ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ބޭންޑް ތަޖުރިބާކާރު ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) އަށް އަލުން ދީފި އެވެ. 

ޖޫން މަހު މާލޭގައި ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ސްކޮޑުން ސަމޫހް ބަކީ ކުރީ އޭރު އިއުލާން ކުރި ގޮތުން އަނިޔާވުމުންނެވެ.

އެކަމަކު ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނީ އަނިޔާވުމުގެ އިތުރަށް ގޯސްތަކެއް ވެސް ސަމޫހަށް ހެދުނު ކަމަށެވެ. އެކަމަކު އެ ގޯސްތަކުން މާޒިޔާގެ ޑިފެންޑަރު ފިލާވަޅު ލިބިގެންފައިވާ ކަމަށް އުރްބާނީ ބުންޏެވެ.

"އެއީ ހަމައެކަނި އަނިޔާގެ ސަބަބުން އެކަންޏެއް ނޫން. އަހަރެމެން ދެމެދުގައި ހިންގި ބައެއް ކަންތައްތަކާ ހުރެ ވެސް މެ ގެއްލުނު އެއްޗެއް އެއީ،" ޑައިމަންޑް ޖުބިލީ މުބާރާތުން ސަމޫހަށް ފުރުސަތު ގެއްލުނު ސަބަބާ ބެހޭގޮތުން އުރްބާނީ ބުންޏެވެ. 

"އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި ކުށެއް ކުރެވުމުން އެއިން ފިލާވަޅު ދަސްކުރުމަކީ އެންމެ މުހިންމު ކަންތައް."

ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ހުރެ، އުރްބާނީ ވަނީ ސަމޫހަށް ކެޕްޓަން ބޭންޑް ހަވާލު ވެސް ކޮށްފަ އެވެ. 

އެއަށް ފަހު އޭނާ ބުނީ ގޯސްތަކުން ފިލާވަޅު ލިބިގަންނަ ކުޅުންތެރިންނަށް ގައުމީ ޓީމުގެ ދޮރު އަބަދުވެސް ހުޅުވިފައި އޮންނާނެ ކަމަށެވެ. 

"އަހަރެން އުއްމީދު ކުރަނީ ސަމޫހު ވެގެންދާނީ އަބަދުވެސް އޭނާ ފެންނަހެން ޓީމުގެ ރަނގަޅު ލީޑަރަކަށް ކަމަށް،" އުރްބާނީ ބުންޏެވެ. 

ސަމޫހް ހެދި ގޯހަކީ ކޮބައިތޯ ސުވާލު ކުރުމުން އުރްބާނީ ވަނީ، އޭނާގެ ގޭގައި އަންހެންނާ ޖެހޭ މައްސަލަތަކުގެ ވާހަކަ އާންމު ނުކުރާނެ ކަމަށެވެ. ހަމައެގޮތަށް ކުޅުންތެރިންނަކީ އޭނާގެ އާއިލާގެ މެންބަރުންތަކެއް ކަމަށް ސިފަކޮށް އުރްބާނީ ބުނީ ސަމޫހް ހެދި ގޯހަކީ ކޮބައިކަން ބުނަން އޭނާ ބޭނުންނުވާ ކަމަށެވެ.

އަލުން ޓީމުން ލިބުނު ފުރުސަތާ ބެހޭގޮތުން ސަމޫހް ބުނީ އަނިޔާގެ ސަބަބުން އޭރު ޓީމާ ދުރުގައި ހުރި އިރު ވެސް ޓީމުގެ ކުޅުންތެރިނާނާ ވާހަކަ ދައކައި ގާތް ގުޅުމެއް ބޭއްވި ކަމަށެވެ. 

"(އޭރު ވެސް) ކުޅުންތެރިންނާ ވާހަކަ ދައްކަން. ކޯޗާ ވެސް ކޮމިޔުނިކޭޓް ކުރަން. ހުރިހާ އެންމެ ވެސް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް މިކުރަނީ،" ސަމޫހް ބުންޏެވެ.  

ގައުމީ ޓީމުން ތައްޔާރު ވަމުން ދަނީ ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި ޗައިނާ އާއި ކިރިގިސްތާން އަދި ލުބުނާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށެވެ. ޗައިނާއާ ދެކޮޅަށް އެ ގައުމުގައި ރާއްޖޭން ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. 

ކިރިގިސްތާނާއި ލުބުނާނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ކިރިގިސްތާނުގަ އެވެ. ކިރިގިސްތާނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މި މަހު 28 ގަ އެވެ. ލުބުނާނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހު އެކެއްގަ އެވެ.