ޔުނައިޓެޑްގެ ކޯޗު ކަމާހަވާލުވާ ޓެން ހަގް: އޭނާ އާއެކު ތިން އަހަރުގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ
21 އެޕްރީލް 2022 - 19:41
މެންޗެސްޓާ (އޭޕްރީލް 21) - މެންޗެސްޓާ ޔުނައިޓެޑްގެ ދާއިމީ ކޯޗަކަށް، އަޔެކްސްގެ މިހާރުގެ ކޯޗު އެރިކް ޓެން ހަގް މިއަދު ރަސްމީކޮށް ހަމަޖައްސައިފި އެވެ.
ޔުނައިޓެޑާ، ޓެން ހަގް ހާވާލު ވާނީ އަންނަ ސީޒަނުން ފެށިގެނެވެ. އޭނާ އާއެކު 2025 އާ ހަމަހަށް ޔުނައިޓެޑުން ވަނީ އެއްބަސްވުން ހަދައިފަ އެވެ. އަދި އެކްލަބް ބޭނުން ވެއްޖެނަމަ އިތުރު އަހަރަކަށް އޭނާ ކްލަބްގައި ބެހެއްޓުމުގެ އިހްތިޔާރު ލިބެ އެވެ.
އަޔެކްސްގެ ކޮންޓްރެކްޓްޓައި، ޓެން ހަގް ހުރުމުން، ޔުނައިޓެޑުން ވަނީ އޭނާގެ ޓްރާންސްފާ ފީގެގޮތުގައި 2.5 މިލިއަން ޑޮލަރު އަޔެކްސް އަށް ދޭން އެއްބަސް ވެފަ އެވެ. ޓެން ހަގް އަށް މުސާރައިގެ ގޮތުގައި އަހަރަކު 3.5 މިލިއަން ޑޮލަރު ދޭން ޔުނައިޓެޑުން އެއްބަސް ވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޓެން ހަގް ޔުނައިޓެޑަށް ދަނީ އިތުރު ބާރުތަކާ އެކު އެވެ. އެގޮތުން ޓްރާންސްފާތަކުގައި ފަހުގެ ނިންމުން ނިންމުމުގައި އެގްޒެކެޓިވް ބޯޑާ އެކު އިސްކޮށް މަސައްކަތްކުރާ މީހަކަށް އޭނާ ވުމަށް ޓެން ހަގް ވަނީ ޝަރުތު ކޮށްފަ އެވެ.
ޓެން ހަގުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އޭނާއާ އެކު އަޔެކްސްގައި މަސައްކަތް ކުރާ މިޓްޗެލް ވެން ޑާ ގާގް ވެސް ޔުނައިޓެޑަށް ބަދަލުވާނެ އެވެ. އަދި ޔުނައިޓެޑްގައި އެލެކްސް ފާގަސަންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ސްޓީވް މެކްލެރެން ވެސް ކޯޗިން ޓީމަށް ގެނައުމާ މެދު ދަނީ މަޝްވަރާ ކުރަމުންނެވެ.
ޔުނައިޓެޑުގެ ވަގުތީ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ރަފް ރަންގްނިކް އަންނަ ސީޒަނުން ފެށިގެން މަސައްކަތް ކުރާނީ ޔުނައިޓެޑްގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy