ލަންޑަން (އޭޕްރީލް 19) - އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޗެލްސީއަށް ނުލިބެއްޖެ ނަމަ ވާނެ ގޮތެއް ނޭނގޭ ކަމަށް އެ ޓީމުގެ ކޯޗު ލިއަމް ރޮސޭމިއޯ ބުނެފި އެވެ.
ޗެލްސީ ވަނީ ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 އިން ބަލިވެފަ އެވެ. ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމެނިކޮށް ޖެހީ މެތިއުސް ކުންޔާ އެވެ.
މިއީ ޗެލްސީ ލީގުގައި ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗެވެ. މި ސީޒަންގައި އެންމެ ފަހުން ޗެލްސީ ކުޅުނު ހަތް މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެފައި ވާއިރު، ހަ މެޗުން ވަނީ ބަލިވެފަ އެވެ.
އަންނަ ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ފަސް ޓީމަށް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ. ނަމަވެސް މި ނަތީޖާއާ އެކު 33 މެޗުން ލިބުނު 48 ޕޮއިންޓާ އެކު ޗެލްސީ އޮތީ ހަވަނައިގަ އެވެ. ހަތްވަނައިގައި އޮތް ބްރެންޓްފޯޑާއި އަށްވަނައިގައި އޮތް ބޯންމަތަށް ވެސް ވަނީ ހަމަ މި އަދަދަށް ޕޮއިންޓް ހޯދައިފަ އެވެ.
"ހަގީގަތަށް ޖަވާބު ދޭނަމަ [ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވެއްޖެއްޔާ] އަހަރެންނަކަށް ނޭނގޭ. ހަގީގަތަށް ޖަވާބު ދޭނަމަ އަހަރެމެން އަދިވެސް މަސައްކަތް މި ކުރަނީ، މި ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކާނީ ސީޒަން ނިމުނީމަ،" ރޮސޭނިއޯ ބުންޏެވެ.
ތާވަލްގެ ފަސްވަނައިގައި އޮތް ލިވަޕޫލް އެއް މެޗު މަދުން ކުޅެގެން 52 ޕޮއިންޓް ހޯދާފައި ވާއިރު، ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާ ވަނީ އެއް މެޗު މަދުން ކުޅެގެން 55 ޕޮއިންޓް ހޯދައިފަ އެވެ. މެންޗެސްޓާ ޔުނައިޓެޑް އޮތީ 33 މެޗުން ހޯދި 58 ޕޮއިންޓާ އެކު ތިންވަނައިގަ އެވެ.
ރޭގެ މެޗުގެ ކުރިން ޗެލްސީގެ ސަޕޯޓަރުން ވަނީ ކްލަބުގެ ވެރިން، ބްލޫކޯ އާ ދެކޮޅަށް ދަނޑު ކައިރީގައި މުޒާހަރާ ކޮށްފަ އެވެ. އަދި މެޗަށް ފަހު ވެސް ސަޕޯޓަރުން ވަނީ ބަރަށް ބޮޑަށް ކްލަބްގެ ވެރިންނަށް ނުރުހުން ފާޅު ކޮށްފަ އެވެ.
ޗެލްސީ އަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ޖާގައެއް ނުލިބެއްޖެ ނަމަ އެ ކްލަބަށް އާ ކުޅުންތެރިން ހޯދަން ދަތިތަކާ ކުރިމަތި ވުމުގެ އިތުރުން، މިހާރު ތިބި މުހިއްމު ކުޅުންތެރިން ވެސް އަވަހަށް ކްލަބް ދޫކޮށްލުމުގެ ފުރުސަތު އެބަ އޮތެވެ.
ޗެލްސީގެ ބްލޫކޯ އޯނާޝިޕަށް މިދިޔަ އަހަރު 630 މިލިއަން ޕައުންޑްގެ ގެއްލުމެއް ކުރިމަތިވެފައި ވާއިރު، ޗެމްޕިއަންސް ލީގު ޖާގައެއް ނުލިބެއްޖެ ނަމަ ކްލަބްގެ އާމްދަނީން 100 މިލިއަނެއްހާ ޕައުންޑް ގެއްލޭނެ ކަމަށް ލަފާކުރެވެ އެވެ.
ކޯޗު ރޮސޭނިއޯ ހުރީ ލީގުގައި ކުރިއަށް އޮތް ފަސް މެޗުން ޗެލްސީއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކޮށްގެންނެވެ. ޗެލްސީއަށް ދެން އޮތީ ބްރައިޓަން، ނޮޓްނަމް ފޮރެސްޓް، ލިވަޕޫލް، ޓޮޓްނަމް އަދި ސަންޑަލެންޑެވެ. މީގެ ތެރޭން އަމިއްލަ ދަނޑުގައި ކުޅޭނީ ނޮޓްނަމް އަދި ޓޮޓްނަމާ ދެކޮޅަށެވެ.