ކުޅިވަރު / އިހުސާން އަބްދުލްޣަނީ (ސާންތީ)

ފުޓްބޯޅައިގެ އެހީތެރިޔާ ސާންތި އަބަދުވެސް ވިސްނީ އަންނަ ޖީލާ މެދު

ދިވެހި ފުޓްބޯޅައިގެ އެންމެ މުހިންމު ވަގުތުތަކުގައި އެންމެ އިސް އެހީތެރިޔެއްގެ ގޮތުގައި، އޭނާ ހުރެ އެވެ. ބައެއް ފަހަރު ދަނޑުގެ ހަވާސާއިން ބޭރު ކޮމްޕައުންޑްގަ އެވެ. އަނެއް ބައެއް ފަހަރު ޕްރޮޖެކްޓް ޕްލޭން ކުރުމުގައި ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.

ދިވެހި ފުޓްބޯޅައިގެ އެ އެހީތެރިޔަކީ އުމުރުން 51 އަހަރުގައި ކެންސަރު ބަލީގައި ރޭ ނިޔާވި އިހުސާން އަބްދުލް ޣަނީ (ސާންތި) އެވެ.

ދިވެހި ފުޓްބޯޅައާ ބައްދަލު ކުރި އެންމެ އުފާވެރި އެންމެ ހާއްސަ ވަގުތުތަކުގައި އޭނާގެ އެހީ އާއި މަދަދު ނެތި އެކަމެއް ހާސިލުވެފައެއް ނެތެވެ.

މާޗް 2004 ގައި އޭޝިއާގެ ފުޓްބޯޅައިގައި ވަރުގަދަ ދެކުނު ކޮރެއާއާ ދެކޮޅަށް ރާއްޖޭން އެއްވަރު ކުރި މެޗެވެ. އޭރުގެ ކޯޗު މެނައުލް ގޯމޭޒްގެ އެންމެ އިސް އެސިސްޓެންޓަކީ ސާންތި އެވެ. އޭގެ ހަތަރު އަހަރު ފަހުން ރާއްޖޭން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި އިރު އޭރުގެ ކޯޗު ޖޯސެފް ޔަންކޭޒްގެ އެންމެ އިސް އެސިސްޓެންޓަކީ ވެސް ސާންތި އެވެ. އަނެއްކާ އޭގެ 10 އަހަރު ފަހުން ދެ ވަނަ ފަހަރަށް އެ މުބާރާތް ރާއްޖޭން ކާމިޔާބު ކުރި އިރު ސާންތި ހުރީ އެ ޕްރޮޖެކްޓްގެ އެންމެ އިސް އެހީތެރިޔެއްގެ ގޮތުގައި އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ކަމުގެ މަގާމުގަ އެވެ.

މާޗް 2004 ގައި ދެކުނު ކޮރެއާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ދިވެހި ޓީމުގެ ބެންޗުގައި ސާންތި (ކ) އޭރުގެ ކޯޗު މެނައުލް ގޯމޭޒަށް އެހީތެރި ވަނީ --- ފައިލް ފޮޓޯ

ފުޓްބޯޅައިގެ ޓެކްނިކަލް ކޮންމެ މަގާމެއްގައި ސާންތި ވިސްނީ އަދި އިސްކަން ދިނީ ވެސް އަންނަ ޖީލަށް ފުރުސަތު ފަހިވާނެ ގޮތަކަށެވެ. ކޯޗެއްގެ ގޮތުގައި އަދި ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި އިރު ވެސް އޭނާ މަސައްކަތް ކުރީ އާ ވިސްނުންތަކެއް އޭގައި ހިމަނައިގެން އާ ބަދަލެއް އެއަށް ގެނެސްގެން ކުރިއަށް ދިއުމަށެވެ.

ޒުވާން ކުޅުންތެރިން ނެރެ ފުރުސަތު ދީ، އެ ކުޅުންތެރިންގެ ކުރިއެރުމަށް އެހީތެރިވެ ދީ ތަރިންނަށް ހަދައިދޭން، އެހާ ކާމިޔާބު ޕްރޮޖެކްޓްތަކެއް ހިންގި ދެ ވަނަ އެހެން ކޯޗެއް ރާއްޖޭގެ ފުޓްބޯޅަ ނުދެކެ އެވެ.

