ކުޅިވަރު

ފުޓްބޯޅަ އަށް ފަހު އެތުލެޓިކްސް އިން ވެސް މި ތަރިން ވިދާލައިފި

އިސްކަންދަރު ސްކޫލުގެ ކައިން (ކ) އަދި އިލާން (ވ)، އިއްޔެ އޮތް 100 މީޓަރު އިވެންޓުގައި ދުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

17 މެއި 2023 - 16:06

އިންޓަ ސްކޫލް ފުޓްބޯޅައިން ވިދާލައި މިހާރު ރާއްޖޭގެ އެއްވަނަ ޑިވިޝަންގައި ވެސް ފުޓްބޯޅަ ކުޅެމުން އަންނަ ދެ އެތުލީޓެއް، މިހާރު ކުރިއަށްދާ އިންޓަ ސްކޫލް އެތުލެޓިކްސް އިން ވެސް ވިދާލައިފި އެވެ.

ވެލެންސިއާގެ ސީނިއާ ފުޓްބޯޅަ ޓީމަށް ކުޅެމުން އަންނަ އިސްކަންދަރު ސްކޫލުގެ މުހައްމަދު އިލާން އިމްރާން އާއި އަހުމަދު ކައިން ގަޔާޝް ވަނީ 100 މީޓަރު ދުވުމުގެ އިވެންޓުން މެޑަލް ހޯދައިފަ އެވެ. ފުޓުބޯޅައިގައި ވެލެންސިއާގެ ޔޫތު ޓީމާއި ސްކޫލް ޓީމް ވެސް ލީޑުކުރާ ޔޫސުފް އަޔާން އާމިރަކީ މިދިޔަ އަހަރުގެ އެތުލެޓިކްސް އެސޯސިއޭޝަން ކަޕުން ވެސް ވިދާލި އެތުލީޓެކެވެ.

އެތްލެޓިކްސް 15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން އިލާން (ކ) އަދި ދެވަނަ ހޯދި ކައިލް (ވ).--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިލާން ވަނީ 15 އަހަރުން ދަށުގެ 100 މީޓަރު އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. އޭނާ ވަނީ 12.26 ސިކުންތުން ރޭސް ނިންމައިފަ އެވެ. ދެވަނަ ހޯދީ 12.33 ސިކުންތުން ރޭސް ނިންމި ޖަމާލުއްދީން ސްކޫލްގެ ކައިލް އަހުމަދު ޝިނާޒް އެވެ. ތިންވަނައަށް ދިޔަ ކަލާފާނު ސްކޫލްގެ ޔަސީން މުހައްމަދު ނާޒިމް ރޭސް ނިންމީ 12.47 ސިކުންތުންނެވެ.

އަޔާން އާއި ކައިން ވާދަކުރީ 17 އަހަރުން ދަށުގެ 100 މީޓަރު ދުވުމުގަ އެވެ. ދެ އެތުލީޓުން ފަހަތަށް ޖައްސާލައި މި އުމުރުފުރާއިން ރަން މެޑަލް ހޯދީ 11.52 ސިކުންތުން ދުވި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ އިސްއާގު ޔުއާބު ހަސަން އެވެ. ރިހި މެޑަލް ހޯދި އަޔާން ދުވީ 11.58 ސިކުންތުންނެވެ. އަދި ކައިން އަށް ލޯ މެޑަލް ލިބުނީ 11.59 ސިކުންތުން ދުވެގެންނެވެ.

އެތްލެޓިކްސް 17 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން އިސްއާގު (ކ-2)، ތިންވަނަ ހޯދި ކައިން (ކ-3) އަދި ދެވަނަ ހޯދި އަޔާން (ވ).--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވިހި އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ އިވެންޓުން ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިބްރާހިމް ނާހިލް ނިޒާރު ފަހަތަށް ޖައްސާލައި ރަން މެޑަލް ހޯދީ ސީއެޗްއެސްއީގެ އަހުމަދު ނަޖުދާން އަބްދުﷲ އެވެ.

