އީގަލްސްއާ ދެކޮޅަށް ވިކްޓަރީ ޕްރެޝަރު ބޮޑު މެޗަކަށް

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަަވީރު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ވިކްޓަރީ އަށް ޕްރެޝަރު ބޮޑު މެޗެއް ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


ވިކްޓަރީ ކޯޗުކަމާ ސުޒޭން އަލުން ހަވާލުވެ އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުން ގްރީން ސްޓްރީޓްސް އަތުން ބަލިވިއިރު، ދެ ވަނަ މެޗުން އެ ޓީމު ބަލިވީ ވާދަވެރި ނިއު ރޭޑިއަންޓް އަތުންނެވެ.

މެޗުގެ ކުރިން ސުޒޭން ބުނީ މިއީ ވިކްޓަރީގެ އިތުރުން އޭނާ އަށް ވެސް ޕްރެޝަރު ބޮޑު މެޗެއް ކަމަށެވެ.

"ވިކްޓަރީ އަށް މި އޮތީ ވަރަށް ބޮޑު ޕްރެޝަރެއް. އެއީ ފުރަތަމަ ދެ މެޗުން ބަލިވުމާއި. ދެން އަނެއްކާ މި ދިމާވަނީ މި ފަހަކަށް އައިސް އެންމެ އޯގަނައިޒްކޮށް ކުޅެމުން އަންނަ ޓީމު. އީގަލްސް އިން ވެސް ދެ މެޗު ކުޅެފައި އޮވެފައި އެ ޓީމު ވެސް ޕްރެޝަރުގައި އޮތީމަ ކޮންމެ ގޮތެއް ވެދާނެ މެޗެއް މިއީ،" މިދިޔަ އަހަރު މާޒިޔާ އަށް ލީގު ކާމިޔާބު ކޮށްދިން ސުޒޭން ބުންޏެވެ.

އޭނާ ބުނީ މިއީ އުނދަގޫ ހާލަތެއްގައި އޮވެ ކުޅެން ޖެހޭ މެޗެއް ކަމަށާއި ވިކްޓަރީ ހަމަމަގަން އަޅުވަން ލިބޭ ފުރުސަތެއް ކަމަށެވެ.

"މިއީ ފުޓްބޯޅައިގައި އަޅުގަނޑަށް ވެސް އެންމެ ބޮޑު ޕްރެޝަރާ ކުރިމަތިވާ ދުވަސްކޮޅު. މި ކަހަލަ ގިނަ އުނދަގޫތަކެއް އެބަހުރި. އެކަމަކު ހަގީގަތުގައި މިއީ ފުޓްބޯޅައިގެ ރީތިކަމަކީ. މީގެ ތެރެއިން ވިކްޓަރީ ސަލާމަތްކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ސުޒޭން ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބެނީ މާލޭ ލީގުގެ ގަދަ ހަތަރަކަށެވެ. ފުރަތަމަ ދެ މެޗުން ބަލިވެފައި އޮތުމުން ވިކްޓަރީ އަށް ގަދަ ހަތަރެއްގެ އުއްމީދު އޮތީ މި މެޗުން މޮޅެއް ހޯދައިގެން ކަން ސުޒޭން ވެސް ގަބޫލުކުރެ އެވެ.

"މާޒިޔާ އާއި ނިއު އަކީ އެންމެ ވަރުގަދަ އަށް އޮތް ދެ ޓީމު. އެ ދެ ޓީމު އަތުން ބަލިވެގެނެއް އަދި ގަދަ ހަތަރަކަށް އަރަން އޮތް ޓީމަކަށް ޕްރެޝަރެއް ނޯވެދާނެ. އެކަމަކު މެޗުތައް ކުޅެމުން އަންނަ ޓީމުތަކަށް ވިކްޓަރީ އާއި އީގަލްސް އަށް އެހެން މެޗުތަކުން ޕޮއިންޓް ގެއްލުމަކީ ގަދަ ހަތަރަކަށް ވަންނަން ބަލާއިރު ވަރަށް ބޮޑު ޕްރެޝަރެއް،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ވިކްޓަރީގެ ހާލަތު ބަދަލު ކުރަން އީގަލްސް މެޗުގެ ބޭނުން ހިފިދާނެ ކަމަށެވެ.

