މޮނާކޯ (އޮގަސްޓް 25) - ޔުއެފާ އިން ހޮވާ ޔޫރަޕުގައި ކުޅޭ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ރެއާލް މެޑްރިޑާ އެކު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު އަދި ޕޯޗުގަލާ އެކު ޔޫރޯ ކާމިޔާބުކުރި ކްރިސްޓިއާނޯ ރޮނާލްޑޯ ހާސިލްކޮށްފި އެވެ.
ރޮނާލްޑޯ އެވޯޑް ކާމިޔާބުކުރީ ރެއާލް މެޑްރިޑުގެ ގަރެތު ބޭލް އާއި އެތުލެޓިކޯ މެޑްރިޑުގެ އެންޓޮއިން ގްރިޒްމަންއާ ވާދަކޮށްގެންނެވެ. ރޮނާލްޑޯ މި އެވޯޑް ދެ ވަނަ ފަހަރަށް އުފުލާލިއިރު، އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ވެފައިވަނީ މި އެވޯޑް ހޯދި އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާ އަށެވެ.
"މި އެވޯޑް މި ލިބިގަތީ ވަރަށް އުފަލާ އެކު. ނިމިގެން ދިޔައީ އާދާޔާހިލާފު ސީޒަނެއް. އެކަމަކު އަނެއް ދެ ކުޅުންތެރިންނަށް ވެސް އެވޯޑް ހައްގު،" ޔޫރަޕުގެ ފާހަގަކޮށްލެވޭ ކުޅިވަރު ނޫސްވެރިންގެ ވޯޓުން ހޮވި މި މަގާމް ލިބުމުން ރޮނާލްޑޯ ބުންޏެވެ.
އެތުލެޓިކޯ ބަލިކޮށް ރެއާލުން 11 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު އުފުލާލިއިރު، ފައިނަލުގެ ޕެނަލްޓީ ޝޫޓް އައުޓުގައި އެ ޓީމު މޮޅުވި ޕެނަލްޓީ ކާމިޔާބުކުރީ ރޮނާލްޑޯ އެވެ. ޔޫރޯގެ ފައިނަލް މެޗުގެ ކުރީކޮޅު އަނިޔާގެ ސަބަބުން ފައިބަން ޖެހުނު ނަމަވެސް އޭނާ ވަނީ ބެންޗުގައި ހުރެ ޓީމަށް ފުރިހަމަ ސަޕޯޓް ދީފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް 48 މެޗުން 51 ގޯލް ޖަހައިދީފަ އެވެ.
އެވޯޑަށް ދެން ވާދަކުރި ފްރާންސްގެ ގްރިޒްމަން ވަނީ ޔޫރޯގައި މޮޅު ކުޅުމެއް ދައްކައި ހަ ލަނޑު ޖަހައިފަ އެވެ. އެކަމަކު ފައިނަލުގައި ޕޯޗުގަލް އަތުން ބަލިވީ އެވެ. އަނެއްކޮޅުން ޗެމްޕިއަންސް ލީގުގެ ފައިނަލުން ވެސް ރޮނާލްޑޯގެ ރެއާލް އަތުން، ގްރިޒްމަންގެ އެތުލެޓިކޯ މެޑްރިޑް ވަނީ ނާކާމިޔާބީއާ ކުރިމަތިލައިފަ އެވެ.
ރެއާލާ އެކު ބޭލް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު އޭނާ ވަނީ ޔޫރޯގެ ސެމީ ފައިނަލަށް ވޭލްސް ގެންގޮސްދީފަ އެވެ. ސެމީ ފައިނަލުން ވޭލްސް ކެޓީ ރޮނާލްޑޯގެ ޕޯޗުގަލް އަތުން ބަލިވެގެންނެވެ.
ޔުއެފާ އިން 2010 ވަނަ އަހަރު ތައާރަފްކުރި މި އެވޯޑް ރޮނާލްޑޯގެ އިތުރުން ބާސެލޯނާގެ ލިއޮނަލް މެސީ ވަނީ ދެ ފަހަރު ހޯދައިފަ އެވެ. ދެން މި އެވޯޑް އުފުލާލާފައިވަނީ ސްޕެއިނުގެ އަންދްރޭ އިނިއެސްޓާ އާއި ފްރާންސްގެ ފްރޭންކް ރިބެރީ އެވެ. ރޮނާލްޑޯ މީގެ ކުރިން މި އެވޯޑް ހޯދީ 2014 ވަނަ އަހަރެވެ.