އިޒްރޭލުން ޣައްޒާގެ އެއްވެސް ރައްޔިތަކު އެތަނުން ބޭރުކުރުމަށް ނުވަތަ ޑީޕޯޓްކުރުމަށް "ރާވަމުން ނުދާ" ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ގިޑިއަން ސާރް ބުދަ ދުވަހު ބުނެފި އެވެ.

އޭނާ މިހެން ބުނީ އިޒްރޭލުގެ އެމްބަސީއެއް ހުޅުވުމަށް ސްލޮވީނިއާއަށް ކުރި ދަތުރެއްގަ އެވެ. 

"އަމިއްލަ އިޚްތިޔާރުގައި" ޣައްޒާއިން ނުކުންނަން ބޭނުންވާ މީހަކު ހުރެ، އަދި އެ މީހަކު ބަލައިގަންނަން ތައްޔާރަށް އޮތް ގައުމެއް އޮތް ނަމަ — ދުނިޔޭގެ އެހެން ހަނގުރާމަވެރި ސަރަހައްދުތަކުގައި ވެސް ކަންތައް ހިނގާ ގޮތަށް — އެކަމަށް އިޒްރޭލުން ދެކޮޅު ނުހަދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޣައްޒާގައި ދިރިއުޅޭ ދެ މިލިއަން މީހުން އެ ސަރަހައްދުން ބޭރުކުރުމުގެ ރޭވުންތަކާ މެދު އިޒްރޭލުގެ ކެބިނެޓުގެ ބައެއް ވަޒީރުން ވާހަކަދައްކަވާފައިވެ އެވެ. ނަމަވެސް، އެ މީހުން އެކަން ސިފަކުރަނީ އަމިއްލައަށް އެދިގެން ކުރާ ކަމެއްގެ ގޮތުގަ އެވެ. އެ މީހުން ބުނާ ގޮތުގައި ފަލަސްތީނު ރައްޔިތުން ފުރައިގެން ދާން ބޭނުންވި ނަމަވެސް، އެކަމަށް ހުރަސްއަޅަނީ ހަމާސް ޖަމާއަތުންނެވެ.

ސާރް މިހެން ބުނީ ސްލޮވީނިއާގައި އިޒްރޭލުގެ އެމްބަސީ ހުޅުވުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މި އެމްބަސީ ހުޅުވަނީ ސްލޮވީނިއާގެ ނޭޝަނަލިސްޓް ބޮޑުވަޒީރު ޔާނޭޒް ޔާންޝާ، އިޒްރޭލާ އެކު އޮންނަ ހާރިޖީ ގުޅުންތައް އަލުން ބަދަހިކުރުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ.

ސާރް ވަނީ ސްލޮވީނިއާއިން އިޒްރޭލާ ގާތް ގުޅުމެއް ބާއްވާތީ ޝުކުރު އަދާކޮށްފަ އެވެ.

"އެމްބަސީއަކީ ހަމައެކަނި އިމާރާތެއްގައި ނަގާފައިވާ ދިދައެއް ނޫން. އެއީ ގުޅުމަކަށް ކުރެވޭ އިންވެސްޓްމަންޓެއް، އަދި މުސްތަގުބަލަށް ވާ ވައުދެއް. އަހަރެމެން އެކުގައި ކުރަން ރާވަމުން މިދަނީ އެކަން،" ސާރް ބުންޏެވެ.

ލިއުބުލިއާނާގައި އިޒްރޭލުގެ އެމްބަސީއެއް ހުޅުވުމަކީ ސްލޮވީނިއާގެ ކުރީގެ ސެންޓަ-ލެފްޓް ސަރުކާރުގެ ސިޔާސަތުތަކާ މުޅިން ހިލާފު ނިންމުމެކެވެ. ކުރީގެ ސަރުކާރު އޮތް އިރު ސްލޮވީނިއާ އަކީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް އީޔޫއިން އެންމެ ބޮޑަށް ފާޑުކީ އެއް ގައުމެވެ.