ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުންދާ ހއ. ދިއްދޫ ސްޕޯޓްސް ކްލަބާއި ގައްދޫ ރެކްރިއޭޝަން ކްލަބަށް އެފްއޭއެމްގެ ފުރިހަމަ މެންބަރުކަން ދީފި އެވެ.
ރޭ މީރުމާ ހޮޓެލްގެ ކޮންފަރެންސް ރޫމްގައި ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ނެގި ވޯޓްގައި ގައްދުއާއި ދިއްދުއަށް އެފްއޭއެމްގެ މެންބަރުކަން ދިނީ ހާޒިރުވި މެންބަރު ކްލަބްތަކުގެ އިއްތިފާގުންނެވެ.
މިއީ އަތޮޅު މުބާރާތްތަކުން ފެށިގެން، ދިވެހި ޕްރީމިއާ ލީގަށް ޕްރޮމޯޓްވެ، އެފްއޭއެމްގެ ފުރިހަމަ މެންބަރުކަން ކްލަބްތަކަކުން ހޯދި ފުރަތަމަ ފަހަރެވެ.
މީގެ ކުރިންވެސް އަތޮޅު މުބާރާތްތަކުން ފެށިގެން އެކި ރަށްރަށުގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި އެވެ. އެކަމަކު އެއިން އެއްވެސް ޓީމަކަށް އެފްއޭއެމްގެ ކޮންގްރެސްގައި ބަސްބުނެ ވޯޓް ދިނުމުގެ ފުރުސަތެއް ނުލިބުނެވެ.
ގައްދު އާއި ދިއްދޫއަށް އެފްއޭއެމްގެ މެންބަރުކަން ލިބުމުން، ކޮންގްރެސްގައި ވޯޓުދިނުމާއި އިންތިހާބުތަކުގައި ބައިވެރިވުމުގެ ހައްގު ވަގުތުން ލިބިގެންދިޔައީ އެވެ.
އެފްއޭއެމްގެ އަސާސީގަވާއިދު ބުނާގޮތުން، ކްލަބަކަށް މެންބަރުކަން ދިނުމާއި، ސަސްޕެންޑްކުރުން ނުވަތަ ވަކިކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ ކޮންގްރެސްއަށެވެ. އަދި އެކްޒެކެޓިވް ކޮމިޓީން ޝަރުތުތައް ހަމަވާކަން ކަށަވަރުކުރުމަށްފަހު، މެންބަރުކަން ދިނުމާ މެދު ގޮތެއް ނިންމަން ހުށަހަޅަނީ ކޮންގްރެސްއަށެވެ.
ނަމަވެސް، މެންބަރު ކްލަބްތަކުން އެފްއޭއެމް، ފީފާ، އޭއެފްސީ އަދި ސާފްގެ ގަވާއިދުތަކަށް ފުރިހަމައަށް ތަބާވާންޖެހެއެވެ. އަދި ވިދިވިދިގެން ދެ ސީޒަނުގައި އެފްއޭއެމްގެ ހަރަކާތްތަކުގައި ބައިވެރިނުވާ ކްލަބްތަކުގެ ވޯޓުދިނުމުގެ ހައްގު ސަސްޕެންޑްކުރެވޭނެއެވެ.