ބްރައިޓަން އެންޑް ހޯވް (އޭޕްރީލް 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ވާދަކޮށް 3-0 އިން ޗެލްސީ ބަލިވި މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނީ ބަލައިގަނެވޭ ވަރަށް ވުރެ ދަށް ކުޅުމެއް ކަމަށް އެ ޓީމުގެ ކޯޗު ލިއަމް ރޮސޭނިއޯ ބުނެފި އެވެ.
މެޗު ފެށިގެން ތިންވަނަ މިނިޓުގައި ބްރައިޓަން ވަނީ ފެރްދީ ކަޑީއޮގްލޫގެ ގޯލަކުން ލީޑު ނަގައިފަ އެވެ. އަދި ދެވަނަ ހާފު ފެށިގެން 11 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ޖެކް ހިންޝެލްވުޑެވެ. ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޑެނީ ވެލްބެކް އެވެ.
"އާދައިގެ ގޮތަކަށް ބުނާ ނަމަ މި ޝަރަފްވެރި ކްލަބްގެ ޖޯޒީ ލައިގެން ފެނުނީ ބަލައިގަނެވޭ ފެންވަރުގެ ކުޅުމެއް ނޫން،" މެޗަށް ފަހު ހިތްހަމަނުޖެހިފައި ހުރި ކޯޗު ރޮސޭނިއޯ ބުންޏެވެ.
"އަހަރެން ވާނީ މީގެ ކުރިން ކުޅުންތެރިންގެ ދިފާއުގައި ވާހަކަ ދައްކައިފަ، އެއީ އަހަރެން ޒިންމާވާން ޖެހޭ ކަމެއް. އަހަރެން އަބަދުވެސް ބުނަމުން އައީ އެހެން. އެކަމަކު މިރޭ އަހަރެންނަށް ހީވަނީ ކުޅުންތެރިން ވެސް ވިސްނާލަން ޖެހޭ ހެން އެމީހުންނަށް ކުޅެވުނު ގޮތާމެދު.
"އަހަރެމެންނަށް 80 ޕަސެންޓް ޑުއެލްސް ގެއްލުނު. ބޮލުން އަރާ ބޯޅައެއް ވިން ކުރެވުނީއެއް ނޫން، ބޮލުން ނޭރިގެން ދެ ގޯލު ވަތް. މި ލެވަލްގަ އެކަންޏެއް ނޫން، މި ކަހަލަ ގޯސްތައް ހަދަންޏާ އެއްވެސް ލެވަލްއެއްގައި މެޗެއް ކާމިޔާބެއް ނުކުރެވޭނެ."
ރޮސޭނިއޯ ބުނީ މި ހަފްތާ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި މެޗުގައި ނަތީޖާ ނުނެރެވުނު ނަމަވެސް ވަރަށް މޮޅަށް ކުޅެފައިވާ ކަމަށާއި، އެ ކުޅުން ނުފެނުމުން ހިތާމަކުރާ ކަމަށެވެ.
މި ސީޒަނުގައި ލީގުގައި ކޯނަރުތަކުން ޗެލްސީ ކޮޅަށް މި ވަނީ 11 ގޯލު ވަދެފަ އެވެ. މިހާ ގިނަ ގޯލު ކޯނަރުތަކުން ޗެލްސީ ކޮޅަށް މީގެ ކުރިން ވަދެފައި ވަނީ 1994-1995 ސީޒަނުގަ އެވެ.
ރޭގެ ބައްޔާ އެކު ޗެލްސީ ވަނީ 34 މެޗުން ލިބުނު 48 ޕޮއިންޓާ އެކު ހަތްވަނައަށް ވެއްޓިފަ އެވެ. އަދި މެޗު ކާމިޔާބު ކޮށްގެން 50 ޕޮއިންޓް ހަމަކޮށް ބްރައިޓަން ވަނީ ހަވަނައަށް ޖެހިލައިފަ އެވެ. މިއާ އެކު ލީގުގައި ބާކީ ހަތަރު މެޗު އޮތް އިރު، ޗެލްސީއަށް މި ވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ޖާގައެއް ހޯދުމުގެ ފުރުސަތު ހަނިވެފަ އެވެ.
ޗެލްސީ މި ވަނީ ލީގުގައި ލަނޑެއް ނުޖެހި ޖެހިޖެހިގެން ފަސް މެޗުން ބަލިވެފަ އެވެ. މިއީ 114 އަހަރު ތެރޭ ޗެލްސީ ލީގުގައި މި ގޮތަށް ބަލިވި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން މިއީ ޕްރިމިއާ ލީގުގައި ނޮވެމްބަރު 1993 އިން ފެށިގެން ލީގުގައި ޖެހިޖެހިގެން ފަސް މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
ޗެލްސީ އަށް ދެން އޮތީ އަންނަ އާދިއްތަ ދުވަހުގެ ރޭ އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.