ކުޅިވަރު / އޭއެސް ރޯމާ

ރޯމާގައި 92 އަހަރުވީ ރެކޯޑަކާ ޓެމީ އެއްވަރުކޮށްފި

ރޯމާގެ ފޯވާޑް ޓެމީ އަބްރަހަމް: ރޯމާގެ ފުރަތަމަ ސީޒަންގައި 24 ލަނޑު ޖަހައި އޭނާ ވަނީ 92 އަހަރުވީ ރެކޯޑަކާ އަރާ ހަމަކޮށްފަ

15 އެޕްރީލް 2022 - 15:48

ރޯމް (އޭޕްރީލް 15) - އޭއެސް ރޯމާގައި 92 އަހަރުވީ ރެކޯޑަކާ ޓެމީ އަބްރަހަމް އެއްވަރުކޮށްފި އެވެ.

ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ރޯމާ އިން އަމިއްލަ ދަނޑުގައި ނޯވޭގެ ޗެމްޕިއަން ބޯޑޯ ގްލިމްޓް 4-0 އިން ބަލިކޮށް މުބާރާތުގެ ސެމީ ފައުނަލުން ޖާގަ ހޯދި މެޗުގައި ރޯމާގެ ފުރަތަމަ ލަނޑު ކާމިޔަބުކޮށް ޓަމީ ވަނީ އެޓީމުގެ ޖޯޒީގައި ފުރަތަމަ ސީޒަންގައި 24 ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓްގައި ހިމެނިފަ އެވެ.

އެރެކޯޑް އެންމެ ފުރަތަމަ ހެދީ 1929-1930 ސީޒަންގައި ރޯމާ އަށް ބަދަލުވި ރޮޑޮލްފޯ ވޮލްކް އެވެ. ރޯމާ އާއެކު އޭނާގެ ފުރަތަމަ ސީޒަންގައި އެފަހަރު 24 ލަނޑު ޖަހައިފައި ވެއެވެ. އެވެ. ރޯމާގެ ލެޖެންޑް ފްރެންޗެސްކޯ ޓޮޓީ އާއި އެޑެން ޒެކޯ ވެސް އެކުޅުންތެރިން ރޯމާގައި ހޭދަ ކުރި ފުރަތަމަ ސީޒަންގައި ވެސް ޖހުނީ 24 ލަނޑެވެ.

މި ސީޒަންގައި ޗެލްސީން ރޯމާ އަށް ބަދަލުވި އިންގްލެންޑްގެ ސްޓައިކަރަށް އެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ވެސް އަދި އެބައޮތެވެ.

ކުއާޓާ ފައިނަލުގައި ރޯމާ އާއި ބޯޑޯ ކުޅުނު މެޗު 2-1 އިން ކާމިޔާބު ކުރީ ބޯޑޯ އެވެ. ނަމަވެސް ރޭގެ މޮޅާ އެކު ރޯމާ ވަނީ އެގްރިގޭޓް ނަތީޖާގައި 5-2 އިން ކުރި ހޯދައިފަ އެވެ. ގުރޫޕް ސްޓޭޖުގައި ވެސް ބޯޑޯ ގްލިމްޓް އާއި ރޯމާ ހިމެނުނީ އެއް ގުރޫޕެއްގަ އެވެ. ދެޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި 6-1 އިން ރޯމާ ބަލިވިއިރު ދެވަނަ މެޗު ނިމުނީ އެއްވަރު ވެގެންނެވެ

ރޯމްގައި ރޭ ކުޅުނު މެޗުގައި ރޯމާ އަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ ފަސްވަނަ މިނިޓުގައި ޓެމީ އަބްރަހަމް އެވެ. މިއީ އޭނާ މި ސީޒަނުގައި ޔޫރަޕުގައި ޖެހި އަށްވަނަ ލަނޑެވެ. ބާކީ ތިން ލަނޑު ޖަހައި ހެޓްރިކް ހެދީ އަނިޔާގެ ސަބަބުން ފުރަތަމަ ލެގުގައި ނުކުޅެވުނު ފޯވާޑް ނިކޯލޯ ޒަނިއޯލޯ އެވެ.

ޒަނިއޯލޯގެ ފުރަތަމަ ލަނޑު 23 ވަނަ މިނިޓުގައި ޖެހިއިރު، އޭގެ ހަ މިނިޓު ފަހުން ދެވަނަ ލަނޑު ޖެހީ ބޯޑޯ/ގްލިމްޓްގެ ކީޕަރު ބޯ މަތިން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. އަދި އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނިޓުގައެވެ.

ރޯމާގެ ކޯޗު މޮރީނިއޯ އާއި ޒަނިއޯލޯ ރޭގެ މެޗުގައި.-- ފޮޓޯ: ރޯމާ

މެޗަށް ފަހު ކޯޗު މޮރީނިއޯ ބުނީ، ބޯޑޯ ގްލިމްޓް ބަލިކުރަން ރޯމާ އަށް ހަތަރު މެޗު ކުޅެން ޖެހުމުން ހިތްހަމަ ނުޖެހޭ ކަމަށާއި ނަމަވެސް ރޯމާ އަކީ މީހުން ހީކުރާ ވަރަށް ވުރެ ރަނގަޅަށް ކުޅޭ ޓީމެއް ކަމަށެވެ.