ނަޖުދާން އެއްވަނަ ހޯދީ މީޓް ރެކޯޑަކާ ވެސް އެކު އެވެ. އޭނާ ވަނީ 2002 ވަނަ އަހަރު މަދަރުސަތުލް އަމީރު އަހުމަދުގެ މުހައްމަދު ނައުޝާދާއި ގަލޮޅު މަދަރުސާގެ އަބްދުﷲ ސުހެއިލް، 11.30 ސިކުންތުން ދުވެގެން ހެދި ރެކޯޑް މުގުރާލައިފަ އެވެ. ނަޖުދާން ރޭސް ނިންމީ 11.19 ސިކުންތުންނެވެ. ނާހިލް ދެވަނައިގައި ނިންމީ 11.31 ސިކުންތުންނެވެ. ތިންވަނައަށް ދިޔައީ 11.74 ސިކުންތުން ރޭސް ނިންމި ގައުމީ ޔުނިވާސިޓީގެ ހުސެއިން ހުއްސާން ހާލިދެވެ.

ތޭރަ އަހަރުން ދަށުގެ 100 މީޓަރު އިވެންޓުން އެއްވަނަ ހޯދީ ގިޔާސުއްދީންގެ ޔުއާން އަޚްތަރު ޒާހިރެވެ. ދެވަނަ ހޯދީ މިލަންދޫ ސްކޫލްގެ މުހައްމަދު ޔާނިޝް ޔާމިން އެވެ. ތިންވަނައަށް ދިޔައީ ނ. އަތޮޅު ސްކޫލުގެ މުހައްމަދު އިލްޝާމް ބިން އިލްޔާސް އެވެ.

އަހްނާ ނިޒާރު ވަނީ 17 އަހަރުން ދަށުގެ އަންހެން 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. ޖަލާލުއްދީން ސްކޫލުގެ އަހްނާ ރޭސް ފުރިހަމަކުރީ 12.72 ސިކުންތުންނެވެ. ދެވަނައަށް ދިޔަ ޝަރަފުއްދީން ސްކޫލުގެ މަރިޔަމް އުލްޔާ ނަސީމް ރޭސް ނިންމާފައި ވަނީ 13.33 ސިކުންތުންނެވެ. އަފީފުއްދީން ސްކޫލުގެ އައިޝަތު ހަނާން ހަސަން ވަނީ 14.13 ސިކުންތުން ރޭސް ނިންމައި ތިންވަނަ ހޯދައިފަ އެވެ.

އެތްލެޓިކްސް 17 އަހަރުން ދަށުގެ 200 މީޓަރު ދުވުމުގައި ޖަލާލުއްދީން ސްކޫލްގެ އަހުނާ ނިޒާރު ދުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވިހި އަހަރުން ދަށުގެ އަންހެން 100 މީޓަރު އިވެންޓުގައި އައްޑޫ ހައި ސްކޫލުގެ އައިޝަތު ޝައިމް އަޒީޒް ފަހަތަށް ޖައްސާލައި އެއްވަނަ ހޯދީ ދާންދޫ ސްކޫލުގެ އާމިނަތު ލަޔާނާ މުހައްމަދެވެ. ލަޔާނާ ވަނީ 12.85 ސިކުންތުން ރޭސް ފުރިހަމަ ކޮށްފަ އެވެ. ދެވަނައިގައި ނިންމި ޝައިމް ރޭސް ފުރިހަމަ ކުރީ 13.34 ސިކުންތުންނެވެ. ތިންވަނައިގައި ނިންމީ 14.13 ސިކުންތުން ރޭސް ފުރިހަމަ ކުރި ވިލާ ކޮލެޖުގެ އާމިނަތު ނުހާ ޒިޔާދެވެ.

ފަނަރަ އަހަރުން ދަށުގެ އަންހެން 100 މީޓަރު އިވެންޓުގެ އެއްވަނަ ހޯދީ 13.99 ސިކުންތުން ރޭސް ނިންމި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ރައީން މުހައްމަދެވެ. ދެވަނައަށް ދިޔަ އިސްކަންދަރު ސްކޫލުގެ މަރިޔަމް މައިހާ ހަމްދާން ރޭސް ނިންމީ 14.17 ސިކުންތުންނެވެ. ތިންވަނައަށް ދިޔައީ 14.27 ސިކުންތުން ރޭސް ނިންމި ބްރައިތްވޭ އިންޓަނޭޝަނަލް ސްކޫލުގެ ނީމް އަހުމަދު ސަލީމް އެވެ.

