ލަންޑަން (ޖެނުއަރީ 25) - އާސެނަލްގެ ދަނޑުގައި މިރޭ 3-2 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް ޕްރިމިއާ ލީގު ތާވަލްގެ ހަތަރުވަނައަށް ޖެހިލައިފި އެވެ.
އާސެނަލް ވަނީ ލިސަންދްރޯ މާޓިނޭޒް އަތުން ބައިކޮޅަށް ވަން ގޯލަކުން 29 ވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. ނަމަވެސް އާސެނަލްގެ ފަހަތަށް ހެދުނު ގޯހަކުން 37 ވަނަ މިނިޓުގައި ބްރަޔަން އެމްބޫމޫ ވަނީ ޔުނައިޓެޑަށް އެއްވަރު ކޮށްދީފަ އެވެ.
ޔުނައިޓެޑް ވަނީ 50 ވަނަ މިނިޓުގައި ޕެޓްރިކް ޑޯރޫ ޖަހައިދިން ގޯލަކުން ލީޑު ނަގައިފަ އެވެ. އެއަށް ފަހު 84 ވަނަ މިނިޓުގައި ކޯނަރަކުން ލިބުނު ފުރުސަތެއްގައި އާސެނަލް އަށް އެއްވަރު ކޮށްދިނީ މިކެލް މެރީނޯ އެވެ. ޔުނައިޓެޑް މޮޅުވި ލަނޑު 87 ވަނަ މިނިޓުގައި ޖަހައިދިނީ މެތިއުސް ކުންޔާ އެވެ.
ކެރިކް ވަނީ އަލުން ޔުނައިޓެޑާ ހަވާލުވެ ކުޅުނު ދެ މެޗުން ވެސް އެ ޓީމު މޮޅު ކޮށްދީފަ އެވެ. ފުރަތަމަ މެޗުގައި ވަނީ އަމިއްލަ ދަނޑުގައި 2-0 އިން މެންޗެސްޓާ ސިޓީ ބަލި ކޮށްފަ އެވެ.
ލީގުގެ އެއްވަނައިގައި އޮތް އާސެނަލް އަށް ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުހޯދިފަ އެވެ. މިރޭގެ ކުރިން ވަނީ ލިވަޕޫލާއި ނޮޓްނަމް ފޮރެސްޓް އަތުން އެއްވަރު ވެފަ އެވެ.
މިއާ އެކު ވެސް އާސެނަލް އެއްވަނައިގައި އޮތީ 23 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ރޭ 2-0 އިން ވުލްވްސް ބަލި ކުރި މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތީ 46 ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ވަނީ 46 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމު ވަނީ މިއަދު 2-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލި ކޮށްފަ އެވެ.
ޔުނައިޓެޑް ހަތަރުވަނައިގައި އޮތީ 38 ޕޮއިންޓާ އެކު އެވެ. ފަސްވަނައިގައި އޮތް ޗެލްސީ ވަނީ މިރޭ 3-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް 37 ޕޮއިންޓް ހޯދައިފަ އެވެ.
އެންމެ ފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލް އޮތީ ހަވަނައިގަ އެވެ. ރޭ މެޗުގެ އެންމެ ފަހު ސިކުންތުގައި ބޯންމަތު އަތުން 3-2 އިން ބަލިވެ ލިވަޕޫލަށް ލިބިފައި ވަނީ 36 ޕޮއިންޓެވެ.