ޕެރިސް (ޑިސެމްބަރު 3) – ކްލަބާއި ގައުމީ ޓީމަށް ތަފާތު ބޮޑު ކާމިޔާބެއް ހޯދައިނުދެވުނަސް، އިންޑިވިޖުއަލީ ދެއްކި ތަފާތު މޮޅު ކުޅުމާ އެކު ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ ކެރިއަރުގައި ރެކޯޑް ހަ ވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑް ރޭ ހާސިލްކޮށްފި އެވެ.

ޕެރިހުގައި ރޭ ބޭއްވި އެވޯޑް ހަފުލާގައި މެސީއާ އެވޯޑް ހަވާލުކޮށްދިނީ މިދިޔަ އަހަރު މި އެވޯޑް ކާމިޔާބުކުރި ރެއާލް މެޑްރިޑުގެ ލޫކާ މޮޑްރިޗެވެ. "ފްރާންސް ފުޓްބޯލް" މަޖައްލާ އިން ދޭ މި އެވޯޑް އެންމެ ގިނައިން ހާސިލްކުރުމުގެ ރެކޯޑް މެސީ ގާއިމްކުރީ، އެ މަގާމް ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯއާ މިހާތަނަށް ހިއްސާކުރުމަށް ފަހު އެވެ. ރޮނާލްޑޯ މި އެވޯޑް ހޯދާފައިވަނީ ފަސް ފަހަރެވެ. ދެން އެންމެ ގާތުގައި އޮތީ ތިން ފަހަރު އެވޯޑް ކާމިޔާބުކުރި ފްރާންސްގެ މިޝޭލް ޕްލެޓިނީ އާއި ނެދަލެންޑްސްގެ ޔޮހާން ކްރައިފް އަދި މާކޯ ވޭން ބާސްޓެން އެވެ.

މެސީ އޭނާ އަށް ލިބުނު އެވޯޑްތަކުގެ ކައިރީގައި ފޮޓޯއަކަށް ހުއްޓިލައިގެން. --ފޮޓޯ: އޭއެފްޕީ
މެސީ އޭނާ އަށް ލިބުނު އެވޯޑްތަކުގެ ކައިރީގައި ފޮޓޯއަކަށް ހުއްޓިލައިގެން. --ފޮޓޯ: އޭއެފްޕީ

މިދިޔަ ސީޒަނުގައި ބާސެލޯނާއާ އެކު މެސީ ސްޕެނިޝް ލީގު ކާމިޔާބުކުރި އެވެ. އެކަމަކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން އަދި ސްޕެނިޝް ކަޕުގެ ފައިނަލުން ބަލިވީ އެވެ. އަދި އާޖެންޓީނާއާ އެކު ކޮޕާ އެމެރިކާގެ ސެމީ ފައިނަލުން ވެސް ބަލިވީ އެވެ. އެކަމަކު އިންޑިވިޖުއަލީ އޭނާ ވަނީ ތަފާތު ދައްކައިފަ އެވެ. ނަތީޖާއަކަށްވީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުން އަދި ނޫސްވެރިންގެ ވޯޓުން ހޮވާ ފީފާ އިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުމެވެ.

މި އެވޯޑަށް މެސީއާ ވާދަކުރާ ލިވަޕޫލާ އެކު ޗެމްޕިއަންސް ލީގު އަދި ނެދަލެންޑްސްއާ އެކު ޔުއެފާ ނޭޝަންސް ލީގު ފައިނަލަށް ދަތުކުރި ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކެވެ. އޭނާ ވަނީ މި އަހަރުގެ ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ދެން ވާދަކުރީ ރޮނާލްޑޯ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވެ އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ. ޗެމްޕިއަންސް ލީގާއި އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލުން ކެޓީ އެވެ. އެކަމަކު ރޮނާލްޑޯ ވަނީ ޕޯޗުގަލާ އެކު ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

މި އެވޯޑަށް މިދިޔަ އަހަރު އިތުރުކުރި ބެލޮންޑިއޯ ފެމިނިން ނުވަތަ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ އެމެރިކާގެ މޭގަން ރަޕިނޯ އެވެ. އޭނާއާ ވާދަކުރީ އިންގްލެންޑުގެ ލޫސީ ބްރޮންޒާއި އެމެރިކާގެ އެލެކްސް މޯގަން އެވެ.

ބެލޮންޑިއޯ އެވޯޑް ހޯދި އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ އެމެރިކާގެ މޭގަން ރަޕިނޯ ވީޑިއޯ މެސެޖެއް ދެނީ. --ފޮޓޯ: އޭއެފްޕީ
ބެލޮންޑިއޯ އެވޯޑް ހޯދި އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ އެމެރިކާގެ މޭގަން ރަޕިނޯ ވީޑިއޯ މެސެޖެއް ދެނީ. --ފޮޓޯ: އޭއެފްޕީ

އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ކޮޕާ ޓްރޮފީ ހާސިލްކުރީ އަޔަކްސްގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު މި ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވި ނެދަލެންޑްސް ޑިފެންޑަރު މަތިއަސް ޑި ލީޓެވެ. އޭނާއާ ވާދަކުރީ ބޮރޫޝިއާ ޑޯޓްމަންޑުގެ ވިންގާ ޖޯޑަން ސަންޗޯ އާއި އެތުލެޓިކޯ މެޑްރިޑުގެ ޕޯޗުގީސް ފޯވާޑް ޔޮއާއޯ ފެލިކްސް އެވެ.

އެންމެ މޮޅު ގޯލްކީޕަރަށްދޭ ޔަޝިން ޓްރޮފީ ހޯދީ ލިވަޕޫލުގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ އެވެ. ވާދަކުރީ ބާސެލޯނާގެ ޖަރުމަން ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެން އާއި މެންޗެސްޓާ ސިޓީގެ ބްރެޒިލް ގޯލްކީޕަރު އެޑެސަން އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ބެލޮންޑިއޯ އެވޯޑަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ. މި އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ.