އިމާދުއްދީން ސްކޫލުގެ ގްރޭޑް 2017 ގައި ބަދަލުވާ ޝާހާ
29 ނޮވެމްބަރ 2016
ގްރޭޑް 1-7 އަށް ކިޔަވާ ނިމުމުން ހުރިހާ ކުދިންނަށް ވެސް އިހުސާސްކުރެވޭނީ "ތިމަންނަ ތަންކޮޅެއް ބޮޑުވެއްޖެ" ކަމަށެވެ. އެހެން ވެދާނެ އެވެ. ޕްރައިމަރީ ކިޔެވުން ނިންމާލެވުނީ އެވެ. ދެން ފަށަނީ ސެކަންޑަރީ ތައުލީމެވެ. އިމާދުއްދީން ސްކޫލުގެ ޖޫނިއަ ދިވެހި ކްލަބްގެ ރައީސް، ފާތުމަތު ޝާހާ ހުސެން 2017 ގައި ކުރިމަތިލާނީ ސެކަންޑްރީ ތައުލީމުގެ ފުރަތަމަ އަހަރާ އެވެ.
މިދިއަ ހަތް އަހަރު ކޮންމެ ގްރޭޑަކުން ވެސް މަތީ ނަތީޖާއެއް ހޯދަން ޝާހާ ބުރަ މަސައްކަތްތަކެއް ކުރި އެވެ. ކޮންމެ ގްރޭޑަކަށް ބަދަލުވާއިރު ވެސް ވަރަށް ބޮޑަށް ތައްޔާރުވެ އެވެ. ކޮންމެ އަހަރެއްގެ ވެސް ކިޔެވުން ފެށުމުގެ ކުރިން، އެ ގްރޭޑެއްގެ ފޮތްތައް ހޯދައި މުތާލިއާކުރެ އެވެ. ކިޔެވުން ފަށާއިރު ފިލާވަޅުތައް ދެނެގަންނަން ފަސޭހަވާނެ ކަމަށް އޭނާ ބުނެ އެވެ.
ގްރޭޑްތައް މަތިވާއިރު ކިޔަވާ އެއްޗެހި ވެސް އުނދަގޫވާކަން، އެހެން ކުދިންނެކޭ އެއްގޮތަށް، ޝާހާ ވެސް ތަޖުރިބާކުރި އެވެ. ކޮންމެ އަހަރަކު ވެސް ކުރަން ޖެހޭ މަަސައްކަތް އޮންނަނީ ބުރަވެފަ އެވެ.
ތައުލީމީ އާ މަރުހަލާއަކަށް ބަދަލުވާއިރު، ހުރިހާ ގޮތަކުން ވެސް ތައްޔާރުވާން ޝާހާ ވަނީ ދަސްކޮށްފަ އެވެ. ގްރޭޑް އަށެއްގައި އިތުރު މާއްދާތަކެއް ކިޔަަވަން ޖެހެ އެވެ. ސްކޫލުގެ އެކި ހަރަކާތްތަކުގައި ބައިވެރިވާން ޖެހެ އެވެ. އެއިން ކޮންމެ ކަމަކުން ވެސް ދަރިވަރަށް އާ ކަންތައްތަކެއް ދަސްވާނެކަން އޭނާ ގަބޫލުކުރެ އެވެ.
ގްރޭޑް އަށަކަށް ބަދަލުވާ ކުދިން ކިޔަވާނެ ސްޓްރީމެއް ހިޔާރުކުރަން ޖެހޭނެ އެވެ. ކުރިއަށް ދާނެ ވަކި ހާއްސަ ދާއިރާއެއް ކަނޑައަޅާފައި ނެތް ނަމަވެސް، ޝާހާ ދެކޭ ގޮތުގައި، ނަގަން ޖެހޭނީ އެ ކުއްޖަކު އެންމެ ޝައުގުވެރިވާ މާއްދާތައް ހިމެނޭ ސްޓްރީމެކެވެ. އެހެން ނޫނީ ވަކި ހިސާބަކުން ޝައުގުވެރިކަން ގެއްލި، ކިޔަވާ ހިތް ނުވުން ފަދަ މައްސަލަތައް ދިމާވެދާނެކަން އޭނާ އަށް މިހާރު ވެސް އެނގެ އެވެ.
"އަޅުގަނޑު ކުރިއަށް ދާނެ ވަކި ދާއިރާއެއް އަދި ނޭނގެ. އެކަމަކު އެންމެ ކުޑައިރުއްސުރެ ސައިންސް މާއްދާތައް ކިޔަވާހިތްވަނީ. އެހެންވެ، ހިޔާރު ކުރާނީ ސައިންސް ސްޓްރީމް،" ޝާހާ ބުންޏެވެ.
ގްރޭޑް އަށަކަށް ބަދަލުވާ ކުދިން މިހާރު ވެސް ތިބޭނީ އުފަލުންނެވެ. ޝާހާ ވިސްނާ ގޮތަށް، ހުރިހާ ކުދިން ވެސް ގަބޫލުކުރަން ޖެހޭނީ ޒިންމާތައް ވެސް ގިނަވާނެ ކަމެވެ. ގިނަ މާއްދާތައް ކިޔަވަން ޖެހޭއިރު އޭގެ މާނައަކީ ފިލާވަޅުތައް ވެސް ގިނަވުމެވެ. ޝާހާގެ ނަސޭހަތަކީ ހުރިހާ ކުދިން ވެސް ކިޔެވުމުގެ އާ މަރުހަލާއަކަށް ތައްޔާރުވެ، ކިޔަވަން ފެށުމެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް