ހެރީ ކޭން
04 މެއި 2025 - 12:55
ސްޓާ ފޯވާޑް ހެރީ ކޭން ނުލައި ކުޅުނު މެޗުން އެއްވަރުވެ، ލީގު ހޯދުމުގެ ރޭހުގައި ބެޔާން މިޔުނިކްގެ އިންތިޒާރު ދިގުވެއްޖެ އެވެ.
ރެޑްބުލް ލައިޕްޒިގާ ދެކޮޅަށް ބެޔާން ކުޅުނު މެޗަށް ކޭން ހުރީ ސަސްޕެންޑް ވެފަ އެވެ. އެއި ކުރިން ކުޅުނު މެޗުގައި އޭނާ އަށް ދެއްކި ރީނދޫ ކާޑާ ގުޅުގެން އައި ދެ ކާޑްގެ ސަސްޕެންޝަނެކެވެ.
ކޭން ނުލައި ކުޅުނު މެޗު ލައިޕްޒިގްއިން 3-3 އެއްވަރު ކުރި އެވެ.
ބެޔާން މެޗުން މޮޅުވިނަމަ އެ ޓީމަށް 34 ވަނަ ފަހަރަށް ލީގު އިއްޔެ ކަށަވަރު ކުރެވުނީހެވެ. ސަސްޕެންޑް ވުމުން ސްޓޭޑިއަމްގެ ސްޓޭންޑްގައި މެޗު ބަލަން ހުރި ކޭން ހުރީ މެޗު ނިމޭނެ އިރަށް އުފާފާޅު ކުރަން ފައިބަން ތައްޔާރުވެގެންނެވެ.
އެކަމަކު މެޗުގެ އިތުރު ވަގުތުގައި ޔޫސުފް ޕޯލްސަން ބެޔާން ކޮޅަށް ވައްދާލި ލަނޑުންނެވެ.
ލީގު ކަށަވަރު ކުރަން ބެޔާން އަށް އެގޮތަކުން އެއް ދުވަހަށް ލަސްވީ އެވެ. މިއަދު ފްރައިބާގްއާ ދެކޮޅަށް ކުޅޭ މެޗުން ދެވަނައިގައި އޮތް ބެޔާ ލެވަކޫސަން އަށް މޮޅު ނުވެވިއްޖެނަމަ ބެޔާނަށް ލީގު ކަށަވަރު ވާނެ އެވެ.
ބެޔާންއާ ދެކޮޅަށް ލައިޕްޒިގުން ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި އެ ޓީމުން ދެ ލަނޑުގެ ލީޑެއް ބެޔާންގެ މައްޗަށް ނެގި އެވެ، ބެންޖަމިން ސެސްކޯ އާއި ލޫކަސް ކްލޯސްޓަމާންގެ ލަނޑުތަކުން 2-0 ން ކުރީގައި އޮވެ ލައިޕްޒިގުން ފުރަތަމަ ހާފު ނިންމާލި އެވެ.
ދެވަނަ ހާފުގައި ކައިރިކައިރިގައި ޖެހި ދެ ލަނޑުން ބެޔާނުން ނަތީޖާ ހަމަހަމަ ކުރި އެވެ. އެރިކް ޑިއާ އާއި މައިކަލް އޮލީޒޭގެ ލަނޑުން ބެޔާން ނަތީޖާ ހަމަހަމަ ކުރި އެވެ.
މެޗުގެ 83 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައި ދިނީ ލިރޮއީ ސާނޭ އެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓްގައި ޔޫސުފް ޕޯލްސަން ނަތީޖާ ހަމަހަމަ ކުރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy