އިންޓަނޭޝަނަލް ފްރެންޑްލީ ސީރީޒްގެ ފުރަތަމަ މެޗުގައި ރާއްޖެއިން މެޗުތައް ހޯސްޓް ކުރާ ބުރުނާއީ ދާރުއްސަލާމްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައިފި އެވެ.

ތަޖުރިބާކާރު ކުޅުންތެރިން ޓީމުގައި ނުހިމަނައި ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީގެން މެޗުތަކާ ކުރިމަތިލި ރާއްޖޭގެ ޓީމުން ވަނީ މެޗުގައި ބުރުނާއީ އާ ދެކޮޅަށް ގޭމް ކޮންޓްރޯލް ކޮށްގެން ކުޅެފަ އެވެ.

ގައުމީ ޓީމުގެ އެއްވަނަ ކީޕަރު މުހައްމަދު ފައިސަލްގެ ބަދަލުގައި ޓީމުން ފުރުސަތު ދިނީ ޒުވާން ކީޕަރުންނަށެވެ. މެޗުގައި ރާއްޖޭގެ ޓީމު ގޯލް ބެލެހެއްޓީ ޓީމުގެ ދެވަނަ ކީޕަރު ހުސައިން ޝަރީފެވެ. މި މެޗަކީ ސީނިއާ ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ކުޅެން ނުކުތް ދެވަނަ މެޗެވެ. ސީނިއާ ޓީމުގައި ހިމެނިގެން އޭނާ ފުރަތަމަ 11 ގައި ހިމެނިގެން ފުރަތަމަ މެޗަށް ނުކުތީ 2018 ގެ ނޮވެމްބަރު ތިންވަނަ ދުވަހު މެލޭޝިއާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗުގަ އެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ ކުރިން މިޑްފީލްޑަރެއްގެ ގޮތުގައި ފެންނަ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 35 ވަނަ މިނެޓްގަ އެވެ. އޭރިއާގެ ބޭރުން ހަމްޒާ މުހައްމަދު (ހަމްޕް) ބޯޅަ ދިނީ އޭރިއާ ތެރޭގައި ހުރި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށެވެ.

އެކަމަކު މަހުދީ އަށް އެ ބޯޅަ ޖެހޭ ގޮތް ނުވީ އޭނާގެ ކުރިމަތީގައި ބުރުނާއީގެ ޑިފެންޑަރުން ތިބުމުންނެވެ. އެހެންވެ އޭނާ އެ ބޯޅަ ޖައްސާލީ އިއްބެ ވަހީދު އަށެވެ. އިއްބެ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލީ ފަސޭހަ ކަމާއެކު އެވެ. މި ފަހަކަށް އައިސް މާޒިޔާގައި ވެސް އޭނާ އަށް ފުރުސަތު ދެނީ ފޯވާޑެއްގެ ރޯލުންނެވެ.

ދެވަނަ ހާފުގެ ކުރީ ކޮޅު ނަތީޖާ ހަމަހަމަ ކުރަން ބުރުނާއީ އަށް ޕެނަލްޓީ އެއް ވެސް ލިބިގެން ދިޔަ އެވެ. ރާއްޖޭގެ އޭރިއާ ރޮނގު މަތިން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) ބުރުނާއީގެ ކުޅުންތެރިޔަކަށް ފައުލު ކުރުމުން ރެފްރީ ދެއްކީ ޕެނަލްޓީއެއް ކަމަށެވެ. ރާއްޖޭގެ ކުޅުންތެރިން ވަނީ ފައުލު ކުރީ އޭރިއާ ތެރެއިން ނޫން ކަމަށް ބުނެ އެޕީލް ވެސް ކޮށްފަ އެވެ. އެކަމަކު ރެފްރީގެ ނިންމުން ބަދަލެއް ނުވި އެވެ.

ބުރުނާއީގެ ކުޅުންތެރިޔާ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ރާއްޖޭގެ ދެވަނަ ؛ލަނޑު ހަމްޒާ ޖެހީ ހިތް ގައިމު ހިލޭ ޖެހުމަކުންނެވެ. ބުރުނާއީގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން އޭނާ ފޮނުވާލީ އެ ބޯޅަ އަށް ހުރަސް އަޅަން ފާރެއްހެން އެތުރިގެން ތިބި ބުރުނާއީ ކުޅުންތެރިންގެ ބޯ މަތިންނެވެ. ބޯޅަ ގޮސް ވަނީ ގޯލްގެ ފާ ޕޯސްޓް ކަނަށެވެ. އިސްކޮޅުން ކުރު ބުރުނާއީގެ ކީޕަރަށް އެ ބޯޅަ އަށް އެއް ވެސް ކަމެއް ނުކުރެވުނެނެވެ.

އޭގެ ފަހުން ވެސް ހަމްޒާ އަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. އެކަމަކު އޭގެ ފަހުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ރާއްޖޭގެ ތިންވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އޭރިއާގެ ތެރެއިން އިބްރާހިމް ވަހީދު ދިން ބޯޅަ ހިފައިގެން އޭނާ ބޯޅަ ފޮނުވާލީ ގޯލްގެ ކަނަށެވެ. މާޗް މަހު ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ހަންނަ ވަނީ ލަނޑު ޖަހައިފަ އެވެ.

ތިން ގައުމު ވާދަކުރާ މި ސީރީޒްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ލާއޯސް އާ ދެކޮޅަށް ނުކުންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.