ގިރޯނާ (ޖެނުއަރީ 28) - ޒުވާން މިޑްފީލްޑަރު ޕެޑްރީ، ބާސެލޯނާ އަށް އޭނާ ކުޅެދިން 100 ވަނަ މެޗުގައި ޖަހައިދިން ގޯލާ އެކު އެ ޓީމުން 1-0 އިން ގިރޯނާ ބަލިކޮށްފި އެވެ.
ސްޕެނިޝް ލީގުގައި ގިރޯނާ އަތުން ހޯދި މޮޅާ އެކު ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ ވަނީ 18 މެޗުން 47 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެ ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 41 ޕޮއިންޓް ހޯދާފައިވާ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑެވެ.
އުމުރުން 20 އަހަރުގެ ޕެޑްރީ މިރޭގެ މެޗުގައި ކުޅެން ނުކުތީ 26 ވަނަ މިނިޓުގައި، އެޓީމުގެ އުސްމާން ޑެމްބެލޭ އަށް އަނިޔާ ވެގެންނެވެ. ބާސެލޯނާ އަށް ބަދަލުވެ ކުރީކޮޅު ޑެމްބެލޭ އަށް އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވި ނަމަވެސް 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކަކުލުގެ އަނިޔާއިން ސަލާމަތްވެގެން އެނބުރި އައިސް އޭނާ އަންނަނީ ޓީމުގެ ކުރީގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ.
މެޗުގެ 61 ވަނަ މިނިޓުގައި ޕެޑްރީ ގޯލު ޖެހީ ޖޯޑީ އަލްބާ ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ގިރޯނާގެ ކީޕަރު ޕައުލޯ ގަޒަނީގާ އަތުގައި ޖެހިފައި ދޫވި ގަޑީގަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ގިރޯނާގެ ކުޅުންތެރިއަކަށް ފައުލް ކުރި ކަމަށް ބުނެ އެ ޓީމުގެ ކޯޗު މައިކަލް ވަނީ ވަރަށް ބޮޑަށް ރެފްރީއާމެދު ނުރުހުން ފާޅު ކޮށްފަ އެވެ. މިއާ ގުޅިގެން އޭނާ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
އުމުރުން 18 އަހަރުގައި ލަސް ޕާމާސް އިން ބާސެލޯނާ އަށް ބަދަލުވި ޕެޑްރީ އެޓީމަށް އެންމެ ފުރަތަމަ ގޯލު ޖެހީ ޗެމްޕިއަންސް ލީގުގައި ފެވެންކްވަރޯސް އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މިހާތަނަށް ކުޅުނު 100 މެޗުގައި ޕެޑްރީ ވަނީ ބާސެލޯނާ އަށް 15 ގޯލު ޖަހައިދީފަ އެވެ. މި ސީޒަން ގައި އޭނާ ވަނީ މިހާތަނަށް ހަ ގޯލު ކާމިޔާބު ކޮށްފަ އެވެ.
ސްޕެއިންގެ އެންމެ އުންމީދީ އެއް މިޑްފީލްޑަރު ޕެޑްރީ ވަނީ ގައުމީ ޓީމަށް މިހާތަނަށް 18 މެޗު ކުޅެދީފަ އެވެ. އެންމެ ފަހުން އޮތް ޔޫރޯ މުބާރާތާއި ވޯލްޑް ކަޕް ގައި ވެސް އޭނާ އަކީ ސްޕެއިން ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.