ޝަރަފުވެރިކަމާ އެކު މަގާމުން ވަކިވާ ފަނޑިޔާރުންނަށް ދައުލަތުން އިނާޔަތެއް ދޭ ގޮތަށް ފަނޑިޔާރުންނާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު، ފަނޑިޔާރުންނާ ބެހޭ ގާނޫނަށް ބަދަލު ގެނައުމުގެ ބިލް މިއަދުގެ ޖަލްސާގައި ފާސްކުރީ 25 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލް ފާސްކުރީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުންގެ ވޯޓާ ނުލަ އެވެ. ބިލަށް ވޯޓަށް އެހި އިރު ވޯޓުގައި ބައިވެރިވީ 56 މެމްބަރުންނެވެ. އޭގެ ތެރެއިން ދެ މެމްބަރަކު ވަކި ގޮތަކަށް ވޯޓު ދެއްވާފައި ނުވާ އިރު ބިލް ފާސްކުރަން ބޭނުންވީ 23 މެމްބަރެއްގެ ވޯޓެވެ.

ކުރީގެ ފަނޑިޔާރުންނަށް އިނާޔަތް ދޭ ގޮތަށް ގާނޫނު ބަދަލުކުރަން ހުށަހެޅި ބިލް ފާސްކުރީ ކޮމިޓީން ދިރާސާ ކުރި ކޮމިޓީން ފާސްކޮށްފައިވާ ގޮތަށެވެ. އެކަމަކު މިއީ ސޯޝަލް މީޑިއާގައި އާންމުންގެ ފާޑުކިއުން ބޮޑުވި އިސްލާހެކެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ ވެސް އެ ބިލާ ދެކޮޅެވެ. އެހެންވެ ކުރިއަށް އޮތް 19 ވަނަ މަޖިލީހަށް އެ މައްސަލަ އަލުން ވައްދައި، މިއަދު ގެނައި ބަދަލު އުވާލާނެ ކަމަށް ބެލެވެ އެވެ. ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބިލް ތަސްދީގުކުރައްވާނެ ކަމާ މެދު ވެސް ބައެއް މީހުން ސުވާލު އުފައްދަ އެވެ.

އަންނަ މަހު ހުވާކުރާ އާ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ.

މޭ 28، 2014 އިން ފެށިގެން ހިނގަމުން އަންނަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ އެންމެ ފަހު ޖަލްސާ މިއަދު ބޭއްވި އިރު މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ މަޖިލީހުން ކުރަން ޖެހޭ މަސައްކަތުގެ 94 ޕަސެންޓް ހާސިލުވެފައިވާ ކަމަށެވެ.