ޓެރީ އަށް މައާފެއް ނުލިބުނު

ލަންޑަން (ޖެނުއަރީ 11) - އެފްއޭ ކަޕް ތިން ވަނަ ބުރުގައި ޕީޓަބޮރޯ ޔުނައިޓެޑް އަތުން މޮޅުވި މެޗުގައި ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ އަށް ދެއްކި ރަތް ކާޑަށް މައާފު ނުދިނުމަށް އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.


މިދިޔަ އާދިއްތަ ދުވަހު ޕީޓަބޮރޯ އަތުން 4-1 އިން ޗެލްސީ މޮޅުވި މެޗުގެ ދެ ވަނަ ހާފްގައި ޓެރީ އަށް ސީދާ ރަތް ކާޑު ދެއްކީ އެންމެ ފަހަތުގައި ހުރެ ޕީޓަބޮރޯގެ ފޯވާޑް ލީ އެންޖޯލް އަށް ފައުލުކުރުމުންނެވެ. ޗެލްސީން ވަނީ މެޗަށް ފަހު އެ ރަތް ކާޑު އެޕީލް ކުރަން ހުށަހަޅައިފަ އެވެ.

އެ މައްސަލަ ބެލުމަށް ފަހު އެފްއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރަތް ކާޑުގެ ސަބަބުން ޓެރީ އަށް އެއް މެޗުގެ ސަސްޕެންޝަނެއް އަންނާނެ ކަމަށެވެ.

"ޓެރީ އަށް އެއް މެޗުގެ ސަސްޕެންޝަނެއް އަންނާނެ. ޕީޓަބޮރޯ މެޗުގެ ރެފްރީ ކެވިން ފްރެންޑް ޗެލްސީގެ ޓެރީ އަށް ދެއްކި ރަތް ކާޑު ދެއްކީ ރަނގަޅަށް،" އެފްއޭގެ ބަޔާނުގައިވެ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ލީގު ކަޕްގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވި މެޗަށް ފަހު ޓެރީ ވަނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރަށްދާން ޖެހިފަ އެވެ. އަނިޔާއިން ރަނގަޅުވެ އޭނާ ޗެލްސީގެ ފުރަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ މެޗަކީ ޕީޓަބޮރޯއާ ދެކޮޅަށް ކުޅުނު މެޗެވެ.

އުމުރުން 36 އަހަރުގެ ޓެރީ ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އާ އެއްބަސްވުމުގެ މަޝްވަރާތައް އަދި ފަށާފައިނުވާއިރު، މި މަހުގެ ޓްރާންސްފާ މާކެޓްގައި ޓެރީ ހޯދުމަށް އިނގިރޭސި ބައެއް ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.