އޭނާގެ ކޯޗުކަމުގެ ދަށުން އީގަލްސްއިން 2016 ގެ ޕްރެޒިޑެންޓްސް ކަޕް ތަށި ކާމިޔާބު ކުރި ޓީމުގައި ގިނައީ ފުޓްބޯޅައިން އޭނާ ފުރުސަތު ދިން ބެޗުގެ ކުޅުންތެރިންނެވެ. އަބަދުވެސް އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދީ ޓީމެއް ބިނާކޮށްގެން ކާމިޔާބާ ހަމައަށް ދިއުމުން ލިބޭ އުފާ މާ ބޮޑުކަމަށް ސާންތި ބުނެ އެވެ.

"ހަގީގަތުގައި ކޯޗެއް ކާމިޔާބު ކޯޗަކަށް މި ވަނީ ވެސް ކުޅުންތެރިން އުފައްދައިގެން އެ ކުޅުންތެރިންނާއެކު ކާމިޔާބު ހޯދުމުން،" ނޮވެމްބަރު 2016 ގައި ޕްރެޒިޑެންޓްސް ކަޕްގެ ކާމިޔާބަށް ފަހު ސާންތި ބުނެފައިވެ އެވެ.

އީގަލްސްގެ ޒުވާން ޓީމުގެ ޕްރެކްޓިސް ސެޝަނެއްގެ ތެރެއިން ސާންތި ކުޅުންތެރިންނަށް އިރުޝާދު ދެނީ --- ފައިލް ފޮޓޯ

ޔުނައިޓެޑް ވިކްޓަރީ އާއި އީގަލްސް އަދި ކްލަބް އޭދަފުށީގައި ވެސް ސާންތި ކުރީ އެ މަސައްކަތެވެ. ޒުވާން ކުޅުންތެރިން ނެރެ، ފުރުސަތު ހޯދައި ދީ އެ ކުޅުންތެރިން ހިމަނައިގެން ކާމިޔާބާ ހަމައަށް ދިއުމަކީ މަރުހަލާތައް ގިނަ އަދި ދިގު މުއްދަތެއް ހޭދަވާނެ ކަމެކެވެ. ބައެއް ފަހަރު ބޭނުންވާ ނަތީޖާ ނުވެސް ނެރެވި ދާނެ އެވެ. ބޭނުންވާ ހިސާބަށް ވެސް ނުދެވިދާނެ އެވެ. އެކަން ހާސިލު ކުރެވޭނީ އެ ކެތްތެރިކަން ހުރި ކޯޗަކަށެވެ. ގިނަ ކޯޗުންގެ ކިބައިގައި އެ ކެތްތެރިކަމެއް އެ ހިތްވަރެއް ނުހުރެ އެވެ. މާޔޫސްނުވެ ކުރިއަށް ދިއުމުގެ ޕެޝަންއެއް ނުހުރެ އެވެ. އެއް ޕްރޮޖެކްޓެއް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ އުއްމީދީ ވިސްނުމެއް ނުހުރެ އެވެ.

އެ ހިތްވަރާއި ކެތްތެރިކަން ހުރި ދެވަނަ އެހެން ކޯޗެއް ސާންތި ނޫނީ ރާއްޖޭގެ ޓޮޕް ޑިވިޝަނުން، އަޅުގަނޑަކަށް ނުފެނުނެވެ.

އޭނާ ބޭނުންވީ ބޮޑު މުސާރައެއް ހުށަހަޅާފައި މަޝްހޫރު ނަންތަކެއް ގެނެސް ޓީމެއް އެކުލަވާލާކަށް ނޫނެވެ.

"އަޅުގަނޑު މާ ބޮޑަށް އުފާވޭ ބަޔަކު ހަދާފައި އިން އެއްޗަކަށް ވުރެ ބޮޑަށް އަޅުގަނޑުމެން މިއައަށް އައިސް (އަޅުގަނޑުމެން އަމިއްލަ އަށް) އެއްޗެއް ރޭވީ ރާވާފާ ކަންތައްތަކެއް ކުރެވުނީމަ މި ކާމިޔާބު ލިބުނީ. މި މަސައްކަތް ފެށީ ސުމަކުން ކުދިންތަކެއް ނަގައިގެން އެ ކުދިންނަށް ކޮންފިޑެންސް ދީގެން ޓްރެއިނިން ދީ ކަންތަތައްތަކެއްކޮށް މިހާ ހިސާބަށް މިއައީ،" އީގަލްސްގެ ތާރީހީ ފުރަތަމަ ތައްޓަށް ފަހު ސާންތި ބުނެފައި ވެ އެވެ.