"މިހާރު މިއޮތް ހާލަތަށް ބަލާއިރު ވިކްޓަރީ އަށް ބޭނުންވަނީ މޮޅެއް. އޭރުން ކޮންމެވެސް ވަރަކަށް ކަންތައްތައް ރަނގަޅުކުރެވޭނެ. އަދި ކުޅުންތެރިންނަށް ވެސް އިންޑިވިޖުއަލީ ހުރި އުނދަގޫތައް ފިލައިގެންދާނެ. އެއީ މި ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންގެ ވެސް އަގުހުރީމަ އެ ކުޅުންތެރިންނަށް ވެސް އޮންނާނެ ޕްރެޝަރު. ދެން ރަނގަޅު ޓީމެއް އަތުން މޮޅުވެއްޖެނަމަ މިހުރިހާ ކަމަކަށް ހައްލެއް އަންނާނެ ކަމަށް މި ބަލަނީ،" ސުޒޭން ބުންޏެވެ.

އަނިޔާގެ ސަބަބުން ވިކްޓަރީގެ ބިދޭސީ ޑިފެންޑަރު ވެލިޗްކޯ މިޓްކޯފް އަށް މި މެޗުގައި ނުކުޅެވޭނެ އެވެ. އަދި ވިކްޓަރީ ފުރަތަމަ ދެ މެޗު ވެސް ކުޅުނީ ރޭގަނޑު ކަމަށްވެފައި ހަވީރު މެޗެއް ކުޅުމަކީ ވެސް ކިހާވަރެއްގެ ކަމެއްކަން ޓެސްޓް ކޮށްލަން ޖެހެނީ މި މެޗުގައި ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

"އީގަލްސް އަށް ކޮންމެ މެޗަކީ ވެސް ފައިނަލެއް"

މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަންކަން ހޯދި އީގަލްސް މި ސީޒަނަށް ނުކުތްއިރު އެންމެ ބޮޑު ޓާގެޓަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަމަށް އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އަންނަނީ ބުނަމުންނެވެ.

ލީގުގެ ފުރަތަމަ މެޗުން މާޒިޔާ އަތުން 1-0 އިން ބަލިވި ނަމަވެސް ދެ ވަނަ މެޗުން ޔުނައިޓެޑް ވިކްޓަރީ 2-0 އިން ބަލިކޮށް އީގަލްސް ވަނީ ހަމަމަގަށް އެޅިފަ އެވެ. ސާންތީ ބުނީ މި މެޗަށް ނުކުންނައިރު ޓީމުގެ އެޓޭކްގެ މުހިއްމު ކުޅުންތެރިންތަކަކަށް ނުކުޅެވޭނެ ކަމަށެވެ.

އީގަލްސްގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު ސާންތީ (ކ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި ވަގުތު އޮތް މައްސަލަ އަކީ ބޭރު ކުޅުންތެރިޔާ (ޑޮނޮވަން) އަށް ނުކުޅެވުމާއި ނާއްޓޭ އާއި ރިޒޭ އަދިވެސް ޓީމުން ނުފެނުން. މި ވަގުތު ނެގެން އޮތް އެންމެ ރަނގަޅު ޓީމެއް ގޮވައިގެން ނުކުންނާނީ. އެއީ ދެ ބުރު އޮންނައިރު ކޮންމެ މެޗަކީ ވެސް ފައިނަލެއްގެ ގޮތުގައި ދެކިގެން މި ކުޅެނީ. ޕޮއިންޓެއް ލިބެތޯ ވެސް މަސައްކަތް ކުރާނަން،" ސާންތީ ބުންޏެވެ.

ވިކްޓަރީ ކުޅުނު ދެ މެޗުން ބަލިވެފައި އޮތް ނަމަވެސް އީގަލްސް އިން މެޗު ފަސޭހަ ނުކޮށްލާނެ ކަމަށް ސާންތީ ވަނީ ބުނެފަ އެވެ.

