މޮނާކޯ (އޮގަސްޓް 24) - ޔުއެފާ އިން ހޮވާ ޔޫރަޕުގައި ކުޅޭ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ރެއާލް މެޑްރިޑާ އެކު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ދިފާއުކުރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހާސިލްކޮށްފި އެވެ.
މިއީ ރޮނާލްޑޯ މި އެވޯޑް ހޯދި ތިން ވަނަ ފަހަރެވެ. ރޮނާލްޑޯއާ އެންމެ ވާދަވެރި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ވެސް ވަނީ ތިން ފަހަރު އެވޯޑް ހާސިލްކޮށްފަ އެވެ.
ރޮނާލްޑޯ މި ފަހަރުގެ އެވޯޑް ދިފާއުކުރީ މިދިޔަ އަހަރު ފައިނަލުގައި ބަލިވި ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންއާ ވާދަކޮށެވެ. ތިން ވަނަ އަށް ދިޔައީ މެސީ އެވެ. އުމުރުން 32 އަހަރުގެ ރޮނާލްޑޯ އަކީ މި އެވޯޑް ހާސިލްކުރި އެންމެ ދުވަސްވީ ކުޅުންތެރިއާ އެވެ.
ރޮނާލްޑޯ ބުނީ ކޮންމެ ސީޒަނަކާ ވެސް އޭނާ ކުރިމަތިލަނީ ކާމިޔާބު ހޯދުމަށް ކަމަށާއި އެވޯޑު ލިބުމަކީ އެކަން ހާސިލްކުރުމަށް އޭނާ ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"ކޮންމެ އަހަރަކު ވެސް އޮންނަނީ އެއް ޓާގެޓްތަކެއް. އެއީ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުން. ޗެލެންޖުތަކާ ކުރިމަތިލައިގެން ކާމިޔާބު ލިބޭނީ. އަންނަ އަހަރުގެ ޓާގެޓަކީ ހުރިހާ ތަށްޓެއް ހޯދުން. ދެން ގައުމީ ޓީމާ އެކު ވޯލްޑް ކަޕަށް ކޮލިފައިވުން،" ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ އެވޯޑް އެންމެ ފަހުން ހޯދި ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯއާ އެންމެ ގާތުން އެވޯޑަށް ވާދަކުރި ބުފޮން އަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ޔުވެންޓަސް ގެންގޮސްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއާ އެވެ. ހާއްސަކޮށް ޔުވެންޓަސް އިން ބާސެލޯނާ ކަޓުވާލިއިރު އެ ޓީމުގެ އެންމެ ފަހަތް ބެލެހެއްޓުމުގައި އޭނާގެ ލީޑާޝިޕް ވަރަށް ރަނގަޅަށް ފެނިގެންދިޔަ އެވެ.
ބާސެލޯނާ އަށް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު އެންމެ ރަނގަޅުކޮށް ނުދިޔަސް މެސީގެ ވިދުން ކުޑައެއް ނޫނެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް މިދިޔަ ސީޒަނުގައި ވެސް ބާސެލޯނާ އިން އެންމެ ބޮޑު ތަފާތެއް ދެއްކި ކުޅުންތެރިއަކީ މެސީ އެވެ.
މިރޭގެ އެވޯޑް ހަފްލާގައި ޔުއޭފާ ރައީސް އަލެކްސެންޑަ ކެފެރިންގެ އެވޯޑް ދިނީ ރޯމާގެ ލެޖެންޑް ފްރެންޗެސްކޯ ޓޮޓީ އަށެވެ. އެންމެ މޮޅު ކީޕަރުގެ އެވޯޑް ލިބުނީ ބުފޮން އަށެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ރެއާލުގެ ކެޕްޓަން ސާޖިއޯ ރާމޯސް ހޮވުނުއިރު، އެންމެ މޮޅު މިޑްފީލްޑަރަކީ އެ ޓީމުގެ ލޫކަ މޮޑްރިޗް އެވެ. އަންހެން އެންމެ މޮޅު ކުޅުންތެރިއަކީ ބާސެލޯނާގެ ލިއޭކޭ މާޓެންސް އެވެ.