އީގަލްސްއާ އެކު 2016 ގައި ހޯދި ޕްރެޒިޑެންޓްސް ކަޕް އުފުލާލުމަށް ފަހު ސާންތީ ފޮޓޯއަކަށް ހުއްޓިލައިގެން.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަމުގައި ތާރީހީ މަސައްކަތެއް:

ދިވެހި ލީގު 2017 އަށް ކޮލިފައިވުމަށް އެފްއޭއެމުން މާލޭގެ ކްލަބްތަކަށް ފުރުސަތު ދިނީ މާލޭ ލީގުގެ ގަދަ ހަތަރު ކްލަބަށެވެ. އެ އަހަރު މާލޭ ލީގު ފެށުމުގެ ކުރިން ސާންތި މީޑިއާގައި ބުނީ އީގަލްސް އަށް ގަދަ ހަތަރަކަށް ނުވަދެވިއްޖެނަމަ އޭނާ އިސްތިއުފާ ދޭނެ ކަމަށެވެ.

އެއީ އަމިއްލަ ނަފުސަށް ޗެލެންޖެއްގެ ގޮތުގައި އޭނާ ދެއްކި ވާހަކަ އެކެވެ. ގަދަ ހަތަރަކަށް އީގަލްސް ކޮލިފައި ނުވި އެވެ. މާލޭ ލީގުގެ އެންމެ ފަހު މެޗުގައި އޭނާ އިސްތިއުފާ ދިންކަން އިއުލާން ކުރި އެވެ. އެހާ ހިސާބުން އެ އަހަރުގެ ފުޓްބޯޅަ ސީޒަން ވެސް އީގަލްސް އަށް ނިމުނީ އެވެ.

ސާންތި، މަގާމު ދޫކޮށްލާކަށް އީގަލްސްގެ މެނޭޖްމެންޓުން ބޭނުމެއް ނުވި އެވެ. ޖެހިގެން އައި އަހަރު ވެސް އޭނާ ބޭނުންވި ނަމަ ކުރިއަށް ދެވުނީހެވެ.

ސާންތީ: އެފްއޭއެމް ޓެކްނިކަލް ޑައިރެކްޓަރުގެ ގޮތުގައި މަސައްަކަތް ކުރި އިރު: އެ މަގާމުގައި އޭނާ ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ

އޭރު އެފްއޭއެމުން އޮތީ ސާންތި އަށް މާ ބޮޑު ފުރުސަތެއް ހުށަހަޅައިފަ އެވެ. އޭގެ އަހަރުތަކެއް ކުރިން ވެސް އެފްއޭއެމްގެ ކޯޗިން ޓީމާއި ވައިޑީޕީގައި ވެސް މަސައްކަތް ކުރި ކޯޗަށް، އެފްއޭއެމުން ހުށަހެޅީ އޭގެ ކުރިން އެފްއޭއެމްގައި އޭނާ އަދާނުކުރާ ވަރުގެ ބޮޑު ޒިންމާ އެކެވެ. ޓެކްނިކަލް ޑިޕާޓްމެންޓްގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ސާންތި މަސައްކަތް ފެށި އެވެ.

އެކަމަކު އޭނާ އީގަލްސްގައި ފަށާފައިވާ އޮތް ޕްރޮޖެކްޓް ވާނުވާ އަށް ދޫކޮށްލާކަށް ވެސް ބޭނުމެއް ނުވި އެވެ. އީގަލްސްގެ ކޯޗަކަށް ސާންތީގެ އެކުވެރިޔާ އަދި އޭނާ "މެންޓޯ" މުހައްމަދު ޝިޔާޒު (މޯހަން) އާ ހަވާލު ކުރި އެވެ.

ޓެކްނިކަލް ޑިޕާޓްމެންޓްގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ސާންތި މަސައްކަތް ފެށީ ގޮންޖެހުންތަކެއްގެ ތެރެއިންނެވެ. އެ މަގާމުގައި އޭނާ އަށް ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ.

އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ، ގައުމީ ޓީމުގެ ކޯޗުކަމަށް ކްރޮއޭޝިއާގެ ޕީޓާ ޝެގަޓް ހަމަޖައްސައި ގެންނަން ފެށި ބަދަލުތަކުންނެވެ.

ސާންތީ

އޭރުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި އަދި ފަހުން މުހައްމަދު އާރިފް (ބަކާ) ޓީމަށް ނުނަގަން ޝެގަޓް ނިންމުމުން ސާންތި އަށް ވެސް ފާޑުކިޔުން އަމާޒުވި އެވެ.

