އެފްއޭއެމްގެ ދަށުން ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދުމަށް،  ކޮންގްރެސްއިން ފާސްކުރަން މިރޭ ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް ހުށަހަޅަން ޑްރާފްޓް އެޖެންޑާގައި ހިމަނައިފި އެވެ.

އެފްއޭއެމްގެ ދަށުން ސަރަހައްދީ ހަތަރު އެސޯސިއޭޝަނެއް އުފެއްދުމަށް އެކްސްކޯއިން ފާސް ކުރީ މި މަހު ހަތަރެއްގައި ބޭއްވި އެކްސްކޯ ބައްދަލުވުމުންނެވެ. މިރޭ ބާއްވާ ކޮންގްރެސްއިން ފާސްކުރާނީ އެކްސްކޯއިން ނިންމާފައިވާ ނިންމުމެވެ.

ކްލަބްތަކަށް ފޮނުވި ޑްރާފްޓް އެޖެންޑާގެ ތަރުތީބުގައިވާ ގޮތުން ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދުމުގެ އެޖެންޑާގެ ކުރިން އޮތީ އެ އެސޯސިއޭޝަންގެ އަސާސީގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ހުށަހަޅައި ކޮންގްރެސްގެ ވޯޓަށް އެހެމެވެ. 

ކޮންގްރެސްގެ އެޖެންޑާއާ ގުޅޭ އެއްވެސް ތަފްސީލެއް، އެފްއޭއެމުން އިސްވެ މީޑީއާއަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި އަސާސީގަވާއިދަށް ގެންނަ ބަދަލުތަކަކީ ކޮބައިކަމެއް ވެސް އެ އެސޯސިއޭޝަނުން މީޑިއާގައި ނުބުނެ އެވެ. 

ބެލެވޭގޮތުގައި، އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކަކީ ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދުމަށް މަގުފަހި ކުރުމުގެ ގޮތުން ހުށަހަޅާ އިސްލާހުތަކެކެވެ.

އެފްއޭއެމްގެ ދަށުން ސަބް އެސޯސިއޭޝަންތައް އުފެއްދުމަށް އެކްސްކޯއިން ނިންމުމުގެ ކުރިން ވެސް އެފްއޭއެމުން ވަނީ މިދިޔަ ސީޒަނުން ފެށިގެން ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައި ދިވެހި ޕްރިމިއާ ލީގަށް ޓީމުތައް ކޮލިފައި ކުރުމުގެ މުބާރާތްތައް ސަރަހައްދީ އެ ހަތަރު ޒޯންތަކުގެ މެދުގައި ކުރިއަށް ގެންގޮސްފަ އެވެ.

އެ ހަތަރު ސަރަހައްދީ ޒޯންތަކަކީ އުތުރު ޒޯން، ސެންޓްރަލް ޒޯން، ދެކުނު ޒޯން އަދި މާލެ ޒޯން އެވެ. ސަބް އެސޯސިއޭޝަންތައް އުފައްދާނީ އެ ޒޯންތަކުގަ އެވެ.

އެފްއޭއެމްގެ ދަށުން ސަރަހައްދީ އެސޯސިއޭޝަންތައް އުފައްދަން ހަމަޖެހިފައިވާ ގޮތް: 

- - ނޯތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި)

- ސެންޓްރަލް ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކ، އއ، އދ، ވ، މ، ފ، ދ)

- ސައުތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލަށް ، އައްޑޫ)

- މާލެ ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން (މާލެ، ވިލިމާލެ، ހުޅުމާލެ)

މި މަހު ކުރީކޮޅު "މިހާރު" އަށް ދެއްވި އިންޓަވިއުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޒަރީރު ވިދާޅުވީ ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދުމަކީ ދިވެހި ފުޓްބޯޅަ ލާމަރުކަޒީކުރުމުގެ ބިންގާ ކަމަށެވެ. 

"އެ އެސޯސިއޭޝަންތައް ހިންގަން އިންތިހާބުކުރާނެ ބަޔަކާއި، އެ ހުރިހާ ކަމެއް ވެސް ނިންމާނީ އެ ސަރަހައްދެއްގެ ރަށްތަކުން. ފުރަތަމަ މާލީ އެހީތެރިކަން ބޭނުންވާނެ. އެކަމަކު ފަހުން ފައިސާ ވެސް ޖެނެރޭޓްކުރާނީ އެ ހަމަ އެސޯސިއޭޝަނަކުން،" ޒަރީރު ވިދާޅުވެފައިވެ އެވެ.

އެފްއޭއެމްގެދަށުން ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދުމަށް، މިދިޔަ އަހަރު ބޭއްވި އިންތިހާބުގެ ކުރިން ފާސްކުރި އަސާސީގަވާއިދަށް، އެފްއޭއެމްގެ މިހާރުގެ ރައީސް އަހްމަދު ތޯރިގްގެ ޓީމުން ހުށަހެޅި އެވެ.

