ޕެރިސް (ސެޕްޓެމްބަރު 16) - ޕީއެސްޖީއަށް ކުޅޭ އިޓަލީ ގައުމީ ޓީމުގެ މިޑްފީލްޑަރު މާކޯ ވެރާޓީ، 30، ގަތަރުގެ އަލް އަރަބީ އަށް ބަދަލު ވެފައި ވާއިރު، ޕީއެސްޖީން އޭނާ އަށް ލެޖެންޑެއްގެ ފެއާވެލް ދީފި އެވެ.

ޕީއެސްޖީން ރޭ އަމިއްލަ ދަނޑުގައި ކުޅުނު ލީގު މެޗުގެ ކުރިން އޭނާއަށް އަލްވަދާއު ކިޔާފައި ވަނީ 47،000 ސަޕޯޓަރުންގެ ކުރިމަތީގަ އެވެ.

މެޗުގެ ކުރިން ވެރާޓީއަށް ހާއްސަކުރި ރަސްމިއްޔާތުގައި، އޭނާ އާއެކު ކުރިން ޕީއެސްޖީށް ކުޅުނު ގިނަ ކުޅުންތެރިންތަކެއްގެ ހާއްސަ މެސެޖްތަކެއް ހިމެނޭ ވީޑިއޯއެއް ދަނޑުގެ ސްކްރީނުން ދެއްކި އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ޒްލަޓާން އިބްރަހިމޮވިޗާއި ތިއާގޯ ސިލްވާ އަދި އެޒެކީލް ލަވޭޒީ ހިމެނެ އެވެ.

"ތިއީ ވަރަށް މޮޅު ކުޅުންތެރިއަކަށް ވެއްޖެ. މުޅި އުމުރަށް ވެސް ތިއީ އަހަރެންގެ ރަހުމްތެރިއަކަށް ވާނެ،" ފެއާވެލް މެސެޖެއްގެ ގޮތުގައި އިބްރަހިމޮވިޗް ބުންޏެވެ.

ފެއާވެލްގައި ޕީއެސްޖީ ކުޅުންތެރިން ވަނީ ވެރާޓީ އަށް ޝުކުރު އަދާކޮށް ހާއްސަ ޓީޝާޓެއް ލައިގެން އޭނާއަށް ގާޑް އޮފް އޮނާއެއް ވެސް ދީފަ އެވެ.

"ޕީއެސްޖީގައި އުފާވެރި 11 އަހަރު ހޭދަ ކޮށްފިން. ހިތުގެ އެންމެ ފުން މިނުން އެންމެންނަށް ޝުކުރު އަދާކުރަން،" ދަނޑަށް އެއްވެ ތިބި ހުރިހާ ސަޕޯޓަރުންނާ ވާހަކަ ދައްކަމުން ވެރާޓީ ބުންޏެވެ.

އިޓަލީގެ ދަށް ޑިވިޝަންތަކުގައި ކުޅުމަށް ފަހު އުމުރުން 19 އަހަރުގައި ވެރާޓީ ޕީއެސްޖީއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އަދި ޕީއެސްޖީގައި ހޭދަކުރި 11 ސީޒަންގައި އޭނާ ވަނީ އެ ކްލަބަށް 416 މެޗު ކުޅެދީ ނުވަ ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފައި ވެއެވެ.

ލީގު ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، ފްރާންސް އެފްއޭ ކަޕާއި ލީގް ކަޕް ހަ ފަހަރު ކާމިޔާބު ކުރި އެވެ. އަދި ނުވަ ފަހަރު ފްރާންސް ސުޕަ ކަޕް ކާމިޔާބު ކުރިއިރު، 2019/2020 ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު ޕީއެސްޖީ ޓީމުގައި ވެސް އޭނާ މުހިއްމު ދައުރެއް އަދާކުރި އެވެ.

އިޓަލީ ގައުމީ ޓީމަށް މިހާތަނަށް 55 މެޗު ކުޅެދީފައިވާ ވެރާޓީ ވަނީ، އިޓަލީ އާއެކު 2021 ވަނަ އަހަރު އޮތް ޔޫރޯ މުބާރާތް ކާމިޔާބުކޮށް، ދެ ފަހަރު ނޭޝަންލްސް ލީގު ލޯ މެޑަލް ހޯދައިފަ އެވެ.