ގްރޭޑް 8، ހާސްނުވޭ، ޝައުގުވެރި އެތައް ކަމެއް

ގްރޭޑް އަށަކަށް ބަދަލުވާ އިރު ވަރަށް ގިނަ ކުދިން ތިބެނީ ހާސްވެފަ އެވެ؛ ސެކަންޑަރީ ގްރޭޑްތަކުގެ ސިލަބަސް ބޮޑުވާނެ ކަން އެނގޭތީ އެވެ. ފުރަތަމަ އަހަރު ވެސް ވަރަށް އުނދަގޫވާނެ ކަމަށް ގިނަ ކުދިން ހީކުރެ އެވެ.


އެކަމަކު އިސްކަންދަރު ސްކޫލުގެ މޫސާ ޝަފްރާހު ދެކޭ ގޮތުގައި ގްރޭޑް އަށަކީ ތައުލީމީ ހަޔާތުގައި އެންމެ އުފާވެރި އަހަރަށް ވާނެ އެވެ. ސަބަބަކީ ޕްރައިމަރީ ގްރޭޑްތަކުގައި ވަރަށް އެއް ކަހަލަ މާއްދާތަކެއް ކިޔެވުމަށް ފަހު އަށެއްގައި ވަރަށް ތަފާތު މާއްދާތަކެއް މުޅިން އަލަށް ކިޔަވަން ޖެހުމެވެ.

"ބައޮލޮޖީ، ކެމިސްޓްރީ ފިޒިކްސް، ކޮމާސް، ކަހަލަ މާއްދާތައް އަލަށް ފަށާއިރު ވަރަށް އިންޓަރެސްޓިން ވާނެ. އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ދެން އޮޕްޝަނެއްގެ ގޮތުގައި ވެސް ލިބޭނެ އިކޯން ނުވަތަ ޓީޓީ ކަހަލަ މާއްދާތައް ވެސް،" އޭނާ ބުންޏެވެ.

ވަރަށް ތަފާތު ތަޖުރިބާއެއް

ހަތެއް ނިންމައި ސާނަވީ ތައުލީމް ފަށަނީ އާންމުކޮށް ދެ ސްޓްރީމަކުންނެވެ؛ ކޮމާސް އާއި ސައިންސެވެ. ޝަފްރާހު ޝައުގުވެރިކަން ހުރީ ސައިންސް ސްޓްރީމަށް ކަމަށް ވާތީ އޭނާ ކިޔަވަމުން އަންނަނީ އެ ދާއިރާ އިންނެވެ.

"ވަރަށް ތަފާތު އެސްޕެރިމެންޓްސްތައް ވެސް ހަދަން ޖެހޭނެ. މިސާލަކަށް ބައޯގެ ސްޓާޗް އެކްސްޕެރިމެންޓް ހެދީ މުޅިން އަލަށް. ފުރަތަމަ ދުވަހު ވެސް ހުރިހާ ކުދިންނަށް ވެސް އެކަން ވަރަށް ޝައުގުވެރި. ވަރަށް އާ ކަންކަން ދަސްވި،" ޝަފްރާހު ބުންޏެވެ.

މޫސާ ޝަފްރާހު "މިހާރު"އާ ވާހަކަ ދައްކަނީ: ގްރޭޑް އަށެއް ވަރަށް ޝައުގުވެރިކަމަށް އޭނާ ބުނި-- ވީޑިއޯ: ހުސެން ޝަޔާހު/ މިހާރު

ޕްރައިމަރީ ގްރޭޑްތަކާ އަޅާބަލާއިރު އަށެއްގެ ސިލަބަސް ބޮޑުކަމުން، ކިޔަވަން ފެށިއިރު ތަންކޮޅެއް އުނދަގޫވި އެވެ. އެކަމަކު ކޮންމެ މާއްދާއަކުން ވަރަށް އާ ކަންތައްތަކެއް އެނގި، ދަސްވާން ފެށީމަ ކިޔަވަން ޖެހުނު ލޯބި ކުރިއަށް ވުރެ ބޮޑުވި އެވެ.