ނަމަވެސް، ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި ވެސް އަސާސީ ގަވާއިދުގައި އެކަން ކުރަން ލިޔެފައި އޮތް ނަމަވެސް އެފްއޭއެމުން އެކަން ކޮށްފައި ނުވުމުން، އަލުން އަސާސީގަވާއިދުގައި އެ މާއްދާތައް ލިޔުމަށް ފީފާގެ މަންދޫބުން ދެކޮޅު ހެދި އެވެ.

އެ އިސްލާހުތައް ތޯރިގް ހުށަހެޅި މުއްދަތަކީ އެއް އަހަރުވަންދެން ފީފާގެ ނޯމަލައިޒޭޝަން ހާލަތުގައި އެފްއޭއެމް އޮތް މަރުހަލާއެކެވެ. 

މިދިޔަ އަހަރު ޖޫން މަހު ފާސް ކުރި އަސާސީ ގަވާއިދުގެ ދާއިމީ މާއްދާތަކުގައި ސަރަހައްދީ އެސޯސިއޭޝަންތައް އުފައްދަން ހިމަނާފައި ނެތެވެ. އެކަމަކު އެ ގަވާއިދުގެ ޕްރޮވިޝަނަލް ނުވަތަ ވަގުތީ ބައިގައި އިސްލާހުތަކުގެ ގޮތުގައި އެ މާއްދާތައް ހިމެނި އެވެ. 

މި ވަގުތީ އިސްލާހުތައް ދާއިމީ ގަވާއިދުތަކަށް ބަދަލުކޮށް ފުރިހަމަކުރުމުގެ ޒިންމާ އޮތީ އެއަށް ފަހު އިންތިހާބުވި މިހާރުގެ އެކްސްކޯއާ މަތިކޮށްފަ އެވެ. މިހާރުގެ އެކްސޯކޯއަށް މާދަމާ އެއް އަހަރު ފުރޭނެ އެވެ.

ކުރިން އަސާސީ ގަވާއިދުގައި ލިޔެފައި ވިޔަސް އެކަން ނުކޮށް ބައްސާމް ދެއްކީ "އުޒުރު"

އެފްއޭއެމުން މެއި 2016 ގައި ފާސް ކުރި އަސާސީ ގަވާއިދުގައ ސަރަހައްދީ އެސޯސިއޭޝަންތަކާއި އެހެނިހެން ސަބް އެސޯސިއޭޝަންތައް އުފައްދަން ވެސް އަސާސީ ގަވާއިދުގައި ލިޔުނެވެ. އެ ގަވާއިދުގެދަށުން ދެވަނަ ފަހަރަށް ބޭއްވި އިންތިހާބުން ނޮވެމްބަރު 2016 ގައި އެފްއޭއެމްގެ ރައީސްކަމަށް ވަޑައިގަތީ އޭގެ ކުރިން ޖެނަރަލްސް ސެކްރެޓަރީއަކަށް ހުންނެވި ބައްސާމެވެ. 

އެކަމަކު އޭނާގެ ފުރަތަމަ ދައުރުގެ ހަތަރު އަހަރު ނިމިގެން ދިޔައިރު ވެސް އެ މަސައްކަތް ފުރިހަމައެއް ނުކުރެ އެވެ. 

އޭނާ ދެވަނަ ދައުރަށް ހޮވުނު އިންތިހާބު ޖުލައި 2022 ގައި ބާއްވައި ދެވަނަ ދައުރަކަށް ހޮވުނެވެ. އެފަހަރު އަސާސީގަވާއިދު އިސްލާހުކޮށް ސަރަހައްދީ އެސޯސިއޭޝަންތަކާއި ސަބް އެސޯސިއޭޝަންތައް އުފެއްދުމުގެ މާއްދާތައް އަސާސީގަވާއިދުން ފޮހެލި އެވެ.

ބައްސާމް އޭރު ވިދާޅުވެފައި ވަނީ އެސޯސިއޭޝަނަށް، އެހެން އެސޯސިއޭޝަންތަކެއް ނުހެދޭނެކަމަށް ނެޝަނަލް ސްޕޯޓްސް ކައުންސިލުން ބުނާ ކަމަށެވެ. އެކެނަ ކުރެވޭނީ އެފްއޭއެމް ފެޑެރޭޝަނަކަށް ބަދަލުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެ ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ދިގުމުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބައްސާމް އޭރު ވިދާޅުވީ އެފްއޭއެމް ފެޑެރޭޝަނަކަށް ބަދަލުކުރެވޭނީ ކުޅިވަރުގެ ރަސްމީ އިދާރާތަކުން ހުއްދަ ދިނުމުން ކަމަށެވެ.