ތަޖުރިބާކާރު ކީޕަރު މުހައްމަދު ފައިސަލް އަށް އަނިޔާވުމުން، ގައުމީ ސްކޮޑުން ބާކީ ކޮށްފި އެވެ.
ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި ޗައިނާ، ކިރްގިސްތާން އަދި ލުބުނާނާ ދެކޮޅަށް ކުޅެން އެކުލަވާލި ގައުމީ ސްކޮޑުން ފުރުސަތު ދިން ތިން ކީޕަރުންނަކީ މާޒިޔާގެ ހުސައިން ޝަރީފާއި ވިކްޓަރީގެ މުހައްމަދު ޔާމީނާއި އޮޑީގެ މުހައްމަދު އަޝްވާނެވެ.
އުމުރުން 28 އަހަރުގެ އަޝްވާން ވަނީ، ކުރީގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ގެ ބެލުމުގެދަށުން ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗަށް ނެގު 25 ކުޅުންތެރިންގެ ސްކޮޑްގައި ހިމެނިފަ އެވެ.
މިއީ މިހާރުގެ ކޯޗު އިސްތަވާން އުރްބާނީގެ ބެލުމުގެދަށުން އޭނާ އާއި ޔާމީން ޓީމަށް ނެގި ފުރަތަމަ ފަހަރެވެ.
އެނގިފައިވާ ގޮތުގައި ފައިސަލް އަށް އަނިޔާވީ، ނިއު ރޭޑިއަންޓް ޕްރެޓިހުގައި އުޅެނިކޮށެވެ. އޭނާގެ ވައާތު ފައިގެ ކަުކުލު ހުޅަށް ވަނީ އަނިޔާ ވެފަ އެވެ.
ސީނިއާ ސްކޮޑުން މުޅިން އަލަށް ޖާގަ ލިބުނު އަނެއް ކުޅުންތެރިޔަކީ އޮޑީގެ އަބްދުﷲ އަރީނެވެ.
ޓީމުން ފުރުސަތު ގެއްލުނު ކުޅުންތެރިންގެ ތެރެއިން ވިކްޓަރީގެ މިޑްފީލްޑަރު ހުސައިން ނިހާން {ނިހާޓް) ފާހަގަ ކޮށްލެވެ އެވެ. އެ ޓީމުގެ ކެޕްޓަން ނާއިޒު ހަސަން (ދާދު) ގައުމީ ޓީމުގައި ނެތެވެ. ކޯޗު އިސްތަވާން އުރްބާނީ ބުނިގޮތުގައި އާއިލީ ސަބަބަކާ ހެދި ޓީމުގައި ބައިވެރި ވެވެން ނެތް ކަމަށް ނާއިޒުގެ ބުނެފައިވާ ކަމަށެވެ.
ވިކްޓަރީގެ ހަމްޒާ މުހައްމަދު (ހަމްޕް) އާއި މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން، ސްކޮޑްގައި ނެތީ އަނިޔާގައި ހުރުމުންނެވެ.
ނިއުގެ އީތަން އިބްރާހިމް ޒަކީ ސްކޮޑްގައި ހިމާނާފައި ނުވަނީ އޭނާގެ ސްކޫލް އިމްތިހާން ކުރިމަތީގައި އޮތުމުން ކަމަށް އުރްބާނީ ބުންޏެވެ.
ޓީމުގެ ކެޕްޓަނަކަން މާޒިޔާގެ ކެޕްޓަން ސަމޫހް އަލީ (ސަމުއްޓޭ) އަށް، އުރްބާނީ ވަނީ އަލުން ދީފަ އެވެ.
ޖޫން މަހު ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ސްކޮޑުން ސަމޫހް ބާކީ ކުރީ އަނިޔާގެ މައްސަލައިގެ އިތުރުން ޑިސިޕްލިނަރީ މައްސަލައަކާ ވެސް ހެދިކަމަށް، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އުރްބާނީ ބުންޏެވެ.
އެކަމަކު އޭނާ އަށް ހެދުނު ގޯހުން، ސަމޫހް ފިލާވަޅު ލިބިގެންފައިވާ ކަމަށް އުރްބާނީ ބުންޏެވެ.
ގައުމީ ސްކޮޑްގައި މިފަހަރު ވެސް އެންމެ ގިނައީ މާޒިޔާގެ ކުޅުންތެރިންނެވެ. އެ ކްލަބްގެ ނުވަ ކުޅުންތެރިން ހިމެނެ އެވެ.
ބުރާސްފަތި ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އެ ގައުމުގެ ޗޮންކިންގައި ހުންނަ ލޯންގްޝިންގް ސްޓޭޑިއަމްގަ އެވެ. އޭގެފަހުން، އަންނަ ހޯމަ ދުވަހު ކިރްގިޒްސްތާނާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ މަހު އެކެއްގައި ލުބުނާނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ކިރްގިސްތާންގެ ބިޝްކެކްގައި ހުންނަ ދޯލެން ސްޓޭޑިއަމްގަ އެވެ.
ގައުމީ ޓީމުން ރޭ ވަނީ ޗައިނާ އަށް ފުރާފަ އެވެ.
ގައުމީ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންގެ ލިސްޓް:
- ހުސައިން ޝަރީފް (މާޒިޔާ)، މުހައްމަދު އަޝްވާން (އޯޑީ ސްޕޯޓްސް ކްލަބް)، މުހައްމަދު ޔާމީން (ވިކްޓަރީ ސްޕޯޓްސް ކްލަބް)،
ސަމޫހު އަލީ (މާޒިޔާ)، އިބްރާހީމް އައިސަމް (މާޒިޔާ)، ހައިޝަމް ހަސަން (މާޒިޔާ)، އިބްރާހީމް މަހުދީ ހުސައިން (މާޒިޔާ)، އަބްދުއްﷲ ލޫތު އިބްރާހީމް (މާޒިޔާ)، އިބްރާހީމް ވަހީދު ހަސަން (އޯޑީ ސްޕޯޓްސް ކްލަބް)، ތޯއިފް ގާސިމް (ބުރު ސްޕޯޓްސް ކްލަބް)، އަލީ ފާސިރު (ނިއު ރޭޑިއަންޓް)، އަހުމަދު އައިހަމް (މާޒިޔާ)، ހުސައިން ޝިފާއު ޔޫސުފް (ވިކްޓަރީ ސްޕޯޓްސް ކްލަބް)
ހަސަން އީނާޒް (ޓީސީ ސްޕޯޓްސް ކްލަބް)، ނިޝާމް މުހައްމަދު ރަޝީދު (މާޒިޔާ)، އަމްދާން އަލީ (ނިއު ރޭޑިއަންޓް)، އަރީން އަބްދުއްﷲ އިބްރާހީމް (ބުރު ސްޕޯޓްސް ކްލަބް)
އަހުމަދު އައިހަމް (އޯޑީ ސްޕޯޓްސް ކްލަބް)، މުޒްދާން ހަސަން (އޯޑީ ސްޕޯޓްސް ކްލަބް)، ނައްސާހު އިބްރާހީމް ނާސިރު (މާޒިޔާ)، އަހްޒަމް ރަޝީދު (އޯޑީ ސްޕޯޓްސް ކްލަބް)، އަހުމަދު ނުއުމާން (އޯޑީ ސްޕޯޓްސް ކްލަބް)، އަހުމަދު މާއިޝް ރަޝީދު (ވިކްޓަރީ ސްޕޯޓްސް ކްލަބް)