ސާންތި އާއި އެފްއޭއެމްގެ އޭރުގެ ވެރިން ބޭނުންވީ ސީނިއާ ކުޅުންތެރިން ދޫކޮށްލައި ގައުމީ ޓީމު ބައްދަލު ކުރުމަށެވެ. އެ ވިސްނުމުގައި ޝެގަޓަށް އެ ބާރު ދިނެވެ.

ޓީމަށް ބަދަލު ގެނެ އެވެ. މިހާރު ގައުމީ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަކީ އޭރު ފުރަތަމަ 11 ގައި އަލަށް ކުޅުވަން ފެށި ކުޅުންތެރިންނެވެ. ނިސްބަތުން ޒުވާން ސްކޮޑަކާ އެކު ގޮސް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ވެސް ކުރި އެވެ.

ޓެކްނިކަލް ޑައިރެކްޓަރުކަމުގައި ސާންތި ފެށި އަނެއް ޕްރޮޖެކްޓަކީ ތާރީހީ މަސައްކަތެކެވެ. އޭގެ ކުރިން ޔޫތު މުބާރާތްތަކާއި އިންޓަ ސްކޫލް ޗެމްޕިއަންޝިޕް ވެސް އޮންނަނީ ކަނޑައެޅިފައި އޮންނަ ވަކި ދުވަސްވަރެއްގަ އެވެ. މުބާރާތް ނިމުނީމާ އެ އަހަރަށް ޔޫތު ފުޓްބޯޅައިގެ ހަރަކާތެއް ދެން ނޯންނާނެ އެވެ.

އެކަން ބަދަލުކޮށްލި ތަޖުރިބާކާރަކީ ސާންތި އެވެ. މުޅި އަހަރަށް ބަހާލައިގެން ލީގެއްގެ ސިފައި ޔޫތު މުބާރާތްތަކެއް ބޭއްވަން ފެށި ސާންތިގެ ޓެކްނިކަލް ޑައިރެކްޓަރުކަމުގެ ދަށުންނެވެ. މޯލްޑިވްސް ސޮކަ މޭޓްސް އާއި އެފްއޭއެމް ގުޅިގެން މިދިޔަ އަހަރު ބާއްވަން ފެށި ދިވެހި ޔޫތު ލީގުގެ ކުރިން އެކަޑަމީތަކަށް ހާއްސަ ލީގެއް ސާންތިގެ ބެލުމުގެދަށުން އެފްއޭއެމުން ފެށި އެވެ.

އެފްއޭއެމް އެކަޑަމީ ލީގުގެ ނަމުގައި ފެށި މުބާރާތަކީ ހަފުތާއަކު އެއް ފަހަރު ކޮންމެ ޓީމަކަށް މަދުވެގެން އެއް މެޗު ނުވަތަ ދެ މެޗު ކުޅެލަން ލިބޭ ގޮތަށް ސީޒަނެއްގެ ސިފައިގައި ކުރިއަށް ގެންދިޔަ ލީގެކެވެ.

ސާންތިގެ މަސައްކަތާ މެދު ބައެއް ކްލަބްތަކުން އަދި ބައެއް މީހުން ހިތްހަމައެއް ނުޖެހުނެވެ. އެފްއޭއެމްގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކްލަބްތަކުން ޕްރެޝަރު ކުރުމުން، ސާންތި އަމިއްލަ އަށް މަގާމުން އިސްތިއުފާ ދިނެވެ.

އެކަމަކު އޭނާގެ މަސައްކަތް ބަދަލެއް ނުވި އެވެ. ކްލަބް އޭދަފުއްޓަށް ބަދަލުވެ، އެ ރަށުގެ "ކްލަބް އޭދަފުށީ" ގައި ވެސް ފުޓްބޯޅައިގެ ޑިވެލޮޕްމެންޓަށް މަސައްކަތް ކުރި އެވެ. ފަހުން ޔުނައިޓެޑް ވިކްޓަރީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ވެސް ސާންތި އިސްކަން ދިނީ ހަމަ އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދީގެން ކުރިއަށް ދިއުމަށެވެ. ދެ ވަނަ ފަހަރަށް އީގަލްސްއާ ހަވާލުވުމަށް ފަހު ވެސް ހަމަ އެ ވިސްނުމުގައި ކުރިއަށް ދިޔަ އެވެ.