ޝަފްރާހު ބުނީ އެހެން ގްރޭޑްތަކެކޭ އެއްގޮތަށް އަށެއްގައި ވެސް އެންމެ މުހިއްމީ ވަގުތު ދީގެން ފިލާވަޅު ދަސްކުރުން ކަމަށެވެ. ފަހުން ދަސްކުރަން ބެހެއްޓުމުން މާ އުނދަގޫވާނެ ކަމަށް އޭނާ ބުންޏެވެ.

ދޭތެރެ ދޭތެރެ އިން ޕާސްޓް ޕޭޕަރުތައް ހެދުމަކީ، އޭނާ ބުނި ގޮތުގައި، ގްރޭޑް އަށެއްގައި އެންމެ މުހިއްމު އެއް މަސައްކަތެވެ. ކިޔަވާ ނިމޭ ޔުނިޓަކާ ގުޅުން ހުރި ޕޭޕަރުތައް އަބަދުވެސް ހަދަން ޖެހެ އެވެ. ފިލާވަޅުގެ ތެރެއަށް ވަދެ، ޓެސްޓަށް ތައްޔާރުވެވޭނީ އޭރުންނެވެ.

ޝަފްރާހު ބުނި ގޮތުގައި އޭނާ އަށް އެންމެ އުނދަގޫވީ ފިޒިކްސް އެވެ. އެކަމަކު ވަގުތު ދީގެން ކިޔެވުމުން ނަތީޖާ ވަރަށް ރަނގަޅުވެ އެވެ.

"ކޮންޓެންޓް ތަފާތުވެފައި ތިން ޕޭޕަރު ހަދަން ޖެހުނީމަ ކުޑަކޮށް އުނދަގޫވީ. ދަސްކުރީމަ ޓެސްޓް ކައިރިވިއިރު ހާސްވާކަށް ނުޖެހުނު،" ޝަފްރާހު ބުންޏެވެ.

އޭނާ ކިޔަވާ ޝެޑިއުލް އެކުލަވާލީ ސްކޫލުގެ އިތުރު ހަރަކާތްތަކަށް ވެސް ވަގުތު ދެމުންނެވެ. ބައިވަރު މާއްދާތައް ހުއްޓަސް ހުރިހާ ވަގުތެއް ކިޔަވަް ހޭދަކުރުމަކީ ރަނގަޅު ގޮތެއް ކަމަކަށް ޝަފްރާހު ނުދެކެ އެވެ. އޭގެ ބަދަލުގައި، އޭނާ ކިޔަަވަނީ ވަގުތު ބަހާލައިގެންނެވެ. ސްކޫލް ނިންމާފައި، މެންދުރު ގެއަށް ގޮސް އަރާމުކޮށްލުމަށް ފަހު، ކިޔަވަން ކަނޑައަޅާ ގަޑިތަކުގައި އެ މާއްދާއެއް އޭނާ ކިޔަވަ އެވެ. ފަހުން ދަސްކުރާކަށް އެއްވެސް ފިލާވަޅެއް ނުބަހައްޓަ އެވެ.

ގްރޭޑް އަށެއްގައި ކިޔަވާ ސިލަބަހުން އޯ ލެވެލް އިމްތިހާނުގައި ސުވާލު އަންނާނެ އެވެ. އެކަމާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނުން ބަހައްޓަން ޖެހޭ ކަމަށް ޝަފްރާހު ދެކެ އެވެ.

"ޕްރައިމަރީ ގްރޭޑްތައް ފަސޭހަވިއަސް އަށެއްގައި ސިލަބަސް ވެސް، ކޮންޓެންޓް ވެސް ވަރަށް ބޮޑު. މި ސިލަބަހުން ގްރޭޑް 10 ގައި ސުވާލު އަންނާނެ، އެހެންވީމަ ކިޔެވުމަށް ވަގުތު ދިނުން ވަރަށް މުހިއްމު ވާނެ،" ޝަފްރާހު ބުންޏެވެ.

"ގްރޭޑް އަށެއް މިއީ ވަރަށް އުފާވެރި ތަޖުރިބާއެއް. އެހެން ކުދިންނަށް ވެސް ވަރަށް އުފާވެރި ވާނެ ކަމަށް އުއްމީދުކުރަން."