"އީގަލްސް ޓީމުން އެއްވެސް ޓީމެއް ފަސޭހަކޮށް ނުނަގާނެ. އަޅުގަނޑުމެން ދެކެނީ ވިކްޓަރީ އަކީ ރާއްޖޭގެ ވަރުގަދަ ކްލަބެއްގެ ގޮތުގައި އަބަދުވެސް. އެގޮތަށް މި މެޗަށް ވެސް ތައްޔާރުވާނީ. ކުޅުންތެރިންނަށް ވިސްނައިދޭނީ ވެސް އެހެން،" ސާްންތީ ބުންޏެވެ.

ފާއިތުވި އަހަރުތަކަށް ބަލާއިރު އީގަލްސް އިން އަންނަނީ ބޮޑެތި މެޗުތަކުގައި ރަނގަޅު ނަތީޖާތައް ނެރެމުންނެވެ. ސާންތީ ބުނީ އީގަލްސް އިން މި ފަދަ މެޗުތަކުގައި ދެގުނަ ހިތްވަރު ލައިގެން ކުޅޭ ކަމަށެވެ.

"ވިކްޓަރީ، ނިއު އާއި މާޒިޔާ ކަހަަލަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު އީގަލްސް އަކީ ވަރަށް މަސައްކަތް ކުރާ ޓީމެއް. ފުޓްބޯޅައިގެ ބްރޭންޑްތަކާ ދެކޮޅަށް ކުޅޭއިރު އިތުރަށް ހިތްވަރު ވެސް ލައިގެން ނަތީޖާ ނެރެން އީގަލްސް އިން އަބަދުވެސް މަސައްކަތް ކުރޭ،" ސާންތީ ބުންޏެވެ.

އޭނާ ބުނީ އީގްލަސް އަށް ޕްރެޝަރު ދިނީ މީޑީއާ އިން ކަމަށެވެ.

"ސީޒަން ފެއްޓިއިރު އީގަލްސް އަށް ޕްރެޝަރު ދިނީ މީޑިއާ. އެއީ ވަރަށް ދަށްކޮށް އީގަލްސް ރޭންކް ކޮށްފައިއޮތީ ވެސް. އަޅުގަނޑުމެންނަށް ނެތް ޕްރެޝަރެއް. މި މެޗަށް ވިސްނާއިރު ވިކްޓަރީ އަށް ޕްރެޝަރު ބޮޑީ. އެއީ ބޮޑު ޓީމަކަށް ވެފައި އެ ޓީމު އޮތީ ވެސް މީޑިއާ އިން ތަން ކޮޅެއް މަތީގައި ރޭންކް ކޮށްފައި،" ސާންތީ ބުންޏެވެ.

އޭއެފްސީ ކަޕްގައި ވެލެންސިއާ ކުޅެން ޖެހުމުންނާއި ބަންގްލަދޭޝްގައި ކުރިއަށްދިޔަ ޝެއިހް ކަމާލް ކަޕްގައި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރުމުން ލީގުގެ ޝެޑިއުލަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ސަބަބުން ބައެއް ޓީމުތައް ދެ މެޗު ކުޅެން ޖެހުނުއިރު، އަނެއް ޓީމުތައް އަދި މެޗެއް ނުކުޅެ އެވެ.

ސާންތީ ބުނީ ގިނަ މެޗު ކުޅެފައި ރަނގަޅު ނަތީޖާ ނުނެރެވި އޮތުމަކީ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ކަމަށެވެ.

"އަނެއްހެން އޮތް ޕްރެޝަރަކީ ވިކްޓަރީ އާއި އަޅުގަނޑުމެންގެ ތިން ވަނަ މެޗު މިއީ. އަދި އެބައުޅޭ މެޗެއް ނުކުޅޭ ޓީމުތަކެއް ވެސް. ދިގު ލީގަކަށް ވިސްނާއިރު މި ގޮތަށް މެޗުތައް ހަމަހަމަކޮށް ނުދެވުމަކީ ޑިސްއެޑްވާންޓޭޖްތަކެއް ވެސް އޮތް ކަމެއް. އަދި ވަރަށް ރަނގަޅު އެޑްވާންޓޭޖްތަކެއް ވެސް ނެގެން އޮތް ކަމެއް،" ސާންތީ ބުންޏެވެ.

އީގަލްސް އާއި ވިކްޓަރީ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.