ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅެ 2-1 އިން ބާސެލޯނާ ބަލިވުމުން، ލީގު ދެވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތް ތަފާތު ޕޮއިންޓަކަށް ކުޑަ ވެއްޖެ އެވެ.
މިކެލް އޮޔާޒަބާލް ފުރަތަމަ ހާފުގައި ސޮސިއެޑާޑަށް ލީޑު ނަގައިދީފައި ވަނިކޮށް ބާސެލޯނާ އެއްވަރު ކުރީ 70 ވަނަ މިނިޓުގަ އެވެ. ކުޅެން އެރިތާ މާ ގިނަ އިރެއް ނުވެ މި ލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑެވެ. ނަމަވެސް މިނިޓެއް ނުވަނީސް ގޮންސާލޯ ގުއެޑޭސް ވަނީ އަލުން ސޮސިއެޑާޑަށް ލީޑު ހޯދައިދީފަ އެވެ.
ބާސެލޯނާ 25 ހަމަލާ ގޯލަށް ފޮނުވާލި މި މެޗުގައި އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުނެވެ.، ސޮސިއެޑާޑުން މެޗު ނިންމާލީ އެކަކު މަދުކޮށެވެ. އެއީ ކާލޯސް ސޮލާ އަށް 88 ވަނަ މިނިޓުގައި ރަތް ކާޑު ދެއްކުމުންނެވެ.
ބާސެލޯނާ ލީގުގެ އެއްވަނައިގައި އޮތީ 20 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑް ވަނީ 48 ޕޮއިންޓް ހޯދައިފަ އެވެ.
މިއާ އެކު ބާސެލޯނާ މި ސީޒަންގައި މޮޅު ވުމުގެ ސިލްސިލާ މިވަނީ 11 މެޗަށް ފަހު ނިމިފަ އެވެ. ލީގުގައި ރޭގެ މެޗުގެ ކުރިން ކުޅުނު ނުވަ މެޗު ވަނީ ކާމިޔާބު ކޮށްފަ އެވެ.
ބާސެލޯނާ އަށް ދެން އޮތީ މި ހަފްތާ ޗެމްޕިއަންސް ލީގުގައި ޗެކިއާ (ކުރީގެ ޗެކް ރިޕަބްލިކް) ގެ ސްލާވިއާ ޕްރާހާއާ ދެކޮޅަށް ކުޅޭ މެޗެވެ.