ކުރިއަށް އޮތް މެޗަށް ވެސް މެންޗެސްޓާ ޔުނައިޓެޑަށް އިރުޝާދު ދޭނީ މައިކަލް ކެރިކް ކަމަށް، އެ ކްލަބުން ނިންމާފައިވާ ކަމަށް އިނގިރޭސި މީޑީއާތަކުން ބުނެފި އެވެ.
މިދިޔަ އެއް ހަފުތާތެރޭ ޔުނައިޓެޑަށް ވަނީ ހިތްދަތި ދެ ބައްޔާ ކުރިމަތިވެފަ އެވެ. އެއީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކޯމޯ އަތުން ވީ ބައްޔާއި، ހޮނިހިރު ދުވަހު ބޯންމައުތު އަތުން ވީ ބައްޔެވެ.
ބޯންމައތުގެ މެޗަށް ފަހު ކެރިކް މަގާމުން ވަކި ކުރަން އުޅޭ ކަމަށް އިނގިރޭސި މީޑިއާތަކުން ޚަބަރު ފެތުރި އެވެ. އަދި ނިއުކާސލް ޔުނައިޓެގެ ކުރީގެ ކޯޗު އެޑީ ހޯ އާއި ޖަރުމަނުގެ ކުރީގެ ކޯޗު ހޫލިއަން ނާގެލްސްމަންގެ ތެރެއިން ކޮންމެވެސް، އެއް ކޯޗަކު ޔުނައިޓެޑަށް ގެންނަން އުޅޭ ކަމަށް ވެސް އިނގިރޭސި މީޑިއާތަކުން ބުންޏެވެ.
ކްލަބްގެ އެތެރޭގެ މަސްދަރަކާ ހަވާލާދީ ބީބީސީ އާއި ސްކައި ސްޕޯޓްސް އަދި ޕްރެސް އެޖެންސީ (ޕީއޭ) އިން ބުނީ ޓީމުގެ ހާލަތު ބަދަލުކޮށްލުމަށް ކެރިކަށް އިތުރު ފުރުސަތެއް ދޭން ޔުނައިޓެޑްގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ޓީމަށް އިރުޝާދު ދޭނީ ކެރިކެވެ.
ރުބެން އަމޯރިމާ އެކު ޔުނައިޓެޑް ހަލަބަލިކަމެއްގައި ހޭދަކުރުމުން، އޭނާ މަގާމުން ވަކި ކުރި އެވެ. އެއަށް ފަހު ކެރިކް ކޯޗުކަމަށް ހަމަޖެއްސީ ވަގުތީ ގޮތުންނެވެ. އެކަމަކު އޭނާގެ ކޯޗުކަމުގެދަށުން ލީގުގެ ތިންވަނަ މަގާމު، މިދިޔަ ސީޒަނުގައި ހޯދުމުން ޔުނައިޓެޑުން އޭނާ އަށް ދެ އަހަރުގެ އެއްބަސްވުމެއް ދިނެވެ.
ދާއިމީ ކޯޗެއްގެ ގޮތުގައި އޭނާ އަށް ޓީމުގެ ހާލަތު ބަދަލެއް ނުކުރެވުނެވެ. މި ސީޒަނުގައި ކުޅުނު 12 މެޗުގެ ތެރެއިން ޔުނައިޓެޑް މޮޅުވީ ދެ މެޗުންނެވެ. ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުން ލިބުނީ ހަތް ޕޮއިންޓެވެ. އެ ޓީމާ ރެލިގޭޝަން ޒޯނާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ. މިއީ 40 އަހަރުތެރޭ ޔުނައިޓެޑްގެ ފެށުން އެންމެ ގޯސްވި ސީޒަނެވެ.