ތޭރަ އަހަރުން ދަށުގެ އަންހެން 100 މީޓަރު ދުވުމުން އެއްވަނަ ހޯދީ އަފީފުއްދީން ސްކޫލުގެ އާމިނަތު އައުހާ އަބްދުއްރަހީމް އެވެ. ދެވަނައަށް ދިޔައީ ގިޔާސުއްދީންގެ ހައްވާ އައިރީން ދިލްޝާން އެވެ. ތިންވަނައަށް ދިޔައީ ޖަމާލުއްދީންގެ ޒާއިން އަބްދުލް ވައްހާބެވެ.

ތޭރަ އަހަރުން ދަށުގެ ފިރިހެން 80 މީޓަރު ދުވުމުން އެއްވަނަ ހޯދީ ޖަމާލުއްދީން ސްކޫލުގެ ނޫހު އިޚްލާސް އެވެ. ދެވަނައަށް ދިޔައީ މިލަންދޫ ސްކޫލުގެ އާދަމް ޒާން ޔަޒްމީން އެވެ. އަދި ތިންވަނައަށް ދިޔައީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ އާކިލް އަމާނުﷲ އެވެ. އަންހެން ބައިގެ އެއްވަނަ ހޯދީ އަފީފުއްދީން ސްކޫލުގެ އާނީ ހުސެއިން އަހުމަދެވެ. އިސްކަންދަރު ސްކޫލުގެ އައިޝަތު ތާރާ ވާސިފް ދެވަނަ ހޯދިއިރު، ތިންވަނަ ހޯދީ ހަމަދު ބިން ޚަލީފާ އަލް ތާނީ ސްކޫލުގެ އައިޝަތު އީޝަލް ބިންތި އިމާދެވެ.

އިއްޔެގެ އިތުރު ފައިނަލްތަކަށް ބަލައިލާއިރު، 15 އަހަރުން ދަށުގެ އަންހެން ޑިސްކަސް އުކުމުން އެއްވަނަ ހޯދީ އަމީނިއްޔާ ސްކޫލުގެ ފާތިމަތު ފަރީހާ ފަޔާޒް އެވެ. ރެހެންދި ސްކޫލުގެ އާމިނަތު އީޝަލް މޫސާ ދެވަނަ ހޯދި އިރު ތިންވަނަ ހޯދީ އަފީފުއްދީން ސްކޫލުގެ ރާހާ އަބްދުއްރައްޒާގެވެ.

ފަނަރަ އަހަރުން ދަށުގެ ފިރިހެން ޓްރިޕަލް ޖަމްޕުން އެއްވަނަ ހޯދީ ރެހެންދި ސްކޫލުގެ މުހައްމަދު ނައުފް ނިޒާރެވެ. ލ. އަތޮޅު ސްކޫލުގެ ރާއިފް މުހައްމަދު ދެވަނައަށް ދިޔައިރު ތިންވަނަ ހޯދީ މިލަންދޫ ސްކޫލުގެ މުހައްމަދު ޒައިދާން ޒައިން އެވެ.

ސަތާރަ އަހަރުން ދަށުގެ ފިރިހެން ލޯންގް ޖަމްޕުން އެއްވަނަ ހޯދީ ގިޔާސުއްދީންގެ އިސްއާގު ޔުއާބު ހަސަން އެވެ. ދެވަނައަށް ދިޔައީ އަފީފުއްދީންގެ ސިޒާން އަލީ ރިޒާ އެވެ. ތިންވަނަ ހޯދީ އިސްކަންދަރުގެ ޔޫސުފް އަޔާން އާމިރެވެ.

ތޭރަ އަހަރުން ދަށުގެ ފިރިހެން ހައި ޖަމްޕުން އެއްވަނަ ހޯދީ ހުރަވީ ސްކޫލުގެ އަބްދުއްރަހްމާން ބިން އަހުމަދެވެ. ނ. އަތޮޅު ސްކޫލުގެ އިސްމާއިލް މަޖުދާން އަހުމަދު ދެވަނަ ހޯދިއިރު ތިންވަނައަށް ދިޔައީ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގެ އައިދިން ހުސެއިން އިމްތިޔާޒް އެވެ.

