް މާއްދާއިން އޭ ސްޓާ އަދި އެއް މާއްދާއިން ބީ ހޯދައިގެން ރާއްޖޭގެ ގަދަ ތިން ވަނައިން ޖާގަ ހޯދި މައާނީ ބުނީ އެންމެ ފަހު ވަގުތަށް ފިލާވަޅުތައް ބެހެއްޓުމުން ކިޔަވަން ވަަރަށް އުނދަގޫވާ ކަމަށެވެ. އޯ ލެވެލްގައި ބައެއް ކުދިންގެ އެ އާދައާ އެކު ވެސް ރަނގަޅު ނަތީޖާއެއް ލިބުނަސް އޭ ލެވެލްގައި އެ ފުރުސަތު ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.

"ކުރިއާލާ ކިޔަވައިގެން އޭ ލެވެލްގައި ރަނގަޅު ނަތީޖާއެއް ލިބޭނީ،" ސީއެޗްއެސްއީގެ ދަރިވަރު ބުންޏެވެ.

އޭނާ ބުނީ އޭ ލެވެލްގައި ކިޔަވަން ޖެހޭ ސިލަބަސް ވަރަށް ބޮޑު ކަމަށެވެ. އެހެންވެ ޓެސްޓަށް ދުރާލާ ތައްޔާރުވާން ޖެހެ އެވެ.

އޯ ލެވެލްގައި އަންނަނީ އެހެން ގްރޭޑުތަކުގައި ކުރިން ވެސް ކިޔަވާފައި ހުރި ބައިތަކަށް ވުމުން، ބައެއް ކުދިންނަށް އުނދަގުލެއް ނުވެ އެވެ. އެކަމަކު އޭ ލެވެލްއަށް ކިޔަވާ އިރު އެ ހުރިހާ ކަމެއް ތަފާތުވެ އެވެ. މައާނީއަށް އޭ ލެވެލްގައި އެންމެ އުނދަގޫ ކަމަކަށް ދިމާވީ ވެސް އަލަށް ދަސްކުރަން ޖެހޭ އެއްޗެހި ގިނަވުމެވެ. ސިލަބަސް ބޮޑުވުމަކީ ހުރިހާ ގޮތަކުން ވެސް ގޮންޖެހުމެކެވެ.

މައާނީ ފާހަގަކުރި ބައެއް ޕޮއިންޓްތައް

- ފިލާވަޅުތައް ބަރާބަރަށް ދަސްކުރުން

- އަމިއްލަ ނަފްސަށް އިތުބާރުކުރުން

- ބެލެނިވެރިންނާއި ޓީޗަރުންގެ ނަސޭހަތް އަޑުއެހުން

ސީއެޗުއެސްއީ ދަރިވަރު މަައާނީ -- ފޮޓޯ: އަބްދުލް ރަހްމާން މަބްރޫކް/ މިހާރު

ކިޔަވާއިރު ވަކި ޝެޑިއުލެއް ހެދުމަކީ، މޮޅު އެހެން ކުދިން ބުނާ ފަދައިން، މައާނީއަށް ވެސް އެހީއަކަށް ވި ކަމެކެވެ. ފިލާވަޅުތައް ފަސޭހައިން ދަސްވާނެ ގޮތަކަށް ކުދި ނޯޓުތައް ހެދުމާއި އޮޅުންއަރާ އެއްޗެހި ޓީޗަރުން ކައިރިން ވީހާ ވެސް އަވަހަކަށް އޮޅުން ފިލުވުމަކީ ވެސް އޭނާގެ އާދައެކެވެ.

"އެންމެ ފަހު ވަގުތު އުޅެން ހަދައިގެން ވަގުތެއް ނޯންނާނެ. ހާސްވެގެން ޓެސްޓް ހަދަން އުޅެފިއްޔާ ރަނގަޅެއް ނުވާނެ. އެހެންވެ ކުރީ ބައިގައި ދަސްކޮށް ވީހާ ވެސް ހަމަޖެހިގެން ޓެސްޓް ހަދާށޭ ބުނެވޭނީ،" މައާނީ އޭނާގެ ނަސޭހަތް ތަފްސީލުކޮށްދިނެވެ.

އޭ ލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ޒަމާނީ އެހެން ވަސީލަތްތައް ވެސް ބޭނުންކުރެވިދާނެ އެވެ. އެގޮތުން މައާނީ ފާހަގަކުރި އެއް ކަމަކީ މާއްދާތަކާ ބެހޭ ގޮތުން ޔޫޓިއުބްގައި ހުންނަ ވީޑިއޯތަކެވެ..

މައާނީ ދެކޭ ގޮތުގައި އެންމެ ބުއްދިވެރި ކަމަކީ ކުރީގެ ޕޭޕަރު ހަދައި މާކިން ސްކީމުން ދަސްކުރުމެވެ. އޭރުން ސުވާލުތަކަށް ޖަވާބު ދޭން ޖެހޭ ގޮތް ވަރަށް ރަނގަޅަށް އެނގޭނެ އެވެ.