ލަންޑަން (ފެބްރުއަރީ 11) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ބޮޑު ސަމާލުކަމެއް ލިބިފައި ވަނީ މެންޗެސްޓާ ޔުނައިޓެޑް ރަށުން ވޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް 1-1 އިން އެއްވަރު ވުމުން، ޔުނައިޓެޑް ސަޕޯޓަރުގެ ބޯ ކޮށުވަން ކުރަން ޖެހޭ އިންތިޒާރު ދިގަު ލައިފި އެވެ.
މައިކަލް ކެރިކްގެ ކޯޗުކަމުގައި ޔުނައިޓެޑް ވަނީ ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުން މޮޅުވެފަ އެވެ. ނަމަވެސް ވެސްޓް ހޭމާ އެއްވަރު ވުމުން ވިދިވިދިގެން ފަސް މެޗުން ޔުނައިޓެޑް މޮޅު ވާން އެ ޓީމުގެ ސަޕޯޓަރު ފްރޭންކް އިލެޓް ނުވަތަ މަޝްހޫރު ނަމުން ނަމަ ދި ޔުނައިޓެޑް ސްޓްރޭންޑް ކުރި އުންމީދު ހާސިލެއް ނުވި އެވެ.
ވިދިވިދިގެން ފަސް މެޗުން ޔުނައިޓެޑް މޮޅު ވުމުން ނޫނީ ބޯ ނުކޮށާން އަޒުމު ކަނޑައަޅައިގެން ހުރި ފްރޭންކް އޭނާގެ ބޯ ނުުކޮށާ މިއަދަށް 494 ދުވަސް ވީ އެވެ. އޮކްޓޫބަރު 2024 ގެ ފަހުން އޭނާ އަދި ބޮލެއް ނުކޮށަ އެވެ.
ވެސްޓް ހޭމް ވަނީ ދެވަނަ ހާފުގެ ފަސްވަނަ މިނިޓުގައި ތޯމަސް ސޫޗެކްގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ޔުނައިޓެޑް ބަލިވާން ދަނިކޮށް އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ޕޮއިންޓެއް ހޯދީ ބެންޖަމިން ސެސްކޯ ޖަހައިދިން ގޯލަކުންނެވެ.
ގޯލު ބުޑުގައި ހުރެ ޕާމާއަށް ޖެހުނީ މައްޗަށް
ޗެލްސީ ވަނީ ރޭ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ވާދަކޮށް 2-2 އިން އެއްވަރު ވެފަ އެވެ.
ފުރަތަމަ ހާފުގައި ޖާއޯ ޕެޑްރޯ ވަނީ ޗެލްސީއަށް ލީޑު ނަގައިދީފަ އެވެ. ދެވަނަ ހާފުގައި ކޯލް ޕާމާ، 58 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ލީޑު ފުޅާ ކޮށްދިން ނަމަވެސް އެއަށް ފަހު ފެނުނީ ލީޑްސް އިން ކޮންޓްރޯލް ހޯދައި ނަތީޖާ އެއްވަރު ކުރި ތަނެވެ.
ލީޑްސްގެ ފުރަތަމަ ގޯލި 67 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ޖެހީ ލޫކަސް އެންމޭޗާ އެވެ. އަދި 73 ވަނަ މިނިޓުގައި ނޯއާ އޮކަފޯ ވަނީ އެ ޓީމަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
އެއަށް ފަހު ޗެލްސީން ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް ބޯޅައެއް ގޯލާ އަމާޒުކޮށްލެވޭގޮތެއް ނުވި އެވެ. އިތުރު ވަގުތުގެ އެންމެ ފަހު މިނިޓުގައި ގޯލު ކުރިމަތިން ކޯލް ޕާމާ އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް ވަނީ 2-1 އިން ޓޮޓްނަމް ހޮޓްސްޕާ ބަލި ކޮށްފަ އެވެ. އަދި ބޯންމަތު ވަނީ 2-1 އިން އެވަޓަން ބަލި ކޮށްފަ އެވެ.