ޓޮޓެންހަމް ހޮޓްސްޕާސްއާ 1-1 އިން އެއްވަރުވެ، މަންޗެސްޓާ ޔުނައިޓެޑަށް ފާއިތުވި 40 އަހަރުގެ ތެރޭގައި އެންމެ ގޯސް ފެށުމާ ކުރިމަތިލާންޖެހިއްޖެ އެވެ.

އަމިއްލަ ދަނޑު، އޯލްޑް ޓްރެފޯޑުގެ ކުޅުނު މެޗުގައި ލިބުނު އެ ނަތީޖާއިން ޔުނައިޓެޑްގެ ސަޕޯޓަރުން ނުރުހުން ފާޅުކޮށް ގޮވި އަޑުގޭތަކާ ހެދި އެޓީމުގެ ކޯޗު މައިކަލް ކެރިކް، ހުރީ އަސަރުކޮށްފަ އެވެ. 

ފުރަތަމަ ހަ މެޗުން އެ ޓީމަށް ލިބުނީ ހަ ޕޮއިންޓެވެ. މިއީ 1986 ގެ ފަހުން ސީޒަނުގެ މި ހިސާބަށް އައިއިރު ޔުނައިޓެޑަށް އެންމެ މަދުން ޕޮއިންޓް ލިބުނު ފަހަރެވެ. 

މެޗުގެ ތެރެއިންނާއި ނިމުނު ވަގުތު ދަނޑުގައި ތިބި ސަޕޯޓަރުން އިއްވި ނުރުހުމުގެ ބަސްތަކާއި މަލާމާތުގެ އަޑުތަކާ މެދު ކެރިކް ބުނީ، އޭނާގެ އެކަމަުގެ ސަބަބުން ވަރަށް އަސަރުކުރި ކަމަށެވެ.

"މިއީ ވަރަށް އަސަރުކުރި ކަމެއް. މިއީ ތަހައްމަލުކުރަން ފަސޭހަ ކަމެއް ނޫން. ނަމަވެސް ބައެއް ފަހަރު މިފަދަ ކަންކަމާ ކުރިމަތިލާންޖެހޭ. ސަޕޯޓަރުންގެ އެ ނުރުހުމަކީ ވެސް ޓީމަށް އޮތް ލޯބީގެ ސަބަބުން އަންނަ ކަމެއްކަން އަހަންނަށް ގަބޫލުކުރެވޭ،" ކުރިން ޔުނައިޓެޑަށް ކުޅުނު ކެރިކް ބުންޏެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ ޔުނައިޓެޑުންނެވެ. ބްރަޔަން އެމްބޯމޯ ޖެހި ލަނޑުން ލީޑު ނެގި އެވެ. 

ޓޮޓްނަމްގެ ރޮޑްރީގޯ ބެންޓަންކުރްއަށް ރަތް ކާޑު ދެއްކައި އެއް ކުޅުންތެރިއަކު މަދުން ކުޅުނު ނަމަވެސް  އެ ޓީމުން ހިތްވަރު ކުރި އެވެ. އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޑޮމިނިކް ސޮލާންކޭ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މިއީ އިތުރު ވަގުތުގައި ބައިކޮޅަށް ވަން ލަނޑަކުން ޔުނައިޓެޑަށް ޕޮއިންޓް ގެއްލުނު ދެވަނަ ފަހަރެވެ. އަދި ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް، ސިޓީން އެއް ކުޅުންތެރިޔަކު މަދުވި އިރު ވެސް ނަތީޖާ ނެރުމުގައި ޔުނައިޓެޑް ވަނީ ނާކާމިޔާބު ވެފަ އެވެ. ރޭ ގެ މެޗުގައި ވެސް ދިމާވީ އެހެންނެވެވެ. 

ކެރިކް ބުނީ މެޗުގެ ނަތީޖާ ހިފެހެއްޓުމުގައި ޓީމުން މިއަށްވުރެ ބޮޑަށް ސަމާލުވާންޖެހޭ ކަމަށެވެ.

"ރަނގަޅު ނަތީޖާއެއްގައި ލިބިފައި އޮންނަ އިރު މެޗު ނިންމާލުމުގައި މިއަށްވުރެ ރަނގަޅަށް ކަންކަން ކުރަންޖެހޭ. އިދިކޮޅު ޓީމުގައި 10 ކުޅުންތެރިން ތިއްބަސް ނެތަސް. ލީޑުގައި އޮންނައިރު މެޗު ނިންމާލަން އެނގެންޖެހޭނެ. މިއީ އަހަރެމެން ކުރިއަރުވަންޖެހޭ ކަމެއް."