ލަންޑަން (ނޮވެމްބަރު 12) - އިންގްލެންޑްގެ ފަރިތަކުރުންތަކުގެ ތެރެއިން ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޯމޭޒަށް އަނިޔާވެ އެ ޓީމުގެ ޑިފެންސް ލައިނަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތައް އިތުރަށް ގޯސް ވެއްޖެ އެވެ.
އަނިޔާގެ ސަބަބުން ލިވަޕޫލުގެ ދެ ޑިފެންޑަރުން ކަމަށްވާ ވާޖިލް ވެން ޑައިކާއި ފަބީނިއޯ އަދި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ތިބީ ކުޅުމާ ދުރުގަ އެވެ. މީގެ ތެރެއިން އެންމެ އަވަހަށް ކުޅެން ނުކުމެވޭނީ ފަބީނިއޯ އަށެވެ. އާނޯލްޑަށް އަންނަ މަހު އެނބުރި އާދެވޭނެ ކަމަށް ލަފާކުރާއިރު، މި ސީޒަނުގައި ދެން ވެން ޑައިކް ފެނުމުގެ އޮތީ ވަރަށް ހަނި ފުރުސަތެކެވެ.
ފާއިތުވި ހަފްތާތަކުގައި ލިވަޕޫލްގެ ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް ކުޅެމުން އައި ގޯމޭޒްގެ ކަކުލަށް އަނިޔާވީ ފަރިތަކުރުމުގެ ތެެރެެއިން އެކަނި ބޯޅަ ހިފައިގެން ކުޅުމުގެ ތެރޭގައި ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ ބުނެފަ އެވެ. ގޯމޭޒަށް ތަދުވެފައިވާ މިންވަރަށް ބަލާއިރު އަނިޔާ ސީރިއަސް ވެދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ސީދާ އެއްޗެއް ބުނަން އެނގޭނީ ސްކޭން އެއް ކުރުމަށް ފަހު ކަމަށް އޭނާ ބުންޏެވެ.
އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގޯމޭޒަށް އަށް ލިބުނީ 2015 ވަނަ އަހަރު ވެސް އޭނާ އަށް ކުރިމަތިވި އަނިޔާއެކެވެ. އެ ފަދަ އަނިޔާއެއް ނަމަ ދެން ގޯމޭޒަށް މި ސީޒަނުގައި ނުކުޅެވޭނެ އެވެ. އެ ފަހަރު އިންގްލެންޑް 21 އަަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެނިކޮށް އުމުރުން 23 އަހަރުގެ ގޯމޭޒްގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއިން ރަނގަޅުވެ އޭނާ ކުޅުމަށް އެނބުރި އައީ އަހަރެއް ފަހުންނެވެ.
މިދިޔަ ދެ ސީޒަނުގައި ލިވަޕޫލްގެ ކާމިޔާބީގެ މުހިއްމު ހިއްސާއެއް އޮތް ވެން ޑައިކާއި ގޯމޭޒް ނެތި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ ބޮލުގެ ރިހުން އިތުރުވާނެ އެވެ. އިނގިރޭސި ޕްރިމިއާ ލީގުން މެޗެއްގެ ތެރެއިން ފަސް ބަދަލު ނުކުރެވޭ ގޮތަށް އޮތުމާއި ކުޅުންތެރިންގެ ސިއްހަތާ މެދު ނުވިސްނައި މެޗު ޝެޑިއުލް ތައްޔާރުކުރާ މައްސަލައިގައި ކްލޮޕް ވަނީ މީގެ ކުރިން ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ޑިފެންޑަރެއް ގެންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭއިރު، އޭގެ ކުރިން 11 މެޗު ކުޅެން ޖެހޭނެ އެވެ. އެ މެޗުތަކަށް ލިވަޕޫލުން ފަހަތުގައި ބޭނުންކުރަން ސީނިއާ ޑިފެންޑަރުންގެ ގޮތުގައި ތިބީ މަދު ކުޅުންތެރިންތަކެކެވެ. އަނިޔާގެ މައްސަލަތަކާ ހުރެ ލިވަޕޫލްގެ ޒުވާން ޑިފެންޑަރުން ކުރިއަށް ހުރި މެޗުތަކުގައި ބޭނުންކޮށްފާނެ ކަމުގެ އިޝާރާތެއް މީގެ ކުރިން ކްލޮޕް ވަނީ ދީފަ އެވެ.
ލިވަޕޫލުން ބޭނުންނަމަ ވަގުތީ ހައްލެއްގެ ގޮތުން މި ވަގުތު ޓީމެއްގެ ކޮންޓްރެކްޓްގައި ނެތް ޑިފެންޑަރެއް ގެނައުމުގެ އިހުތިޔާރު ވެސް އެ ޓީމަށް އެބައޮތެވެ.