އިސްތަންބޫލް (އޮގަސްޓް 25) - ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ، ޔުއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާ އަދި އެންމެ މޮޅު ކޯޗުގެ މަގާމް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ހޯދައިފި އެވެ.
މިއީ އަންޗެލޮޓީ އާއި ބެންޒެމާ ވެސް މި އެވޯޑް ހޯދި ފުރަތަމަ ފަހަރެވެ. އެވޯޑް ހަވާލު ކުރީ މިރޭ ތުރުކީގެ އިސްތަންބޫލުގައި ބޭއްވި ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ގުރުއަތުލުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ހަފްލާގަ އެވެ.
އަންޗެލޮޓީ އާއި ބެންޒެމާ ވަނީ މިދިޔަ ސީޒަނުގައި ސްޕެއިންގެ ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގާއި ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.
ފްރާންސްގެ ފޯވާޑް ބެންޒެމާ އެވޯޑް ހޯދީ ރެއާލްގެ ބެލްޖިއަމްގެ ގޯލްކީޕަރު ތިބައު ކޯޓުއާ އާއި މެންޗެސްޓާ ސިޓީ އަށް ކުޅޭ ބެލްޖިއަމްގެ ކެވިން ޑިބްރޭނާއާ ވާދަކޮށެވެ.
ބެންޒެމާ ވަނީ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދުމުގެ އިތުރުން، 15 ލަނޑު ޖަހައި ޓޮޕް ސްކޯރާގެ މަގާމް ވެސް ހޯދައިފަ އެވެ. އޭގެ ތެރެއިން 10 ލަނޑު ޖަހާފައި ވަނީ ނޮކްއައުޓް ބުރުގަ އެވެ.
ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން ބަލިވި ނަމަވެސް ރެއާލް ކުއާޓާ އަށް ދިޔައީ ދެވަނަ ލެގުގައި ބެންޒެމާގެ ހެޓްރިކަކުންނެވެ. ކުއާޓާގައި ޗެލްސީ ކޮޅަށް ފުރަތަމަ ލެގުގައި އޭނާ ހެޓްރިކް ހެދި އެވެ. ދެވަނަ ލެގުގައި ޗެލްސީ އިން ފަހަތުން އަރައި މޮޅުވާން ދަނިކޮށް ރެއާލް މޮޅުކޮށްދިނީ ބެންޒެމާގެ ގޯލަކުންނެވެ. ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ކުޅުނު ދެ ލެގުގައި ވެސް އޭނާ ގޯލު ޖެހި އެވެ. އަދި މިދިޔަ ސީޒަނުގެ މުބާރާތަކީ އޭނާ ރެއާލާ އެކު ކާމިޔާބުކުރި ފަސް ވަނަ ޗެމްޕިއަންސް ލީގެވެ.
މިދިޔަ ސީޒަނުގައި އެނބުރި ރެއާލްއާ ހަވާލުވެ އިޓަލީގެ ކާލޯ އަންޗެލޮޓީ ވަނީ ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ފުރަތަމަ ކޯޗުގެ މަގާމް ހޯދައިފަ އެވެ. އޭނާ ވަނީ އޭސީ މިލާނާ އެކު ދެ ފަހަރު މުބާރާތް ކާމިޔާބު ކުރުމުގެ އިތުރުން، މީގެ ކުރިން ވެސް ރެއާލް އަށް ތަށި ހޯދައިދީފަ އެވެ. އަދި އެ ޓީމުގައި ފުލް ކޮށް ކުޅޭ ދެ ސެންޓަ ބެކުން ކަމަށްވާ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ރަފޭލް ވަރާން ޓީމު ދޫކޮށް ދިޔުމާ އެކު ވެސް އޭނާ ވަނީ ރެއާލް ގޮވައިގެން ލީގާއި ސުޕަ ކަޕް ހޯދައިދީ، ރެއާލް އާއެކު އެޓީމުން ކުޅޭ އެންމެ ޝަރަފްވެރި ހަ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ މަގާމް ވެސް ހޯދައިފަ އެވެ.
އަންޗެލޮޓީ ޔޫރަޕުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދީ، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އާ ވާދަކޮށެވެ.
ޔޫރަޕުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދީ ބާސެލޯނާ އާއި ސްޕެއިން ގައުމީ ޓީމުގެ ވެސް ކެޕްޓަން އަލެކްސިއާ ޕުޓޭލާސް އެވެ. މިދިޔަ ސީޒަންގެ އެވޯޑާ ވެސް އެކު މިއީ އޭނާ މި އެވޯޑް ހޯދި ދެ ވަނަ ފަހަރެވެ. އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ، އިންގްލެންޑް ގައުމީ ޓީމާ އެކު ޖެހިޖެހިގެން 20 މެޗުން ބަލިނުވެ، 100 އަށް ވުރެ ގިނަ ގޯލު ޖަހަން އިރުޝާދު ދީގެން އެ ޓީމަށް ފުރަތަމަ ފަހަރަށް ޔޫރޯ މުބާރާތް ކާމިޔާބު ކޮށްދިން ނެދަލެންޑްސްގެ ސަރީނާ ވެއިމަން އެވެ.