ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުންދާ ދިއްދޫ ސުޕޯޓްސް ކްލަބާއި ގައްދޫ ސުޕޯޓްސް ކްލަބުން ކުރިއަށް އޮތްތަނުގައި ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގެ ފުރުސަތު އެބައޮތް ކަމަށް ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ ބުނެފި އެވެ.
ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ނެގި ގައުމީ ސްކޮޑްގައި ޓީމަށް ކުޅުންތެރިއަކު ނަގާފައި ނުވެ އެވެ. ނަމަވެސް އުރާބާނީ ބުނީ އެ ދެ ޓީމުން އިތުރު ބަދަލުތައް ގެނެސްފިނަމަ އެ ދެ ޓީމުން ވެސް ގައުމީ ޓީމަށް ކުޅުންތެރިން ނަގާނެ ކަމަށެވެ.
އޭނާ އިލްތިމާސް ކުރީ އެ ދެ ޓީމުން ކައިރިރަށްރަށުން ވެސް ކުޅުންތެރިން ރެކްރޫޓްކޮށް ދިވެހި ކުޅުންތެރިންނަށް އިތުރު ފުރުސަތު ދިނުމަށެވެ.
އުރުބާނީ ބުނީ، ދިވެހި ލީގުގެ ފެންވަރު ރަނގަޅުވަމުން އަންނަ ކަމާމެދު ސުވާލެއް ނެތް ކަމަށެވެ. ރަށްރަށުގެ ޓީމުތައް ލީގުގައި ވާދަކުރުމަކީ އެންމެންވެސް އުފާކުރާ ކަމެއް ކަމަށް ވެސް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވެސް އަދާކުރަމުން އަންނަ އުރްބާނީ ބުންޏެވެ.
ނަމަވެސް އެ ދެ ޓީމުގެ ކުޅުމުގައި ވެސް ބިދޭސީ ކުޅުންތެރިންގެ ދައުރު ބޮޑުކަން އުރާބާނީ ފާހަގަ ކުރި އެވެ.
"މިވަގުތު އެ ދެ ޓީމުން ގައުމީ ޓީމަށް ކުޅުންތެރިއަކު ނަގާފައެއް ނެތް. އެކަމަކު ހަމައެކަނި ސްކޮޑުގައި މިހާރު މިތިބަ ކުޅުންތެރިން (އެކަންޏެއް) ނޫން، އެ ރަށްރަށުން ނުވަތަ ކައިރި ރަށްރަށުން ވެސް އިތުރު ކުޅުންތެރިން ހޯދައިގެން ޓީމުގައި ރެކްރޫޓް ކުރަން ޖެހޭ. އޭރުން އެ ކުޅުންތެރިންގެ ކުޅުނު ފެނުމުގެ ފުރުސަތު އަހަރެމެންނަށް ބޮޑުވާނެ،" އުރުބާނީ ބުންޏެވެ.
އެ ދެ ޓީމު ވެސް ދިވެހި ލީގުގައި ހޭދަކުރާ ފުރަތަމަ ސީޒަންކަމަށް ވުމުން އުނދަގޫތަކެއް ހުންނާނެކަން ގަބޫލުކުރާކަމަށް އުރްބާނީ ބުންޏެވެ.
"ދެ ޓީމުންވެސް ކުރަނީ ރަނގަޅު މަސައްކަތެއް. މިވަގުތު އަހަރެންނަށް އިޙްސާސްވަނީ ދިއްދޫ ތަންކޮޅެއް ވަރުގަދަހެން. އެހެންވެ ކޮންމެ ޓީމަކާ ވެސް އެ ޓީމަށް ވާދަކޮށްލެވޭނެ. އަދި ޔަގީނުން ވެސް ފުރަތަމަ ސީޒަނަކީ ޓީމަށާއި ކުޅުންތެރިންނަށް އަދި އެންމެންނަށް ވެސް ގޮންޖެހުން ބޮޑު ސީޒަނެއް،" އުރާބާނީ ބުންޏެވެ.