ފެންވަރު ރަނގަޅު ބްރޭންޑުތަކުގެ ރީތިވާ ސާމާނު ހެޔޮ އަގުގައި ވިއްކުމަށްޓަކައި ހުޅުމާލޭގައި ރޭ އާ ފިހާރައެއް ހުޅުވައިފި އެވެ.
ބޮކަރުމާ ހިނގުމުގައި ހުޅުވި "ކެމިސްޓްރީ" ފިހާރަ އިން މައިގަނޑު ގޮތެއްގައި ވިއްކަނީ އަންހެނުންނަށް ބޭނުންވާ ތަފާތު ވައްތަރުގެ ތަކެތި ކަމަށް އެ ތަނުގެ ވެރިޔާ ޔޫސުފް ޒުހުރީ ވިދާޅުވި އެވެ. އޭގެ ތެރޭގައި ރަނގަޅު ބްރޭންޑްތަކުގެ ރީތިވާ ސާމާނާއި މޭކަޕްގެ އިތުރުން ދަބަހާއި ސްޓޭޝަނަރީ ފަދަ ބާވަތްތައް ވެސް ހިމެނެ އެވެ.
މި ފިހާރަ ރަސްމީކޮށް ހުޅުއްވައި ދެއްވީ، އެއްވެސް ކެމިކަލެއް ބޭނުން ނުކޮށް ރީތިވާ ސާމާނު ރާއްޖޭގައި އުފައްދަމުން އަންނަ "ސްކިން ކޭންޑީ" ގެ ސީއީއޯ ލުބްނާ މުހައްމަދު ޒާހިރު ހުސައިނެވެ.
ކެމިސްޓްރީ ފިހާރައިގައި ވަނީ ސްކިން ކޭންޑީގެ އުފެއްދުންތަކަށް ހާއްސަ ކައުންޓަރެއް ވެސް ހަދައިފަ އެވެ. މިއީ މާލޭގައި ހުންނަ ސްކިން ކޭންޑީ އައުޓްލެޓް ފިޔަވައި އެތަނުގެ އުފެއްދުންތަކަށް ޚާއްސަ ކައުންޓަރެއް އެހެން ފިހާރައެއްގައި ހެދި ފުރަތަމަ ފަހަރެވެ.
ލުބްނާ ވިދާޅުވީ، ކެމިސްޓްރީ ފިހާރައިގައި ސްކިން ކޭންޑީގެ ސާމާނު ވިއްކަން ނިންމީ ވަރަށް ގިނަ ކަންތަކަށް ވިސްނުމަށް ފަހު ކަމަށެވެ. އަދި ސްކިން ކޭންޑީގެ އުފެއްދުންތައް އެންމެ އެކަށީގެންވާ ގޮތަށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި އެތަނުން ވާނީ ކެމިސްޓްރީގެ މުވައްޒަފުން ތަމްރީނުކޮށްފައި ކަމަށް ވެސް ވިދާޅުވި އެވެ.
ލުބުނާ ވިދާޅުވި ގޮތުގައި، ސްކިން ކޭންޑީގެ އުފެއްދުންތައް ހުޅުމާލެ އަށް ޑެލިވަރީ ކުރުން، ކެމިސްޓްރީ ފިހާރަ ހުޅުވުމާ ގުޅިގެން ހުއްޓާލާނެ އެވެ.
"އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް މިހާރު ވެސް ހުޅުމާލެ އަށް ޑެލިވާ ކުރަމުން އައީ. މި ފިހާރަ [ކެމިސްޓްރީ] ހުޅުވުނީމާ އެ ތަނުން އެ ޕާޗޭޭސްތައް ހަދާނީ،" އޭނާ ވިދާޅުވި އެވެ.
ކެމިސްޓްރީ ފިހާރައިގެން ވެރިޔާ ޔޫސުފް ވިދާޅުވީ، އެ ފިހާރައިގައި ސްކިން ކޭންޑީގެ ސާމާނުތައް ވިއްކަން ނިންމީ އެއީ ދިވެއްސެއްގެ ރަނގަޅު އުފެއްދުންތަކަކަށް ވާތީ ކަމަށެވެ.
"[ސްކިން ކޭންޑީ] އެއީ 100 ޕަސެންޓް އޯގަނިކް ޕްރޮޑަކްޓަކަށް ވެފައި، މިހާރު ވަރަށް ބޮޑަށް މަގުބޫލުކަން ހޯދަމުން އަންނަ ޕްރޮޑަކްޓަކަށް ވުމުން، އަޅުގަނޑުމެން ވެސް ހަމަ ދިވެހި ޕްރޮޑަކްޓެއް ރަނގަޅަށް ހިންގަން ގެނައި [ބްރޭންޑެއް އެއީ]،" ޔޫސުފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންހެނުންގެ ރީތިވާ ސާމާނަށް ޚާއްސަ ފިހާރައެއް ހުޅުމާލޭގައި ހުޅުވީ، އެއީ ޒުވާނުންގެ ސިޓީ އަކަށް ވާތީ އެވެ.
ރީތިވާ ސާމާނުގެ އިތުރުން ގޭތެރޭގައި ބޭނުންކުރެވޭނެ ބައެއް މުދާ ވެސް ވިއްކާ ކެމިސްޓްރީ ފިހާރައިގެ ކޮންސެޕްޓަކަށް ބެލީ ކޮރެއާގެ ފިހާރަތަކުން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ބޭނުންވާ ގިނަ ތަކެތި އެއްތަނަކުން ލިބޭ ގޮތައް ހަދާފައި ހުންނަ ފިހާރަތަކުގެ ކޮންސެޕްޓެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މީހަކު ބޭނުންވާނެ ހުރިހާ އެއްޗިއްސެއް ވަން-ސްޓޮޕް ފިހާރައަކުން ލިބޭނެ ގޮތް ހަމަޖައްސަން،" ޔޫސުފް ވިދާޅުވި އެވެ.