ލަންޑަން (އޯގަސްޓް 31) - އެހެން ޓީމުތަކަށް ބަލި ކުރަން ފަސޭހަ ޓީމަކަށް އޭނާގެ ޓީމު ވެއްޖެ ކަމަށް، ރޭ ސައުތުހެމްޓަން އަތުން 2-1 އިން ބަލިވި ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ސައުތުހެމްޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ޗެލްސީންނެވެ. އެ ޓީމުގެ ލަނޑު 23 ވަނަ މިނެޓުގައި ޖެހީ ރަހީމް ސްޓާލިން އެވެ. އޭގެ ފަސް މިނެޓް ފަހުން ރޮމެއޯ ލަވީއާ ސައުތުހެމްޓަން އަށް ލީޑް ނަގައިދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޑަމް އާމްސްޓްރޯންގް ސައުތުހެމްޓަންގެ ދެ ވަނަ ލަނޑު ޖެހި އެވެ.
ޗެލްސީ މިހާތަނަށް ވަނީ ކައިރިކައިރީގައި ދެ މެޗުްް ބަލިވެފަ އެވެ. ޓޮޓެންހަމް އަތުން 2-2 ން އެއްވަރުވި މެޗަށް ފަހު ޗެލްސީ އަށް ވަނީ އަނިޔާގެ މައްސަލަތައް ކުރިމަތިވެފަ އެވެ. އަނިޔާގެ ސަބަބުން އެންގޯލާ ކަންޓޭ ހުރީ ކުޅުމާ ދުރުގަ އެވެ. ކަލިޑޫ ކުލިބާލީ ހުރީ ސަސްޕެންޝަންގަ އެވެ. ބަލިވެ އުޅޭތީ ރީސް ޖޭމްސް ވެސް ރޭގެ މެޗުގައި ކުޅެފައެއް ނުވެ އެވެ.
ޓުޗެލް ބުނި ގޮތުގައި ޓީމު އެ ހާލަތުގައި އޮވެގެން މޮޅުވުމަކީ އަނދަގޫ ކަމެކެވެ. ބަލިވެގެން ލަދު ގަންނަން ވެސް ނުޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
"ބަލިވާން އަހަރެމެން ވެސް ނުރުހެން. އެކަމަކު އަހަރެމެން ޖެހޭނެ މިހާލަތު ބަލައިގަންނަނަށް. މިހާރު ޓީމުތަކަށް ބަލި ކުރަން ފަސޭހަ ޓީމަކަށް އަހަރެމެން ވެއްޖެ. އަހަރެމެންނަށް ބުލީ [ހަނގާ] ކުރަން ޓީމުތަކަށް ފަސޭހަ ކަމަކަށް ވެއްޖެ،" އޭނާގެ ތިން ވަނަ ސީޒަން ޗެލްސީގައި ހޭދަ ކުރަމުން އަންނަ ކޯޗު ބުންޏެވެ.
މެޗުގެ ކުރިން ވެސް ޓުޗެލް ބުނީ އިތުރު ކުޅުންތެރިން ޗެލްސީ އަށް ބޭނުންވާ ކަމަށެވެ. ރޭ ގެ މެޗަށް ފަހު ވެސް އޭނާ ވަނީ އެ ވާހަކަ ތަކުރާރު ކޮށްފަ އެވެ. ނަމަވެސް ބުނީ ރޭ މެޗުން ބަލިވީ ވަކި މަގާމަކަށް ކުޅޭ ކުޅުންތެރިޔަކު ނެތިގެން ނޫން ކަމަށެވެ. ބަލިވީ ޓީމެއްގެ ގޮތުގައި ނުކުޅެވިގެން ކަމަށް އޭނާ ބުންޏެވެ.
ލީގުގައި ކުޅުނު ފަސް މެޗުން ޗެލްސީ އަށް އަދި ހޯދުނީ ހަތް ޕޮއިންޓެވެ. އެ ޓީމު އޮތީ ތާވަލުގެ އަށް ވަނައިގަ އެވެ.