ސާބިއާގެ ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗް. -- ފޮޓޯ: އޭއެފްޕީ
20 ޖެނުއަރީ 2025 - 09:03
މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގެ ތެރެއިން ސާބިއާގެ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗާއި، އެ ގައުމުގެ ސަޕޯޓަރުންނަށް މަލާމާތްކުރި ސްޕޯޓްސް ޕްރެޒެންޓަރު ޓޯނީ ޖޯންސް އޮން-އެއާގައި އެކަމަށް މައާފަށް އެދިއްޖެ އެވެ.
ޖިރީ ލެޗެކާ ތިން ސެޓުން ބަލިކޮށް އިއްޔެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި މެޗަށް ފަހު ޖޮކޮވިޗް ވަނީ ޖޯންސް މައާފަށް ނޭދެނީސް އެއްވެސް އިންޓަވިއުއެއް ނުދޭނެ ކަމަށް ބުނެ އޮން ކޯޓް އިންޓަވިއު ބޮއިކޮޓްކޮށްފަ އެވެ.
ޖޮކޮވިޗާއި ސާބިއާ ސަޕޯޓަރުންނަށް ޖޯންސް މަލާމާތްކުރީ، މިދިޔަ ހުކުރު ދުވަހު މެލްބަން ޕާކުގައި އޭނާ ލައިވްކޮށް ވާހަކަދައްކަމުން ދަނިކޮށް ފަހަތުގައި ތިބެ ސާބިއާ ސަޕޯޓަރުން ޖޮކޮވިޗަށް ތާއީދުކޮށް ފޯރިނެގުމުންނެވެ. ރައްދުގައި ޖޯންސް ވަނީ ޖޮކޮވިޗަކީ މާ މޮޅު ކުޅުންތެރިއެއް ނޫން ކަމަށާއި، އޭނާ ކަޓުވާލަންވީ ކަމަށް ބުނެފަ އެވެ.
މި މައްސަލަ ޖޮކޮވިޗް ނެގުމުން، މުބާރާތުގެ ހޯސްޓް ބްރޯޑްކާސްޓަރު ކަމަށްވާ ޗެނަލް ނައިންގައި މަސައްކަތްކުރާ ޖޯންސް ބުނީ އޭނާ އެހެން ބުނީ މަޖަލަށް ކަމަށެވެ. އަދި ސާބިއާ ސަޕޯޓަރުންނާ އޮންނަނީ ރަނގަޅު ގުޅުމެއް ކަމަށާއި، ދެ ފަރާތުން ބަދަލުކުރީ ގޯސް ނިޔަތެއް ނެތި ސަމާސާގެ ބަސްތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"އެކަމަކު ހޮނިހިރު ދުވަހު އަހަންނަށް ޓެނިސް އޮސްޓްރޭލިއާ އިން އެންގި ޖޮކޮވިޗް ހުރީ އެކަމާ ހިތްހަމަނުޖެހިފައިކަން. އަހަރެން ވަގުތުން ޖޮކޮވިޗުގެ ޓީމަށް ގުޅައި މައާފަށް އެދުނިން. މިވަގުތު ވެސް އަހަރެން މި އެދެނީ މައާފަށް،" ލައިވްގައި އޭނާ ބުންޏެވެ.
ޖޯންސް މައާފަށް އެދުމުގެ ކުރިން، އޮސްޓްރޭލިއާގައި ހުންނަ ސާބިއާގެ ކައުންސިލުން ވަނީ ޖޯންސް ޗެނަލުން ވަކިކުރަން ގޮވާލައި ބަޔާނެއް ނެރެފަ އެވެ. އަދި ޖޯންސްގެ މައްސަލަ އޮސްޓްރޭލިއާގެ ހިއުމަންސް ރައިޓްސް ކޮމިޝަނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy