މެންޗެސްޓާ ޔުނައިޓެޑްގެ ކޯ އޯނަރު ޖިމް ރެޓްކްލިފްގެ އިނިއޯސް ކުންފުނިން ސްވިޒަލެންޑްގައި ހިންގާ ކްލަބް ވިއްކާލަން އިއުލާން ކޮށްފި އެވެ.
ޔުނައިޓެޑްގެ ފުޓްބޯޅަ ދާއިރާގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރުމުގެ ބާރު އޮންނަ ރެޓްކްލިފްގެ އިނިއޯސް ކުންފުނިން ސްވިޒަލެންޑްގައި ހިންގާ ލުޒާނެ ސްޕޯޓްސް ކްލަބް ގަންނާނެ ބަޔަކު ހޯދަން ވަނީ އިއުލާން ކޮށްފަ އެވެ.
އިނިއޯސްގެ ގްލޯބަލް އޮފީސް 2010 ން 2016 އަށް ހިންގީ ލުޒާނުގަ އެވެ. އެ އޮފީސް ބަންދު ކުރި ނަމަވެސް، އެ ސިޓީގައި އެ ކުންފުނިން ކުރި އިނެވެސްޓްމެންޓް ފުޅާ ކުރީ 2017 ވަނަ އަހަރު އެ ކްލަބްގެ މިލުކުވެރިކަން ގަނެގެންނެވެ.
ސްވިސްގެ ސުޕަ ލީގުގެ ފުލުގައި އޮތް ލުޒާނެ ވިއްކާލަން، އިނިއޯސްއިން އިއުލާން ކުރީ ކުންފުނީގެ ދަރަނި ބޮޑުވުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ކުންފުނީގެ ދަރަނި 24 ބިލިއަން ޑޮލަރަށް އަރަ އެވެ.
މިއީ ރެޓްކްލިފްގެ ކުޅިވަރު ރަސްކަން ކުޑަކުރުމުގެ ގޮތުން ނެގި އިތުރު ފިޔަވަޅެކެވެ. މީގެ ކުރިން އީނިއޯސްއިން ވަނީ ފްރާންސްގެ ނީސް ވިއްކާލަން ނިންމައިފަ އެވެ. އަދި ނިއުޒީލޭންޑުގެ ރަގްބީ ކްލަބެއް ކަމަށްވާ އޯލް ބްލެކްސް ރަގްބީ ޓީމު ވިއްކާލަން ވެސް އިއުލާން ކުރި އެވެ. އިނގިރޭސި ކްލަބު ޓޮޓްނަމް ހޮޓްސްޕާއާ އެކު އިނިއޯސްއިން ހަދާފައިވާ ސްޕޮންސާޝިޕް އެއްބަސްވުންތައް ވެސް ކުއްލި ގޮތަކަށް އުވާލި އެވެ.
ޔުނައިޓެޑްގެ ފުޓްބޯޅަ ޓީމު ހިންގުމުގެ ހުރިހާ ކޮންޓްރޯލެއް އޮތް ރެޓްކްލިފްގެ ލީޑާޝިޕްގެ ދަށުން އެ ކްލަބަށް ބަދަލުތަކެއް ގެނެ އެވެ. ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރި އެވެ. އަދި އާ މަގާމުތައް ވެސް އުފައްދައި ވަރުގަދަ ނަންތަކެއް އެ މަގާމުތަކަށް ގެނެ އެވެ. ޔުނައިޓެޑްގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެޔަސް އެ ޓީމުގެ ނަތީޖާތައް ހަމަޔަކަށް އެޅުވުމުގައި ރެޓްކްލިފް ގެނައި ބަދަލުތަކުން އެއްވެސް ފައިދާއެއް ނުކުރި އެވެ.
މި ސީޒަނުގައި ވެސް އެ ޓީމުގެ ނަތީޖާތައް ދަށެވެ.
އިނިއޯސްގެ ކުޑައިގެ ދަށުގައިވާ ފެޝަން ބްރޭންޑް، "ބެލްސްޓާފް" ފަދަ ވިޔަފާރިތައް ވެސް ވިއްކާލަމުން ވަނީ އިއުލާން ކޮށްފަ އެވެ. އެ ކުންފުނީގެ މައިގަނޑު ޕްރޮޖެކްޓްތައް ބިނާވެފައި ކެމިކަލް އަދި ހަކަތައިގެ ވިޔަފާރީގެ ތެރޭގަ އެވެ.