ލިވަޕޫލް (ނޮވެމްބަރު 24) - ލިވަޕޫލާއި އިންގްލެންޑުގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް 19 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ޒުވާން އުމުރުގައި ލިވަޕޫލަށް ކުޅެން ފަށައި އެ ޓީމަށް 17 އަހަރު ކުޅެދިން ޖެރާޑް އެ ކްލަބް ދޫކޮށް އެމްއެލްއެސްގެ އެލްއޭ ގެލެކްސީ އަށް ބަދަލުވީ މިިދިޔަ އަހަރު އެވެ. އުމުރުން 36 އަހަރުގެ ޖެރާޑް ވަނީ ލިވަޕޫލަށް 710 މެޗު ކުޅެދީފަ އެވެ. އަދި އޭނާ އަކީ އެ ކްލަބްގެ ތާރީހުގައި އެންމެ ގިނަ ދުވަހު ކެޕްޓަންކަން ކުރި ކުޅުންތެރިޔާ އެވެ.

"ފުޓްބޯޅައިގައި އަހަންނަށް ވަރަށް ގިނަ ކަންތައްތަކެއް ހާސިލްކުރެވިއްޖެ. ލިވަޕޫލާއި އިންގްލެންޑް އަދި ގެލެކްސީގެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން. މިދިޔަ 18 ވަރަކަށް އަހަރުގައި ހިނގާދިޔަ ކޮންމެ ކަމަކީ ހިތުން ފިލައިގެން ދާނެ ކަންތައްތަކެއް ނޫން،" ރިޓަޔާކުރިކަން އިއުލާން ކުރުމަށް ފަހު ޖެރާޑް ބުންޏެވެ.

ޖެރާޑް ބުނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ހާއްސަ ކަމަކީ އެންމެ ކުޑައިރު ސަޕޯޓުކުރި ކްލަބަށް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބުން ކަމަށެވެ.

"އަހަންނަކީ ލިވަޕޫލް ސަޕޯޓަރެއް. ސަޕޯޓްކުރި ޓީމަށް 700 އަށް ވުރެން ގިނަ މެޗު ކުޅެދިނުމަކީ ލިބުނު ފަހުރެއް. މި ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެލަން ލިބުނު ކޮންމެ މެޗަކީ އުފަލެއް. މި މުއްސަނދި ތާރީހު އޮތް ކްލަބުގެ ކެޕްޓަންކަން ކުރުމަކީ އަހަންނަށް ލިބުނު އެންމެ ބޮޑު އުފާ،" އިންގްލެންޑުގެ ވެސް ކެޕްޓަންކަން ކުރި ޖެރާޑް ބުންޏެވެ.

2005 ވަނަ އަހަރުގެ އިސްޓަންބޫލް ފައިނަލަށް ފަހު ޖެރާޑް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ
2005 ވަނަ އަހަރުގެ އިސްޓަންބޫލް ފައިނަލަށް ފަހު ޖެރާޑް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލާ އެކު ޖެރާޑަށް ނުލިބޭ ހަމައެކަނި ކާމިޔާބީ އަކީ އިނގިރޭސި ޕްރިމިއާ ލީގެވެ. އޭނާ ވަނީ ލިވަޕޫލާ އެކު ޗެމްޕިއަންސް ލީގު އެއް ފަހަރު، އެފްއޭ ކަޕް ދެ ފަހަރު، ލީގު ކަޕް ތިން ފަހަރު އަދި ޔޫއޭފާ ކަޕް އަދި ޔޫއޭފާ ސުޕަ ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ފުޓްބޯޅަ ކެރިއަރުގައި ޖެރާޑްގެ އެންމެ ހާއްސަ މެޗެއްގެ ގޮތުގައި ފާހަގަކުރެވެނީ 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި މިލާނުން ތިން ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރައި ލިވަޕޫލް މޮޅުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ޖެރާޑެވެ. އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބުނެވެ. އޭގެ ތެރޭގައި ޗެލްސީ، މިލާން އަދި ރެއާލް މެޑްރިޑް ހިމެނެ އެވެ.

ޖެރާޑް ބުނީ ފުޓްބޯޅަ ކުޅުން ހުއްޓާލި ނަމަވެސް ފުޓްބޯޅަ އަށް ހިދުމަތް ކޮށްދިނުމުގައި ދެމި ހުންނާނެ ކަމަށެވެ. އަދި ދާދި ފަހުން އިނގިރޭސި ތިން ވަނަ ޑިވިޝަންގެ ކްލަބް އެމްކޭ ޑޮންސް އިން ލިބުނު ހުށަހެޅުމެއް ނޫނެކޭ ބުނީ ކޯޗިން އަށް ވަންނަން އަދި ވަގުތު ބޭނުންވާތީ ކަމަށް ބުންޏެވެ.

"ކުޅުން ހުއްޓާލިޔަސް ފުޓްބޯޅައާ ދުރަކަށް ނުދާނަން. މުސްތަގުބަލާ ގުޅޭގޮތުން ވަރަށް އަވަހަަށް ގޮތެއް ނިންމާނަން،" އިންގްލެންޑަށް 114 މެޗު ކުޅެދިން ޖެރާޑް ބުންޏެވެ.

ޖެރާޑް ކުޅުން ހުއްޓާލަން ނިންމީ ނިއުކާސަލް ޔުނައިޓެޑާއި ސްކޮޓެލެންޑުގެ ސެލްޓިކުން އޭނާ ހޯދަން މަސައްކަތް ކުރަމުން އަންނަނިކޮށެވެ. ރިޕޯޓްތައް ބުނާގޮތުގައި ލިވަޕޫލުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އެޓީމާ ގުޅުމަށް ޖެރާޑް ވަނީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕާ މަޝްވަރާކޮށްފަ އެވެ. އަދި އިންގްލެންޑުން ވެސް ވަނީ ޖެރާޑްގެ ކޯޗިން ލައިސަންސް ލިބުމުން އޭނާ ޔޫތު ޓީމު ކޯޗެއްގެ ވަޒީފާ ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.