އޭނާ ކުޅުވަން ބޭނުންވީ ވަކި ސްޓައިލަކަށެވެ. ގިނަ ޕާސްތަކެއް ޖަހައިގެން ކުޅޭ ގޭމެއް އީގަލްސްގައި އޭނާ އެކުލަވާލި އެވެ. ޖޫން 2023 ގައި ސިއްހީ ގޮތުން ކުރިމަތިވި މައްސަލަތާ ގުޅިގެން އީގަލްސް ދޫކޮށްލަން އޭނާ ނިންމީ، އަނެއްކާ ވެސް އެ މަސައްކަތް ގާތް އެކުވެރިޔާ މޯހަން އާ ހަވާލު ކުރުމަށް ފަހު އެވެ.

އެންމެ ފަހުގެ ސީޒަނުގައި ލީގު ހޯދުމާ ވަރަށް ގާތަށް އީގަލްސް ދިޔަ އެވެ. ލީގުގެ ފަހު މެޗަށް ދިޔައިރު ވެސް އެ ޓީމު މެޗަކުން ބައްޔެއް ނުވެ އެވެ.

ގައުމީ ޓީމުގެ ކުރީގެ ކޯޗު ޔަންކޭޒާ އެކު ސާންތީ --- ފައިލް ފޮޓޯ

އެ ސީޒަން މޯހަން އާ ހަވާލުވީ ސާންތީ ފެށި ޕްރޮޖެކްޓެއްގެ މެދުތެރެއިންނެވެ. ވަރުގަދަކޮށް އޮތް މާޒިޔާގެ ފަހަތުގައި އީގަލްސް ވިއްދި އެވެ. އެންމެ ފަހުގެ ލީގުގައި އެ ޓީމަށް ކުރިމަތިވި ހަމައެކަނި ބައްޔަކީ ލީގުގެ އެންމެ ފަހު މެޗުގައި މާޒިޔާ އަތުން ވީ ބައްޔެވެ.

ގިނަ ބްރެކްތަކާއި ފުޓްބޯޅައިގެ އެންމެ އުނދަގޫ ވަގުތުގައި ވެސް ވަރުގަދަ ޓީމެއްގެ ގޮތުގައި އީގަލްސް އެ ސީޒަނުގައި ދެމެހެއްޓީ ސާންތި ފަށާފައި އޮތް ޕްލޭނާ އެއްގޮތަށް ކަމަށް މޯހަން ބުނެފައި ވެ އެވެ.

"މިއީ ކުޅުންތެރިންނާއި ސާންތި ކޮށްފައި އޮތް މަސައްކަތް. ސާންތީގެ ޕްލޭންތަކާ އެއްގޮތަށް ވަކިގޮތަކަށް ފަށާފައި އޮތް ޕްރޮޖެކްޓެއް މީ. ސާންތިގެ އެ ޕްލޭނަށް އަޅުގަނޑު މި ފްލޯ ކުރަނީ. ކަންދިމާ ކުރި ގޮތުން ސާންތި އަށް މި ވަގުތު ހުރެވެން ނެތިގެން އަޅުގަނޑާ މި ހަވާލުވީ،" ލީގުގެ ފަހު މެޗުގެ ކުރިން ޑިސެމްބަރު 2023 ގައި "މިހާރު" އަށް ދިން އިންޓަވިއުގައި މޯހަން ބުނެފައިވެ އެވެ.

ފަރުވާގެ މަރުހަލާތައް އިންޑިއާގައި ކުރިއަށް ދިއުމަށް ފަހު އެނބުރި ރާއްޖެ އައުމަށް ފަހު ވެސް ސާންތި އުޅުނީ ފުޓްބޯޅައިގެ އާ ޖީލުގެ މަސައްކަތްތަކުގަ އެވެ. ދިވެހި ޔޫތު ލީގުގެ އެއް ކޮންސަލްޓަންޓެއްގެ ގޮތުގައި އޭނާގެ ހިޔާލާއި މަޝްވަރާ ދިނެވެ. ޓީމުތަކުގެ ޕްރެކްޓިސް ބަލަ އެވެ. ފުޓްބޯޅައިގެ އެކި ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަ އެވެ. އޭނާ ހުރީ މަރުވުމާ ހަމަޔަށް ވެސް ފުޓްބޯޅައިގެ ހިދުމަތުގަ އެވެ. އާ ޖީލެއް އުފަންކުރެވޭނެ ގޮތްތައް ރޭވުމުގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454