އިނގިރޭސި ޕްރީމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި މަންޗެސްޓާ ޔުނައިޓެޑް އޮތް ނަމަވެސް، މަގާމުގައި ހުރުން އޭނާއަށް ހައްގުކަމަށް އެ ޓީމުގެ ކޯޗު މައިކަލް ކެރިކް ބުނެފި އެވެ.
ސީޒަނުގައި މިހާތަނަށް ލީގުގައި އެންމެ މެޗަކުން މޮޅުވެވިފައިވާ ޔުނައިޓެޑް ވަނީ، އިއްޔެ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި 4-4 އިން އެއްވަރުކޮށްފަ އެވެ. އަމިއްލަ ދަނޑު، އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގައި ވިލާއިން ދެ ފަހަރުގެމަތިން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އެކަމަކު އިތުރު ވަގުތުގެ ތެރޭގައި ޖޯޝުއާ ޒިރްކްޒީ އަދި ޕެޓްރިކް ޑޯގޫ ޖެހި ލަނޑުތަކުން ޔުނައިޓެޑުން ވަނީ ބަލިވިޔަނުދީ ހިފަހައްޓާފަ އެވެ.
މިއަދު ކުރިމަތިލާ ފީފާގެ އިންޓަނޭޝަނަލް ބްރޭކަށް ފަހު ކްލަބް ފުޓްބޯޅަ ގައުމީ ޓީމަށް މެދުކަނޑަލާނާ އެވެ. އެނބުރި އަންނަ މެޗުގައި މި މަހު 22 ގައި ޔުނައިޓެޑުން ނުކުންނާނީ އެ ޓީމުގެ ޒަމާންވީ ވާދަވެރިޔާ ލިވަޕޫލާ ދެކޮޅަށެވެ. އެންފީލްޑްގައި ކުޅޭ އެ މެޗުގެ ކުރިން، އެހެން ކޯޗަކު ޔުނައިޓެޑާ ހަވާލުވުމުގެ ފުރުސަތު ބޮޑުކަމަށް އިނގިރޭސި މީޑީއާތަކުން އަޑު ފެތުރި އެވެ.
އެ މެޗުގައި ވެސް ޓީމަށް އިރުޝާދު ދޭން، އޭނާ ހުންނާޏެތޯ ސުވާލު ކުރުމުން ކެރިކް ވަނީ ފުރިހަމަ ޔަގީންކަން ދީފަ އެވެ.
"އާނ. 100 ޕަސަންޓް ޔަގީން، އާނ،" ޔަގީންކަމާ އެކު އޭނާ ބުންޏެވެ.
މަގާމުގައި އޭނާ ދެމިހުރުމަށް އެކަށިގެންވާ ރަނގަޅު ސަބަބުތަކެއް އެބަހުރި ކަމަށް ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.
"އަހަރެން ގަބޫލުކުރަނީ ފުދޭވަރަށް ވުރެ ވެސް ގިނަ ސަބަބުތައް އެބަހުރި ކަމަށް. ލަނޑުތަކުގެ ސަބަބުން މެޗުތަކުގެ އޮއިވަރު ބަދަލުވޭ. އަދި އެއީ އަހަރެމެން ވަރަށް ބޮޑަށް ރަނގަޅުކުރަންޖެހޭ ކަމެއް،" އޭނާ ބުންޏެވެ.
"ނަމަވެސް ކުރިއަށްދާން ބައެއް ސަބަބުތައް ވެސް އެބަހުރި. ބައެއް ދަނޑިވަޅުތަކުގައި އަހަރެމެން އަމިއްލައަށް ކަންކަން އުނދަގޫކުރަނީ." އަހަރެންނަށް ވަރަށް ސާފު ކްލަބް ކުރިއަށްދާންވީ މިސްރާބު. އަދި ޖެހޭނީ މެޗުތަކުން މޮޅުވާން."
މެޗަށް ފަހު ޕްރެސް ކޮންފަރެންސަށް ވަނުމުގެ ކުރިން، ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުގައި، ކްލަބުގެ މެނޭޖްމަންޓާއެކު ވާހަކަދައްކަންޖެހޭ ފަދަ ހާލަތެއް އޮތްތޯ ސުވާލުކުރުމުން، ކެރިކް ވަނީ މެނޭޖްމެންޓާ ވާހަކަ ދައްކަންޖެހޭ ހާލަތެއް ނެތްކަން، ދޭހަވާގޮތަކަށް ސުވާލެއް އުފައްދައި ޖަވާބު ދީފަ އެވެ.
"އެކަހަލަ ކަމެއް އެބައޮތްތޯ؟،" މަގާމުގައި އޭނާ ކުރިއަށް ދިއުމުގައި މެނޭޖެމެންޓާ ދައްކަންޖެހޭ ވާހަކަތަކެއް އެބައޮތް ތޯ، ސުވާލު ކުރުމުން އޭނާ ވެސް ބުންޏެވެ.
އޭނާ ބުނީ ކުރަން ޖެހޭ މަސައްކަތް އޮތީ އޭނާ އާއި ކުޅުންތެރިންގެ އަތްމަތީގައި ކަމަށެވެ.
"އަހަރެމެންނަށް އެކަށީގެންވާ ވަރަކަށް މި މެޗުތަކަކުން މޮޅެއް ނުވެވުނު. ނަމަވެސް އަހަރެން އުއްމީދުކުރަނީ ކުރިއަށްދާން އަދި މިހާރުވެސް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގޯސްތައް ރަނގަޅުކޮށްގެން މެޗުތަކުން މޮޅުވާން،" އޭނާ ބުންޏެވެ.
މަގާމުން އަމިއްލައަށް އިސްތިއުފާ ދިނުމާ މެދު ވިސްނަންތޯ ސްކައި ސްޕޯޓްސްއިން ސުވާލުކުރުމުން ކެރިކް ބުނީ އިސްތިއުފާ ނުދޭނެ ކަމަށެވެ.
"އެކަމެއް ނުވާނެ،" އޭނާ ބުންޏެވެ.