މެންޗެސްޓާ (ޖެނުއަރީ 18) - މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ މައިކަލް ކެރިކް ކޯޗު ކަމުގައި އެނބުރި އައި މެޗުގައި ވާދަވެރި މެންޗެސްޓާ ސިޓީ 2-0 އިން ބަލިކޮށް، ޔުނައިޓެޑުން ގަދަ ހަތަރަކާ ޕޮއިންޓެއް ކައިރިއަށް ޖެހިލައިފި އެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑްގެ ދެ ލަނޑު ޖަހައިދިނީ ބްރަޔަން އެމްބޫމޯ އާއި ޕެޓްރިކް ޑްރޯގޫ އެވެ. އިތުރު ވަގުތުގައި ކުޅެން ނުކުމެ މޭސަން މައުންޓް މިނިޓެއް ނުވަނީސް ޔުނައިޓެޑަށް ތިންވަނަ ގޯލެއް ޖަހައިދިން ކަމަށް ހީކުރެވުނު ނަމަވެސް ރެފްރީ ވަނީ ފަހުން އެ ގޯލު އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް.-- ފޮޓޯ: އޭއެފްޕީ
ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް.-- ފޮޓޯ: އޭއެފްޕީ

ކެރިކް މިހާތަނަށް ޔުނައިޓެޑަށް ކޯޗު ކޮށްދިން މެޗަކުން ބަލިވެފައެއް ނުވެ އެވެ. އެންމެ ފުރަތަމަ 2021 ގައި ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް ބަލި ކުރި އިރު، ދެވަނަ މެޗުގައި ވަނީ ލީގުގައި ޗެލްސީއާ އެއްވަރު ކޮށްފަ އެވެ. އަދި ޖެހިގެން އައި މެޗުގައި ވަނީ ލީގުގައި އާސެނަލް ބަލިކޮށްފަ އެވެ.

މި އަހަރު، ޔުނައިޓެޑާ ދެވަނަ ފަހަރަށް ހަވާލުވެ، މިވަނީ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ޕެޕް ގާޑިއޯލާގެ ސިޓީ ބަލިކޮށްފަ އެވެ.

ކެރިކް އާއި ގާޑިއޯލާ (ވ) ސަލާމް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ކެރިކް އާއި ގާޑިއޯލާ (ވ) ސަލާމް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

"ކާމިޔާބީގެ ތަޅުދަނޑިއަކީ ކޮންސިސްޓެންސީ. އެކަން ކުރެވިއްޖެ ނަމަ މޮޅު ވާނެ،" ޔުނައިޓެޑާ ގުޅޭގޮތުން ކެރިކް ބުންޏެވެ.

"އެކަމަކު [މި ޓީމާ މެދު] ކުރެވޭ އުންމީދުތަކެއް ހުންނާނެ، އެއަށް ވާސިލުވާން ޖެހޭ. އެއީ ޗެލެންޖަކީ."

މި ނަތީޖާއާ އެކު ޔުނައިޓެޑް ފަސްވަނައިގައި އޮތީ 22 މެޗުން 35 ޕޮއިންޓާ އެކު އެވެ. ހަތަރުވަނައިގައި އޮތް ލިވަޕޫލަށް ލިބިފައި ވަނީ 36 ޕޮއިންޓެވެ. ލިވަޕޫލް ވަނީ ރޭ ބާންލީއާ ވާދަކޮށް 1-1 އިން އެއްވަރުވެފަ އެވެ.

ބާންލީއާ ކުލުނު މެޗުގައި ލިވަޕޫލްގެ ވިއެޓްޒް.-- ފޮޓޯ: އޭއެފްޕީ
ބާންލީއާ ކުލުނު މެޗުގައި ލިވަޕޫލްގެ ވިއެޓްޒް.-- ފޮޓޯ: އޭއެފްޕީ

ދެވަނައިގައި އޮތް ސިޓީ އާއި އެއް މެޗު މަދުން ކުޅެގެން ތިންވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ވަނީ 43 ޕޮއިންޓް ލިބިފަ އެވެ.

އެއްވަނައިގައި އޮތް އާސެނަލް ވަނީ މިހާތަނަށް 50 ޕޮއިންޓް ހޯދައިފަ އެވެ. ރޭ އާސެނަލް އާއި ނޮޓްނަމް ފޮރެސްޓް ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.

ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އާސެނަލްގެ ކުޅުންތެރިން.-- ފޮޓޯ: އޭއެފްޕީ
ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އާސެނަލްގެ ކުޅުންތެރިން.-- ފޮޓޯ: އޭއެފްޕީ

ސަންޑަލެންޑުން ރޭ 2-1 އިން ކްރިސްޓަލް ޕެލަސް ބަލި ކުރި އިރު ލީޑްސް ޔުނައިޓެޑް ވަނީ 1-0 އިން ފުލަމް އަތުން މޮޅުވެފަ އެވެ. އަދި ވެސްޓް ހޭމް ޔުނައިޓެޑް ވަނީ 2-1 އިން ޓޮޓްނަމް ހޮޓްސްޕާ ބަލި ކޮށްފަ އެވެ.

ޗެލްސީ ވަނީ އާ ކޯޗު ލިއަމް ރޮސޭނިއޯގެ ކޯޗުކަމުގައި ފުރަތަމަ ލީގު މެޗުގައި ރޭ 2-0 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ.