ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް، ކުއްލި ހާލަތްތައް ފަސޭހައިން އަންގައިދޭ ޒަމާނީ ނިޒާމުތައް މިހާރު ހުރި ފްލެޓްތަކާއި އަލަށް ހަދާ ފްލެޓްތަކުގައި ހަރުކުރުރުމަށް ސަރުކާރުން ވިސްނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ ރައީސްއާ ހިއްސާކުރެވޭ ގޮތަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާ ޕްރޮގްރާމްގައި، އިވުމުގެ ނުކުޅެދުންތެރިކަން ހުރި ދެމަފިރިއަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ ދެމަފިރިން ވަނީ، އެމީހުން ދިރިއުޅޭ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މީހުންނަށް އެކަން ވަގުތުން އެނގޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ބިރުވެރިކަން ރައީސްގެ ސަމާލުކަމަށް ގެންނަވައިފަ އެވެ.
ބަލި ބައްޕައެއް ބަލަމުން އަންނަ އެ ދެމަފިރން، ކަމެއް ދިމާވެއްޖެ ނަމަ މީހެއްގެ އެހީއަށް އެދުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ، އިޝާރާތުގެ ބަހުގެ ތަރުޖަމާނެއްގެ އެހީއާ އެކު ރައީސްއާ ހިއްސާ ކުރި އެވެ.
އެ ދެމަފިރިން ވަނީ ތައުލީމު ހާސިލުކުރަމުންދާ އެ މީހުންގެ ތިން ދަރިންނަށް ސްކޫލު މާހައުލުން ދިމާވާ ގޮންޖެހުންތައް ވެސް ހިއްސާކޮށްފަ އެވެ. އެއީ އިވުމުގެ މައްސަލައެއް ނެތް ކުދިންނަށް ކަމަށް ވިޔަސް އެ ކުދިންގެ ތައުލީމާ ގުޅުން ހުރި ކަންކަމުގައި ޓީޗަރުންނާ މުއާމަލާތު ކުރުމުގައި ދެމަފިރިންނަށް ދަތިތައް ވަރަށް ބޮޑުކަން ފާހަގަކުރި އެވެ.
އެ އާއިލާގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ރައީސް ވިދާޅުވީ، ސަރުކާރުން އަލަށް ތަރައްގީކުރާ ފްލެޓްތަކަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކުއްލި ނުރައްކަލުގެ ހާލަތްތައް ފަސޭހައިން އަންގައިދެވޭނެ ޒަމާނީ ނިޒާމުތައް އެކުލެވޭ ތަންތަނަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ދޫކުރާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާއިލާތަކަށް އެންމެ ތިރީ ފަންގިފިލާތައް ހާއްސަކޮށްދިނުމަކީ މިހާރު ވެސް ބަލާ ކަންތައްތައް ކަމަށާއި އެކަމަކު އިތުރަށް އެ ކަންކަން ބަލައި އެފަދަ މީހުން މީހުން ދިރިއުޅެމުންދާ އިމާރާތްތަކުގައި ވެސް އެފަދަ ފަރާތްތަކަށް ރައްކާތެރި އަދި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސެވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.