"ސެމީ ފައިނަލުން ޖާގަ ހޯދުން އެންމެ މުހިއްމު ކަމަކީ. މެޗު ފެށުނީއްސުރެން އެންމެ ހައި އިންޓެންސިޓީގައި ކުޅުނީ، 2-0 ގައި އޮތްއިރު ހީވި އަހަރެމެންގެ މެޗެކޭ މިއީ. ފުރަތަމަ ލެގުގައި 2-1 އިން ބަލިވިޔަސް އަހަރެންނަށް މި ޓީމާ ދޭތެރޭ ޔަގީންކަން އޮތް. ވަރުގަދަ ކުލަބަކަށް މި ޓީމު ބަލިކުރަން ހަތަރު މެޗު ކުޅެން ޖެހުމުން ބަލައި ނުގަނެވޭ ހަގީގަތުގައި އެކަމަކު އެޔެއް ނޫން މުހިއްމީކީ، މި ނިމުނީ 5-2 އިން އަހަރެމެން މޮޅުވެގެން،" މޮރީނިއޯ ބުންޏެވެ.

"ހާގީގަތުގައި ބެލުންތެރިންގެ އުންމީދުތަކަށް ވުރެ މޮޅަށް ރޯމާ އެބަ ކުޅޭ. އަހަރެމެން މެޗަކުން ބަލިނުވެ (އިޓާލިއަން ލީގުގައި) ގިނަ ދުވަހު މިތިބެވެނީ ރޭވުންތެރިކަން ރަނގަޅުވެގެންނޭ ބުނެއުޅޭ، އެކަމަކު ހަގީގަތަކީ މީހުން ހީކުރާ ވަރަށް ވުރެ މާ މޮޅަށް އަހަރެންގެ ޓީމު ކުޅޭ."

ލެސްޓާ ސިޓީ ފުރަތަމަ ފަހަރަށް ޔޫރަޕުގެ މުބާރާތެއްގެ ސެމީ ފައިނަލަށް

ސެމީ ފައިނަލުގައި ރޯމާއާ ދެކޮޅަށް ނުކުންނާނީ އިނގިރޭސިވިލާތުގެ ލެސްޓާ ސިޓީި އެވެ. ލެސްޓާ ސިޓީ ސެމީ ފައިނަލަށް ދަތުރުކުރީ ފަހަތުން އަރައި 2-1 އިން ޕީއެސްވީ ބަލިކޮށްގެންނެވެ.

މިއީ ލެސްޓާ ސިޓީ ޔޫރަޕުގެ މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދައިގެން އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގު ކުޅުނު ސީޒަނުގައި ލެސްޓާ މުބާރާތުން ކެޓީ ކުއާޓާ ފައިނަލުންނެވެ.

ލެސްޓާ ސިޓީ އިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ލެސްޓާ ސިޓީ

ލެސްޓާ ސިޓީ އާއި ޕީއެސްވީ ވާދަކުރި ފުރަތަމަ ލެގު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް ރޭ ނެދަލެންޑްސްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޔޫރީ ޓީލެމަންސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މާރިއޯ ގޮޓްޒޭ ތަނަވަސް ކުރި ފުރުސަތެއްގައި ޕީއެސްވީ އަށް ލީޑު ނަގައިދިނީ އެރާން ޒެހާވީ އެވެ. ނަމަވެސް ލެސްޓާ އިން ކާމިޔާބުކުރީ މެޗުގެ ފަހު 13 މިނިޓު ތެރޭ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގެ 77 ވަނަ މިނިޓުގައި އަޔޯޒީ ޕެރޭޒް އޭރިއާ ތެރެއިން ޕީއެސްވީ ކުޅުންތެރިއެއް ކައިރިން ނައްޓާފައި ދިން ބޯޅައެއް ގޯލު މަތީ ކަނަށް ފޮނުވާލައިގެން ލެސްޓާއަށް އެއްވަރު ކޮށްދިނީ ޖޭމްސް މެޑިސަން އެވެ. އަދި 88 ވަނަ މިނިޓުގައި ލެސްޓާ މޮޅުކޮށްދިން ލަނޑު ޖެހީ ރިކާޑޯ ޕެރެއިރާ އެވެ.

ލެސްޓާ ސިޓީ މި ސީޒަނުގައި ފުރަތަމަ ކުޅުނީ ޔޫރޮޕާ ލީގުގަ އެވެ. ނަމަވެސް ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގެ ތިިންވަނަ ލިބުމުން އެޓީމަށް ޖެހުނީ މި ސީޒަނުގައި އަލަށް ފެށި ޔޫރޮޕާ ކޮންފަރެންސް ލީގު ކުޅޭށެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ފްރާންސްގެ މާސޭ އާއި ނެދަލެންޑްސްގެ ފެޔެނޫޑް އެވެ. މާސޭ ވަނީ ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި 1-0 އިން ގްރީސްގެ ޕައޯކް ބަލި ކޮށްފަ އެވެ. އެޓީމުން ފުރަތަމަ ލެގު ކާމިޔާބުކުރީ 2-1 އިންނެވެ.

މާސޭ އިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ޖަހައިދިނީ ޑިމިޓްރީ ޕަޔެޓް އެވެ. ޕަޔެޓް ވަނީ ފުރަތަމަ ލެގުގައި ވެސް އެޓީމު މޮޅުކޮށްދިން ލަނޑު ޖަހައިދީފަ އެވެ.

ފެޔެނޫޑް ސެމީ ފައިނަލަށް ދަތުރުކުރީ 6-4 ގެ އެގްރިގޭޓް ނަތީޖާއިން ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގު މައްޗަށް ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގު 3-3 އިން އެއްވަރުވި ނަމަވެސް ރޭ ކުޅުނު ދެވަނަ ލެގު ފެޔެނޫޑޫން ވަނީ 3-1 އިން ކާމިޔާބު ކޮށްފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454