27 މާޗް 2025 - 13:49
އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ ކެޕްޓަން އަދި އެ މުބާރާތުގެ ތަށި އެ ގައުމަށް ހޯދައި ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ލިއޮނެލް މެސީ އޮތީ ނިންމައިފަ އެވެ.
ގަތަރުގައި 2022 ގައި ބޭއްވި މުބާރާތް ފެށުމުގެ ކުރިން އޭނާ ބުނެފައި ވަނީ އޭނާގެ އެންމެ ފަހުގެ ވޯލްޑް ކަޕަށް އެ މުބާރާތް ވާނެ ކަމަށެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އަށް ފަހަރު ހޯދާފައިވާ ފޯވާޑްގެ ނިންމުން ބަދަލު ކުރޭތޯ، އާޖެންޓީނާ ޓީމުގެ ކުޅުންތެރިން ތިބީ އެދި އެދި އެވެ. އެކަމަކު އޭނާ ނެތި ވެސް އަންނަ އަހަރުގެ މުބާރާތުގެ ތަށި އެ ގައުމަށް ދިފާއު ކުރެވިދާނެކަން އެ ޓީމުން ދައްކަމުންދާކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ.
ވަރުގަދަ ބްރެޒިލާ ދެކޮޅަށް އެންމެ ފަހު ކުޅުނު މެޗުގައި އާޖެންޓީނާ ޓީމުގައި މެސީއެއް ނެތެވެ. އެކަމަކު އެ ޓީމުން ވަނީ މުބާރާތް ފަސް ފަހަރު ކާމިޔާބު ކުރި ބްރެޒިލާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފަ އެވެ. މެސީ ނެތި ވެސް ވަރުގަދަ ކުޅުމެއް އާޖެންޓީނާ އަށް ކުޅެވިދާނެކަން ކުޅުންތެރިން ސާބިތުކޮށްދެމުންދާ ކަމަށް އެ ގައުމުގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ވެސް ބުނެ އެވެ.
އަންނަ އަހަރުގެ މުބާރާތުން އޭޝިއާ އާއި އޯޝޭނިއާގެ ބައްރުން ބޭރުން މުބާރާތުން ފުރުސަތު ހޯދި ފުރަތަމަ ގައުމަށް އާޖެންޓީނާ ވަނީ ވެފަ އެވެ.
އެމެރިކާގެ މެޖޭ ލީގުގެ އިންޓަ މަޔާމީގެ ކެޕްޓަންކަން ވެސް ކުރާ މެސީ، އެ ގައުމުގައި ބާއްވާ ވޯލްޑް ކަޕްގައި ކުޅުމަކީ މުބާރާތުގެ އިންތިޒާމު ކޮމިޓީގެ މެންބަރުން ވެސް އެދިއެދި ތިބި ކަމެކެވެ.
އެކަމަކު އެ ޕްރެޝަރު މެސީ އަށް ނުދިނުމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކޮލާނީ ވަނީ ހުރިހާ އެންމެނަން އިލްތިމާސްކޮށްފަ އެވެ.
އޭނާ ބުނީ ވޯލްޑް ކަޕާ ދެމެދު އަދި ވަރަށް ދިގު މުއްދަތެއް އެބައޮތް ކަމަށެވެ. އެ ޕްރެޝަރު މިހާހިސާބުން ފެށިގެން މެސީ އަށް ކުރިމަތި ކުރުވުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށް ގައުމީ ޓީމުގައި ކުރިން މެސީއާ އެކު ކުޅުނު ކުރީގެ ޑިފެންޑަރު ބުންޏެވެ.
"އަހަރެމެން ކުރިމަތިލާން ޖެހޭނީ ފަހަރަކު މެޗަކަށް. އެހެން ނޫނީ މުޅި އަހަރު ވާހަކަ ދައްކާނީ އެއް ކަމަކާ [މެސީ ވޯލްޑް ކަޕްގައި ކުޅުމާ] ބެހޭގޮތުން. އަހަރެމެން އެބަޖެހޭ އޭނާ އެކަނި (ވިސްނަން) ދޫކޮށްލަން. އަހަރެމެން ބަލާނަން އޭނާ ނިންމާ ގޮތެއް. އޭނާ އެކަން ނިންމާނީ. އެކަމާ ބެހޭގޮތުން އޭނާ އަށް އުނދަގޫވާވަރު ނުކުރޭ،" ސްކޮލާނީ ބުންޏެވެ.
ބްރެޒިލްގެ މައްޗަށް 4-1 އާޖެންޓީނާއިން ހޯދި މޮޅަކީ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް މިހާތަނަށް ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް ބުނީ މެސީ ޓީމުގައި ހުރިނަމަ އެއަށް ވުރެ ގިނަ ލަނޑު އާޖެންޓީނާ އަށް އެ މެޗުގައި ޖެހުނީސް ކަމަށެވެ.
"މެސީ ހުރިނަމަ އަހަރެމެންނަށް އިތުރަށް ދޭއް ނުވަތަ ތިން ލަނޑު ޖެހުނީސް،" އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ބުންޏެވެ.
ހަމަ އެ ކްލަބަށް ކުޅޭ އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރިގޯ ޑި ޕޯލް ބުނީ އާޖެންޓީނާގެ އެންމެ މޮޅު ގޭމް ފެންނާނީ މެސީ ދަނޑުމަތީގައި ހުންނައިރު ކަމަށެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުބެ މެން
27 March 2025
މެސީ ނެތި ވެސް އާޖެންޓީނާ އަށް ވޯލްޑް ކަޕް ދިފާއު ކުރެވިދާނެ؟ މިހާތަނައް އެކަން ކޮއްފައޮތީ އާޖެންޓީނާއިން 1978 އަދި 1986 ލޮލް
އަސޭލާ
27 March 2025
މެސީ އަކީ މޮޅުމީހެއް އެކަމަކު ބުރެޒިލްއާއި އެއްކޮށް ކުޅުނީރު ހުރިނަމަ ބަލިވެސް ވެދާނެ ފުޓްބޯޅާަ ވާނެގޮތެއް ނޭންގެ ހަމައެކަނި އުންމީދު ކުރެވޭނީ
ސުހާނާ
28 March 2025
ބްރެޒިލް އެ މެޗުގައި އެހާބޮޑަށް ބަލިވީ އަރުވާފައި ހުރި ގޯލްކީޕަރު ކަޑަކަމުން. އާޖެންޓީނާއިން ގޯލަށް ފޮނުވާލި ގިނަ ހަމަލާތައް ވަނީ ގޯލަށް. އޭނާއަށް ނޭނގޭ ބޯޅައަށް ނުކުންނަންޖެހޭ ވަގުތުވެސް. އެލިސަންއާއި އެޑަރސަންއާ 2 މީހުންކުރެ މީހަކު ހުރިނަމަ، އެ ގޯލްތައް ޖަހާކަށް އާޖެންޓީނާއަކަށް ފަަސޭހައެއް ނުވީސް.