ކުޅިވަރު

މި އަހަރު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އެންމެ ކާމިޔާބީ އަހުމަދިއްޔާ

20 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ސްކޫލް، އަހުމަދިއްޔާ.-- ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން

20 މެއި 2023 - 15:15

އިއްޔެ ނިމުނު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އެންމެ މޮޅު ސްކޫލަކަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޮވިއްޖެ އެވެ.

މުޅި އެކު 47 ސްކޫލް ވާދަކުރި މި މުބާރާޓުގެ 20 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ސްކޫލަކަށް ހޮވުނީ އަހުމަދިއްޔާ ސްކޫލެވެ.

ވާދަވެރިކޮށް ފެނުނު މި މުބާރާތުގައި 20 އަހަރުން ދަށުގެ އުމުރުފުރާ ފިޔަވައި އެހެން އުމުރުފުރާތަކުގެ ކެޓެގަރީތަކުން އެއްވަނަ، އެއް ސްކޫލަކަށް ލިބިފައެއް ނުވެ އެވެ.

ސަތާރައަހަރުން ދަށުގެ އަންހެން ބައިން އެންމެ މޮޅު ސްކޫލަކަށް ޝަރަފުއްދީން ސްކޫލް ހޮވުނުއިރު ފިރިހެން އެންމެ މޮޅު ސްކޫލަކަށް ހޮވުނީ މަޖީދިއްޔާ ސްކޫލެވެ. ފަނަރަ އަހަރުން ދަށުގެ ފިރިހެން ބައިން އިސްކަންދަރު ސްކޫލް އެއްވަނަ ހޯދިއިރު އަންހެން ބައިގެ އެއްވަނަ ހޯދީ ކަލާފާނު ސްކޫލެވެ.

20 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ސްކޫލް، އަހުމަދިއްޔާ.-- ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން

ތޭރަ އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު ތިން ސްކޫލު ހޮވި އެވެ. ފިރިހެން ބައިން އެއްވަނަ ހޯދީ މިލަންދޫ ސްކޫލެވެ. ދެވަނަ ސްކޫލަކަށް މުހްޔިއްދީން ސްކޫލް ހޮވުނުއިރު ތިންވަނައަށް ދިޔައީ ކަނޑުހުޅުދޫ ސްކޫލެވެ. މި އުމުރުފުރާގެ އެންމެ މޮޅު އަންހެން ސްކޫލަކަށް ފޮވުނީ އަފީފުއްދީން ސްކޫލެވެ. ދެވަނަ އަށް ދިޔައީ އިސްކަންދަރު ސްކޫލެވެ. އަދި ތިންވަނަ ޓީމަކީ ޖަލާލުއްދީން ސްކޫލެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 1،495 އެތުލީޓުން ވާދަ ކޮށްފައި ވެއެވެ. އުމުރުފުރާތަކުން ހޮވުނު އެންމެ މޮޅު އެތުލީޓުންނަށް ބަލައިލާއިރު، 20 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓަކީ ދާންދޫ ސްކޫލުގެ އާމިނަތު ލަޔާނާ މުހައްމަދެވެ. ލަޔާނާ ވަނީ 100 މީޓަރާއި 200 މީޓަރުގެ އިތުރުން 400 މީޓަރު ދުވުމުން ވެސް ރަން މެޑަލް ހޯދައިފަ އެވެ. އަދި 100 މީޓަރާއި 400 މީޓަރުން ލަޔާނާ ވަނީ މީޓް ރެކޯޑް ވެސް ހަދައިފަ އެވެ.

މި އުމުރުފުރާއިން އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ގައުމީ ޔުނިވާސިޓީގެ އިބްރާހިމް އާދަމް އެވެ. އިބްރާހިމް އާދަމް ވަނީ 800 މީޓަރާއި 1500 މީޓަރުގެ އިތުރުން 500 މީޓަރު އިވެންޓުން ތަން މެޑަލް ހޯދައިފަ އެވެ.

މިއަހަރު މުބާރާތުގެ އެންމެ މޮޅު އެތުލީޓުން؛ (ކ-ވ) އިބްރާހިމް އާދަމް، އިލާން، ޒައިން އަދި (ވ-ކ) ލަޔާނާ، އަހުނާ، ޒީވާ.-- ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން

ސަތާރަ އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ އަންހެން އެތުލީޓަކީ ޖަލާލުއްދީން ސްކޫލުގެ އަހްނާ ނިޒާރެވެ. އަހްނާ ވަނީ 100 މީޓަރާއި 200 މީޓަރުގެ އިތުރުން ޓްރިޕަލް ޖަމްޕުން ރަން މެޑަލް ހޯދައިފަ އެވެ. މި ތިން އިވެންޓުގެ ތެރެއިން 100 މީޓަރާއި 200 މީޓަރު އިވެންޓުން މީޓް ރެކޯޑް ހެދިއިރު، ޓްރިޕަލް ޖަމްޕުން ވަނީ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

ސަތާރަ އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ މަޖީދިއްޔާ ސްކޫލުގެ ޒައިން ޒައިދު އަބްދުﷲ އެވެ. އޭނާ ވަނީ 800 މީޓަރާއި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. އަދި 1500 މީޓަރު އިވެންޓުން މީޓް ރެކޯޑް ވެސް ހެދި އެވެ.

ފަނަރަ އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ހިތަދޫ ސްކޫލުގެ އާމިނަތު ޒީވާ އާމިރެވެ. ޒީވާ ވަނީ 200 މީޓަރާއި 400 މީތަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. މި އުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިތުރުން ލޯންގް ޖަމްޕުން ރަން މެޑަލް ހޯދި އިސްކަންދަރު ސްކޫލުގެ މުހައްމަދު އިލާން އިމްރާން އެވެ. އިލާން ވަނީ 100 މީތަރު ދުވުމުން މީޓް ރެކޯޑް ވެސް ހަދައިފަ އެވެ.

0 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 0%
icon angry icon angry 8%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454