ސަތާރަ އަހަރުން ދަށުގެ އަންހެން ހައި ޖަމްޕުން އެއްވަނަ ހޯދީ ބިލަބޮންގް ހައިގެ ނަމްޔާ މެހެތާ އެވެ. ރެހެންދި ސްކޫލުގެ ހަނާން އަހުމަދު ޒާހިރަށް ދެވަނަ ލިބުނުއިރު ތިންވަނަ ހޯދީ ބިލްބޮންގް ހައިގެ ޔާސްމިން ފަރުހަތު ފާރޫކެވެ.

ފަނަރަ އަހަރުން ދަށުގެ ޝޮޓް ޕުޓް އިވެންޓުގެ އެއްވަނަ ހޯދީ ރެހެންދި ސްކޫލުގެ އާމިނަތި އީޝަލް މޫސާ އެވެ. ދެވަނައަށް ދިޔައީ އަމީނިއްޔާގެ ފާތިމަތު ފަރީހާ ފަޔާޒް އެވެ. ތިންވަނައަށް ދިޔައީ އަފީފުއްދީން ސްކޫލުގެ ރާހާ އަބްދުއްރައްޒާގެވެ.

ތޭރަ އަހަރުން ދަށުގެ އަންހެން ލޯންގް ޖަމްޕު އިވެންޓުން އެއްވަނަ ހޯދީ ހިތަދޫ ސްކޫލުގެ ފާތިމަތު ގާނީ ބިންތި އަސްނާން އެވެ. ދެވަނައަށް ދިޔައީ އިސްކަންދަރުގެ އީޝާ ބިންތި ގައްސާން ސުލެއިމާނެވެ. ތިންވަނައަށް ދިޔައީ އަފީފުއްދީން ސްކުޅުގެ އާނީ ހުސެއިން އަހުމަދެވެ.

ވިހި އަހަރުން ދަށުގެ އަންހެން ޝޮޓް ޕުޓް އިވެންޓުގެ އެއްވަނަ ހޯދީ އައްޑޫ ހައި ސްކޫލުގެ ކައުސަރު އާދަމް އެވެ. އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ މަލްހާ މުހައްމަދު މާދީ އަށް ދެވަނަ ލިބުނުއިރު ތިންވަނަ ލިބުނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ހައްވާ ރާސިމާ އަށެވެ.

ވިހި އަހަރުން ދަށުގެ ފިރިހެން ޖެވެލިން ތުރޯ އިން ތިން މެޑަލް ހޯދީ ވެސް އަހުމަދިއްޔާގެ އެތުލީޓުންނެވެ. އެއްވަނައަށް ދިޔައީ މާހިލް މުހައްމަދު ލުތުފީ އެވެ. އައިމަން ހާލިދު ދެވަނައަށް ދިޔައިރު ތިންވަނައަށް ދިޔައީ ޔާމީން އަލީ ނޫރީ އެވެ.

ތޭރަ އަހަރުން ދަށުގެ އަންހެން އަދި ފިރިހެން 70 މީޓަރުގެ ހާޑަލްސް ރޭސް ވެސް ވަނީ ނިމިފަ އެވެ. އަންހެން ބައިގެ އެއްވަނަ ހޯދީ އިސްކަންދަރުގެ ސޯފިއާ އަބްދުﷲ އިބްރާހިމް އެވެ. ދެވަނައަށް ދިޔައީ އަހުމަދިއްޔާގެ މަތީޝާ މެތުކީ ގޮނާޑުވަގޭ އެވެ. ތިންވަނައަށް ދިޔައީ ރެހެންދި ސްކޫލުގެ އައިޝަތު އީލިޔާ ބިންތި މުހައްމަދެވެ. ފިރިހެން ބައިގެ އެއްވަނަ މިލަންދޫ ސްކޫލުގެ އިބްރާހިމް ނަސީހު އަލީ ހޯދިއިރު ދެވަނަ ހޯދީ އެ ސްކޫލުގެ އަހުމަދު ޒާއިން ބިން އިބްރާހިމް ޒަހީން އެވެ. ތިންވަނައަށް ދިޔައީ ރެހެންދި ސްކޫލުގެ އަޝްހަމް ބިން އަހުމަދެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454