މިއީ މާޒިޔާގެ ސީނިއާ ޓީމުން މި އަހަރު ކާމިޔާބު ކުރި ދެވަނަ ތަށި. އެފްއޭއެމުން މެއި މަހު ބޭއްވި ނުރަސްމީ މުބާރާތް ވެސް މާޒިޔާއިން ވަނީ ކާމިޔާބުކޮށްފަ
އީގަލްސް ބަލިކޮށް އެފްއޭއެމް ޗެރިޓީ ޝީލްޑް ކާމިޔާބު ކުރުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އައްޑަނާ އާ އެކު އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
15 ސެޕްޓެމްބަރ 2025 - 23:47
އީގަލްސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައި ރަސްމީ ސީޒަނުގެ ފުރަތަމަ ތަށި ވެސް މާޒިޔާއިން ހޯދައިފި އެވެ.
ސީޒަން ހުޅުވުމުގެ ގޮތުން މިރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗުން، ހޯދި ތައްޓަކީ މާޒިޔާގެ ސީނިއާ ޓީމުން މި އަހަރު ހޯދި ދެވަނަ ތައްޓެވެ.
މެއި މަހު އެފްއޭއެމުން ބޭއްވި ނުރަސްމީ މުބާރާތް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދީ މާޒިޔާއިންނެވެ.
މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ނިމުމުގެ ކުރިން ޖެހީ އަހްމަދު އައިހަމް އެވެ.
މާޒިޔާގެ ހަމްޒާ (ކ) އަތުން ބޯޅަ ހޯދަން އީގަލްސްގެ ކުޅުންތެރިން މަސައްކަތް ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާޒިޔާގެ ދެވަނަ ލަނޑު ޖެހުމުގައި ވެސް ހިއްސާވީ އޭނާ އެވެ. މެޗުގެ 67 ވަނަ މިނެޓްގައި ނާއިޒު ހަސަން (ދާދު) ޖެހީ އައިހަމް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.
އައިހަމް އޭރިއާ ތެރެއަށް ބޯޅަ ނަގައިދިނުމުން އެ ބޯޅަ އަށް އީގަލްސްގެ ޒުވާން ކީޕަރު މުހައްމަދު އަޝްވާން މަސައްކަތް ކުރި އެވެ. އެކަމަކު ނާއިޒު ވަނީ ގޯލް ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ. ނާއިޒު ހުއްޓުވަން އަޝްވާން ކުރިމަތިލި ވަގުތު، ދެ ކުޅުންތެރިންނަށް ވެސް އަނިޔާވި އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އައިހަމް އެވެ. މި ސީޒަނުގައި އީގަލްސް ފެންނަނީ ނިކަމެތިކޮށެވެ. އެ ޓީމުގައި މަޝްހޫރު ނަންތަކަކީ އަހްމަދު ރިޒުވާން، އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އާއި އިސްމާއީލް އީސާ އެވެ.
ޗެރިޓީ ޝީލްޑް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މާޒިޔާގެ އައިހަމް، އެ ޓީމުގެ އެހެން ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސްކޮޑް ނިކަމެތި ވެފައި އޮތަސް އީގަލްސްގެ ކުޅުންތެރިން ދޭތެރެދޭތެރެއިން މާޒިޔާގެ ގޯލަށް ނުރައްކާ ކުރި އެވެ. ރިޒޭ އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިފަ އެވެ. މާޒިޔާގެ ކީޕަރު ނިމެންޏާ ލިމައިޗް ވަނީ ރިޒޭ ފޮނުވާލި އުނދަގޫ ބޯޅަތައް ވެސް ދިފާއުކޮށްފަ އެވެ.
ޗެރިޓީ ޝީލްޑާ އެކު މާޒިޔާ އަށް އިނާމު ފައިސާގެ ގޮތުގައި ލިބުނު 100،000ރ. ގެ ތެރެއިން ބައެޗއް އެ ކްލަބުން ވަނީ ލޯފަން މީހުންގެ ޖަމިއްޔާ (ބީވީއައިއެސްއެމް) އަށް ހަދިޔާ ކުރަން ނިންމައިފަ އެވެ.
ޗެރިޓީ ޝީލްޑް ކާމިޔާބު ކުރާ ޓީމަކަށް ލިބޭ އިނާމު ފައިސާއިން ބައެއް ޗެރިޓީގެ ގޮތުގައި މަސައްކަތް ކުރާ ފަރާތަކަށް ހަދިޔާ ކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މީ ވެސް ގޮތެއް
16 September 2025
މާކެޓިނގް ރަނގަޅަށް ޖައްސާ ވަންނަ މީހުން މެދުގަ ކޮންމެ ހަފްތާއަކު ރަނގަޅު އިނާމެއް ދީ، މަޑުމަޑުން ފުޓްބޯޅައިގެ ފޯރި ބޮޑުކުރަންވެއްޖެ.
ރަދީފްއޮފިޝަލް /
16 September 2025
ރޭގަ މެޗެއް ކުޅުނުތަ؟؟ މިވަރު ކަމެއް ހިނގިއިރު ވެސް ނޭނގޭ.
ސައިންސް
16 September 2025
ތަންކޮޅެއް ޕޮސިޓިވް ކޮމެންޓް ކޮށްބަލ؛ަ !! ދިވެހި ފުޓުބޯޅަ ކުރިއަރާނީވެސް އޭރުން.... މިދިޔަ ދުވަސްތަކު އެންމެނަށް ވެސް ހުންނާނީ ހިތްހަމަޖެހޭވަރަށް ނެގެޓިވް ކޮމެންޓް ކުރެވިފަ ކަންނޭގެ