ލަންޑަން (ޖެނުއަރީ 30) - އިންގްލެންޑުގެ މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔަކަށް ލިވަޕޫލްގެ މިޑްފީލްޑަރު އެޑަމް ލަލާނާ ހޮވިއްޖެ އެވެ.
އިނގިރޭސި ސަޕޯޓަރުންގެ ކްލަބުންނާއި ކުޅިވަރު ނޫސްވެރިންގެ ވޯޓުން ހޮވި މޮޅު ކުޅުންތެރިޔާގެ މަގާމު ލަލާނާ އަށް ލިބުނީ 29 ޕަސެންޓް ވޯޓާ އެކު އެވެ. ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ ލެސްޓާ ސިޓީގެ ފޯވާޑް ޖޭމީ ވާޑީ އަށެވެ. އޭނާ އަށް 12 ޕަސެންޓް ވޯޓު ލިބުނުއިރު، ތިން ވަނަ ދިޔަ މެންޗެސްޓާ ޔުނައިޓެޑްގެ ވޭން ރޫނީ އަށް ލިބުނީ 8 ޕަސެންޓް ވޯޓެވެ.
އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބުނީ ސައުތުހެމްޓަންގެ ނޭތަން ރެޑްމަންޑް އަށެވެ.
އެންމެ ފަހުން ދެ ފަހަރު މި އެވޯޑް ހޯދީ ރޫނީ އެވެ. ލަލާނާ ބުނީ މި އެވޯޑަކީ ފާއިތުވި އަހަރުގައި އޭނާ އަށް ލިބުނު ކުރިއެރުމުގެ ނަތީޖާ ކަމަށެވެ.
ލިވަޕޫލްގެ ކޯޗުކަމާ ޔާގަން ކްލޮޕް ހަވާލުވި ފަހުން ލަލާނާ އަކީ އެންމެ ބޮޑު ކުރިއެރުން ހޯދި ކުޅުންތެރިޔާ އެވެ. މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލަށާއި ލީގު ކަޕް ފައިނަލަށް ލިވަޕޫލް ގެންގޮސްދިނުމުގައި ލަލާނާގެ ދައުރު ބޮޑެވެ. މި ސީޒަނުގެ މިހާތަނަށް ޕްރިމިއާ ލީގުގައި އެންމެ ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ މިޑްފީލްޑަރުންގެ ތެރޭގައި ލަލާނާ ހިމެނެ އެވެ.
އިންގްލެންޑުގެ ފުރަތަމަ އެގާރައިން ފަހަކަށް އައިސް ލަލާނާ ވަނީ ގަވައިދުން ޖާގަ ހޯދައިފަ އެވެ. ޔޫރޯގެ މެޗުތަކުގައި ވެސް ކުޅުނު ލަލާނާ ވަނީ ސޭމް އެލަޑީސްގެ ކޯޗުކަމުގައި އިންގްލެންޑް ކުޅުނު ހަމައެކަނި މެޗުގައި ސްލޮވާކިއާ އަތުން އިންގްލެންޑު މޮޅުކޮށްދިން ލަނޑު ޖަހައިފަ އެވެ.
އުމުރުން 28 އަހަރުގެ ލަލާނާ ހޯދަމުން އަންނަ ކުރިއެރުމާ ގުޅިގެން ޔޫރަޕްގެ ބައެއް ކްލަބްތަކުން އޭނާ އަށް ފާރަލަމުން އަންނަ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ. ލަލާނާ ލިވަޕޫލަށް ބަދަލުވީ 2014 ވަނަ އަހަރު ސައުތެމްޓަނުންނެވެ. ލަލާނާ ހޯދުމަށް ލިވަޕޫލުން 25 މިލިއަން ޕައުންޑް ދެއްކި އެވެ.