ކުޅިވަރު / ހޯޒޭ މޮރީނިއޯ

ނޯވޭގެ ބޯޑޯ އަތުން ބަލިވިޔަސް މޮރީނިއޯ ބުނަނީ އަދިވެސް ފޭވަރިޓުންނަކީ ރޯމާ ކަމަށް

ރޯމާގެ ޕޯޗުގީޒް ކޯޗު މޮރީނިއޯ ރޭ ނޫވޭގައި ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ބޯޑޯ (އޭޕްރީލް 8) - ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގައި ރޯމާ އަނެއްކާ ވެސް ނޯވޭގެ ޗެމްޕިއަން ބޯޑޯގްލިމްޓް އަތުން ބަލި ވެއްޖެ އެވެ.

ގުރޫޕް ސްޓޭޖުގައި ވެސް ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅޭ ރޯމާ ވަނީ ނޯވޭގައި ކުޅުނު މެޗުން ލަދުވެތި ގޮތަކަށް، 6-1 އިން ބަލިވެފަ އެވެ. އަދި ގުރޫޕް ސްޓޭގުގައި ރޯމާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އެ މެޗު އެއްވަރު ވީ ވެސް ރޯމާ އިން މެޗު ނިމެން ކުޑަތަން ވެފައި ވަނިކޮށް ޖެހި ލަނޑުންނެވެ.

ނޯވޭގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު ބޯޑޯ ކާމިޔާބުކުރީ 2-1 އިންނެވެ. ފުރަތަމަ ހާފު ނިމެނިކޮށް ހެންރިކް މިކިތާރްޔަން ދިން ބޯޅައަކުން ރޯމާ އަށް ލީޑު ނަގައިދިނީ ލޮރެންޒޯ ޕެލެގްރީނީ އެވެ. ނަމަވެސް ބޯޑޯ އިން ވަނީ ފަހު ހާފުގައި ދެ ލަނޑު ޖަހައި މެޗު ކާމިޔާބު ކޮށްފަ އެވެ.

ބޯޑޯ އިން 56 ވަނަ މިނިޓުގައި ޔޫލްރިކް ސޯލްޓްނެސް ޖެހި ގޯލުން އެއްވަރު ކުރިއިރު، މޮޅުވި ލަނޑު 89 ވަނަ މިނިޓުގައި ޖެހީ ހޫގޯ ވެލްޓެސަން އެވެ. ރޯމާގެ ކޯޗު މޮރީނިއޯ ވަނީ މެޗަށް ފަހު އާޓިފިޝަލް ޓާފް ދަނޑެއްގައި ކުޅެން ޖެހުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ.

"ތެދަށް ބުނާނަމަ އެންމެ ކަންބޮޑުވާ ކަމަކީ (ޖިއާންލޫކާ) މަންޗިނީއަށް ލިބުނު އަނިޔާ. އެއީ ކަންބޮޑުވުމެއް، އެއީ ޕްލާސްޓިކް ޓާފް ދަނޑެއްގައި ކުޅުޖެހުމުން ދިމާވާ ކަމެއް،" މޮރީނިއޯ ބުންޏެވެ.

"މިރޭ 2-1 އިން ބަލިވީ އެކަމަކު ދެވަނަ ލެގު އަދި ކުރިޔަށް އޮތީ. އެ މެޗް ކުޅޭނީ ސްޓޭޑިއޯ އޮލިމްޕިކޯ ގައި، އަހަރެމެންގެ ސަޕޯޓަރުން ކުރިމަތީގައި. އަހަރެމެންނަކީ މުބާރާތުގެ ފޭވަރިޓުންނޭ ބުނަން އަދިވެސް ފަހެއް ނުޖެހޭ. އަހަރެންގެ ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބަ އޮތް."

ރޯމާގެ ދަނޑުގައި އެޓީމުން ބޯޑޯއާ ދެކޮޅަށް ކުޅޭ ކުއާޓާގެ ދެވަނަ ލެގު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ. މި މެޗަށް ފަހު އެގްރިގޭޓް ނަތީޖާއިން ކުރިހޯދާ ޓީމެއް ސެމީ ފައިނަލުގައި ކުޅެން ޖެހޭނީ އިންގްލެންޑުގެ ލެސްޓާ ސިޓީ އާއި ނެދަލެންޑްސްގެ ޕީއެސްވީއާ ވާދަކޮށް މޮޅުވާ ޓީމަކާ އެކެވެ. ލެސްޓާގެ ދަނޑުގައި އެޓީމުން ރޭ ޕީއެސްވީއާ ވާދަކުރި ފުރަތަމަ ލެގު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.

ޕަޔެޓް ރޭގެ މެޗުގައި މާސޭ މޮޅުވި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކުއާޓާ ފައިނަލުގައި ދެން ކުޅުނު ފްރާންސްގެ މާސޭ އާއި ގްރީސްގެ ޕައޯކް ބައްދަލުކުރި މެޗް 2-1 އިން ކާމިޔާބުކުރީ މާސޭ އެވެ. މެޗުގެ 13 ވަނަ މިނިޓުގައި މާސޭ އަށް ކުޅޭ ބްރެޒިލް ފޯވާޑް ގާސަން ލީޑު ނަގައިދިން އިރު، ޑިމިޓްރީ ޕަޔެޓް ވަނީ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އެޓީމުގެ ދެވަނަ ލަނޑު ޖަހައިދީފަ އެވެ. ޕައޯކް ގެ ހަމައެކަނި ލަނޑު ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ޖަހައިދިނީ އޮމަރު އަލް ކައްދޫރީ އެވެ.

ނެދަލެންޑްސްގެ ފެޔެނޫޑް އިން ރޭ އަމިއްލަ ދަނޑުގައި ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު ނިންމާލީ ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގާ ވާދަކޮށް 3-3 އިން އެއްވަރު ވެގެންނެވެ. ފެޔެނޫޑް އިން 10 ވަނަ މިނިޓުގައި ކޮލަމްބިއާ ފޯވާޑް ލުއިސް ސިނިސްޓެރާ ޖެހި ލަނޑުން ލީޑު ނަގާފައި ވަނިކޮށް ސްލާވިއާ ޕްރާގުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީޓާ އޮލައިންކާގެ ލަނޑުން އެއްވަރު ކޮށްފަ އެވެ.

ފަހު ހާފު ފެށިގެން 67 ވަނަ މިނިޓުގައި ސްލާވިއާ ޕްރާގްގެ ޔީރާ ސޯ އެޓީމަށް ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގައިދިނެވެ. ނަމަވެސް ފެޔެނޫޑް އިން ވަނީ ފަހަތުން އަރައި ދެ ގީލު ޖަހައި އަލުން ލީޑު ނަގައިފަ އެވެ. ފެޔެނޫޑް އަށް އެއްވަރު ކޮށްދިނީ 74 ވަނަ މިނިޓުގައި ޑިފެންޑަރު މާކޮސް ސެންސާއި އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް އަލުން ލީޑު ނަގައިދިނީ އޯކުން ކޮކްޗޫ އެވެ.

ސްލާވިއާ ޕްރާގުން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރީ، ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި އެޓީމަށް އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނީ އިބްރާހިމް ޓްރައޯރޭ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454