ޕެރިސް (ނޮވެމްބަރު 30) - ފްރާންސްގެ ފުޓްބޯޅައިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ނުވަތަ ބެލޮންޑިއޯ އެވޯޑް ހަތްވަނަ ފަހަރަށް ލިއޮނެލް މެސީ ހޯދައިފި އެވެ.
އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި ބެލޮންޑިއޯ އެވޯޑް ހަފުލާގެ އެންމެ ޝަރަފުވެރި އެވޯޑް އާޖެންޓީނާ އާއި ޕީއެސްޖީގެ ފޯވާޑް ކާމިޔާބުކުރީ ބަޔާން މިޔުނިކާއި ޕޮލެންޑް ރޮބަޓް ލެވޮންޑޮސްކީ އަދި ޗެލްސީ އާއި އިޓަލީގެ ޖޯޖީނިއޯއާ ވާދަކޮށެވެ. މިދިޔަ އަހަރުގެ އެވޯޑް ލިބެން އޮތީ ލެވޮންޑޮސްކީ އަށެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު އެވޯޑް ބާއްވައިފައެއް ނުވެ އެވެ. ލެވޮންޑޮސްކީ އަކީ މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގައި ހުރި ކުޅުންތެރިޔާ އެވެ. މިދިޔަ އަހަރު އޭނާ އަށް ވަނީ ފީފާގެ ދަ ބެސްޓް އެވޯޑް ދީފަ އެވެ.
ބެލޮންޑިއޯ އެވޯޑް ކުރިން ދެމުން އައީ ފީފާ ވެސް އެކަމުގައި ބައިވެރިވުން އޮވެގެންނެވެ. އެކަމަކު ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ 2016 ވަނަ އަހަރު އެ އިދާރާގެ ރައީސްކަމާ ހަވާލުވުމަށް ފަހު އޭނާ ނިންމެވީ ފީފާ ވަކި އެވޯޑެއް ދޭށެވެ. އެ އެވޯޑް ދޭ ކުޅުންތެރިޔަކީ ރަސްމީ ގޮތުން އެ އަހަރެއްގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ ކަމުގައި ކަނޑައެޅި އެވެ.
އެންމެ ގިނަ ބެލޮންޑިއޯ އެވޯޑް ހޯދި އާޖެންޓީނާގެ ކެޕްޓަން މެސީ ވަނީ މިދިޔަ ޖުލައި މަހު އާޖެންޓީނާގެ ގައުމީ ޓީމާ އެކު ކޮޕާ އެމެރިކާގެ ޗެމްޕިއަންކަމާ އަދި މިދިޔަ ސީޒަންގައި ބާސެލޯނާއާ އެކު ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެެވެ. ކޮޕާ އެމެރިކާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދީ މެސީ އެވެ. ލެވޮންޑޮސްކީ ވަނީ ބަޔާން މިޔުނިކްއާ އެކު ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ޔޫރަޕުގެ ޗެމްޕިއަން މެޑަލް ގައުމީ ޓީމު އަދި ކަލްބުގައި ހޯދި ޖޯޖީނިއޯ ވަނީ މި އަހަރު ބޭއްވި ޔޫރޯގެ ޗެމްޕިއަންކަން އިޓަލީ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެެ. އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ޗެލްސީ އަށް ހޯދައިދިނުމުގައި ވެސް އޭނާގެ ދައުރު ބޮޑެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އެވޯޑް ހޯދީ ބާސެލޯނާ އާއި ސްޕެއިންގެ އެލްކްސިއާ ޕުޓޭޔާސް އެވެ. ރަޝިއާގެ ކުރީގެ ކީޕަރު ލޭވް ޔާޝިންގެ ނަމަަށް ނިސްބަތްކޮށް ދޭ އެންމެ މޮޅު ގޯލް ކީޕަރުގެ އެވޯޑް ހޯދީ ޔޫރޯ ފުޓުބޯޅަ މުބާރާތް އިޓަލީ އަށް ކާމިޔާބުކޮށްދިން ޖިއާންލުއީޖީ ޑޮނަރުއްމާ އަށެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް ދޭ ކޮޕާ އެވޯޑް ހޯދީ ބާސެލޯނާ އާއި ސްޕެއިންގެ ޕެޑްރީ އެވެ. އެންމެ މޮޅު ފޯވާޑްގެ އެވޯޑް ހޯދީ ލެވޮންޑޮސްކީ އެވެ. އެންމެ މޮޅު ޓީމަކަށް ހޮވުނީ ޗެލްސީ އެވެ.