ވޯލްޑް ކަޕްގެ ގުރޫޕް ޖޭ ގައި، އަލްޖީރިއާއާ ދެކޮޅަށް އާޖެންޓީނާ އަށް ނަތީޖާ ނެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ކެޕްޓަން ލިއޮނަލް މެސީ އެވެ. 

އޭނާގެ ފެންވަރާއި ހުނަރާއި ހިތްވަރާ މެދު އެއްވެސް މީހަކު ސުވާލެއް ނުއުފައްދާނެ އެވެ. ރާއްޖޭ ގަޑިން ބުދަ ދުވަހު ހެނދުނު ކުޅުނު މެޗުގައި 3-0 ން އާޖެންޓީނާ މޮޅުވީ މެސީގެ ހެޓްރިކުންނެވެ. 

އެކަމަކު ގިނަ ބަޔަކު އުފައްދާ އެހެން ސުވާލެއް އެބައޮތެވެ. ރެފްރީންގެ ފަރާތުން އޭނާއަށް "ހާއްސަ އިނާޔަތްތަކެއް" އޮންނަ ކަމަށް އުފައްދާ ސުވާލެވެ. 

އަލްޖީރިއާ ކޮޅަށް އޭނާ ޖެހި ފުރަތަމަ ގޯލާއި ދެވަނަ ގޯލާ ދެމެދު، ދަނޑުމަތީގައި ހުރެވުނީ އޭނާގެ ނަސީބު ރަނގަޅުކަމުން ކަމަށް ބައެއް މީހުން ބުނެ އެވެ. 

އަލްޖީރިއާގެ ކެޕްޓަން އައިސާ މަންޑީގެ ކަނާތު ފައިގެ ކުޑަކަޅުވާ މަސްގަނޑަށް އަމާޒުކޮށް މެސީ ކުރި ފައުލަކީ، އެންމެ ކުޑަ މިނުން ރީނދޫ ކާޑެއް ދައްކަންޖެހޭ ފައުލެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. 

ނުވަތަ އެއީ ރަތް ކާޑެއްވެސް ދެއްކުން އެކަށީގެންވި ފައުލެކެވެ. 

އެކަމަކު ޕޮލެންޑްގެ ރެފްރީ ޝިމޮން މާސީނިއަކް ނިންމީ ހަމައެކަނި ހިލޭ ޖެހުމެއް އަލްޖީރިއާ އަށް ދިނުމަށެވެ. މެސީ އަށް ކާޑް ދައްކާކަށް އޭނާގެ ވިސްނުމަކަށްނަ އެވެ. 

އަލްޖީރިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި މެސީ: އޭނާ ވަނީ އެ މެޗުގައި ހެޓްރިކް ހަދާފަ --- ފޮޓޯ: ގެޓީ އިމޭޖަސް
އަލްޖީރިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި މެސީ: އޭނާ ވަނީ އެ މެޗުގައި ހެޓްރިކް ހަދާފަ --- ފޮޓޯ: ގެޓީ އިމޭޖަސް

ބޯޅަ އޮތީ މަންޑީގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އޭނާާާާާ ދިޔައީ މާ ބާރަކަށް ނޫނެވެ. އަދި މެސީ ހުރި ތަނުން މަންޑީގެ އަތުން ބޯޅަ އަތުލުމުގެ ފުރުސަތު ވެސް ކުޑަ އެވެ. މަންޑީގެ ފަހަތުގައި ހުރެ މެސީ ކުރި ޗެލެންޖްގައި އޭނާގެ ބޫޓުގެ ދަށް ފުށް ގޮސް އެރީ މަންޑީގެ ކުޑަކަޅުވާ މަސްގަނޑަށެވެ.  

ރެފްރީ ނެގީ ލުއި ނިންމުމެކެވެ. ރީނދޫ ކާޑެއް ނުދައްކި އެވެ. 

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އުފައްދާ ސުވާލަކީ މިއީ ހާއްސަ އިނާޔަތެއް ހެއްޔެވެ؟

މި ސުވާލު އުފައްދަނީ މެސީއާ އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަޕޯޓަރުންނެވެ. އެ ދެ ކުޅުންތެރިންގެ ސަޕޯޓަރުންގެ ދެމެދުގައި އެއްބަޔަކު އަނެއް ބަޔަކަށް އަބަދުވެސް ބޮޑު ވާދަވެރިކަމެއް އޮވެ އެވެ. 

ރޮނާލްޑޯގެ ސަޕޯޓަރުން ބުނަނީ އެންމެ ކުޑަމިނުން ރީނދޫ ކާޑެއް ދައްކަން ޖެހޭ ކަމަށެވެ. 

ނަމަވެސް އެއްވެސް އަދަބަކާ ނުލައި މެސީ ސަލާމަތްވީ ހަމަ ހަގީގަތުގައި ވެސް އޭނާގެ ނަސީބު ރަނގަޅުކަމުން ހެއްޔެވެ؟